ބައްދަލުކުރަން މައިމީހާ އައުމުންް ޢިޖާބަނުދީ އަޅުކަންކުރުމުގަ ދެމިހުރި ޖުރައިޖުގެ ވާހަކަ-


ޢަލީ އިޙްޞާން ފިރާޤް 
 
اللهُ ރުއްސުންލެއްވި އަބޫހުރައިރަތުގެފާނުގެ އަރިހުން ރިވާވެގެންވެއެވެ. އެ ކަލޭގެފާނު ވިދާޅުވިއެވެ. މާތްނަބިއްޔާ صَلَّى اللهُ عَلَيهِ وَسَلَّمَ ޙަދީޘްކުރެއްވިއެވެ. މީސްތަކުންކުރެ ފެންކޮށީގައި (އެބަހީ: ތުއްތު ކުއްޖެއްގެ ގޮތުގައި މަންމަގެ އުނގުގައިއޮވެ)، ތިން މީހަކު މެނުވީ ވާހަކަދައްކާފައި ނުވެއެވެ. (އޭގެ ތެރޭގައި) މަރްޔަމުގެފާނުގެ ދަރިކަލުން ޢީސާގެފާނާއި، ޖުރައިޖުގެ އެކުވެރިޔާ ހިމެނެއެވެ. 
ޖުރައިޖަކީ އަޅުވެރި ޒާހިދެކެވެ. އޭނާ އަޅުކަންކުރުމަށްޓަކައި ފައްޅިއެއް އިޚްތިޔާރުކޮށް، އެ ތާނގައި އޭނާ ދިރިއުޅެމުން ދިޔައެވެ. (އެއް ދުވަހަކު) އޭނާގެ މަންމާ (އޭނާއަށް ގޮވައިލަން) އައެވެ. އޭރު އޭނާ ހުރީ އަޅުކަންކުރާށެވެ. ފަހެ، އެ ކަނބުލޭގެ އޭނާއަށް ގޮވައިލިއެވެ. އޭ ދަރިފުޅާ ޖުރައިޖުއެވެ. ފަހެ، އޭނާގެ ހިތަށްއެރިއެވެ. އަޅުގެ ވެރިރަސްކަލާކޯއެވެ. އަޅުގެ މަންމައަށް ޖަވާބު ދިނުމާއި، ނަމާދު ފުރިހަމަ ކުރުމާ ދެ ކަންތައް އަޅާގެ މައްޗަށް ވާޖިބު ވެއްޖެއެވެ. ފަހެ، އޭނާ، އޭނާގެ އަޅުކަން ފުރިހަމަ ކުރުމުގައި ދެމިހުރީއެވެ. (ދަރިފުޅު ޖަވާބެއް ނުދިނުމުން) އެ ކަނބުލޭގެ އެނބުރި ދިޔައީއެވެ. އަނެއް ދުވަހު ވެސް އެ ކަނބުލޭގެ އައެވެ. އެ ވަގުތު ވެސް އޭނާ ހުރީ ނަމާދުކުރާށެވެ. ފަހެ، އެ ކަނބުލޭގެ އޭނާއަށް ގޮވައިލިއެވެ. އޭ ދަރިފުޅާ ޖުރައިޖުއެވެ. ފަހެ، އޭނާގެ ހިތަށްއެރިއެވެ. އަޅުގެ ވެރިރަސްކަލާކޯއެވެ. އަޅުގެ މަންމައަށް ޖަވާބު ދިނުމާއި، ނަމާދު ފުރިހަމަ ކުރުމާ ދެ ކަންތައް އަޅާގެ މައްޗަށް ވާޖިބު ވެއްޖެއެވެ. ފަހެ، އޭނާ، އޭނާގެ އަޅުކަން ފުރިހަމަ ކުރުމުގައި ދެމިހުރީއެވެ. އަނެއް ދުވަހު ވެސް އެ ކަނބުލޭގެ އައެވެ. އެ ދުވަހު ވެސް އޭނާ ހުރީ ނަމާދުކުރާށެވެ. ފަހެ، އެ ކަނބުލޭގެ އޭނާއަށް ގޮވައިލިއެވެ. އޭ ދަރިފުޅާ ޖުރައިޖުއެވެ. ފަހެ، އޭނާގެ ހިތަށްއެރިއެވެ. އަޅުގެ ވެރިރަސްކަލާކޯއެވެ. އަޅުގެ މަންމައަށް ޖަވާބު ދިނުމާއި، ނަމާދު ފުރިހަމަ ކުރުމާ ދެ ކަންތައް އަޅާގެ މައްޗަށް ވާޖިބު ވެއްޖެއެވެ. ފަހެ، އޭނާ އޭނާގެ އަޅުކަން ފުރިހަމަ ކުރުމުގައި ދެމިހުރީއެވެ. ފަހެ، އެ ކަނބުލޭގެ ބަދު ދުޢާކުރިއެވެ. އަޅުގެ ވެރިރަސްކަލާކޮ! ޒިނޭކުރާ އަންހެނުންނާ ބައްދަލުވެ (ފަޟީޙަތް) ވުމުގެ ކުރީގައި އޭނާ މަރުނުގަންނަވާނދޭވެ! ފަހެ، ބަނީއިސްރާއީލު ބާގައިގެ މީހުން، އެބައިމީހުންގެ މެދުގައި ޖުރައިޖުގެ އަޅުވެރިކަމުގެ ވާހަކަދައްކައި އުޅުނޫއެވެ. 
އެ ދުވަސްވަރު، އެބައިމީހުންގެ ތެރޭގައި، އޭނާގެ ރީތިކަމަށް މަޝްހޫރުވެ ނަންހިނގައިފައިވާ ޒިނޭކުރާ އަންހެނަކު އުޅުނެވެ. އެ ކަނބުލޭގެ ބުންޏެވެ. ތިޔަބައިމީހުން އެދެނީނަމަ، އަހަރެން އޭނާ މަޅީގައި ޖައްސައި، ފަޟީޙަތްކޮށްފާހުށީމެވެ. ފަހެ، އެ ކަނބުލޭގެ އޭނާއާ ކުރިމަތިލިއެވެ. ނަމަވެސް، އެ ކަނބުލޭގެ ހެއްލުންތެރިކަމަށް އޭނާ އެނބުރިއެއްނުގަތެވެ. އޭނާގެ (އެބަހީ: ޖުރައިޖުގެ) ފައްޅީގެ ކައިރީގައި ރޭގަނޑު ނިދައިއުޅޭ ބަކަރިހުއިހައްޕާ މީހަކު އުޅުނެވެ. ފަހެ، އެ ކަނބުލޭގެ އެ ކަލޭގެއާ ބައްދަލުކުރިއެވެ. އަދި އޭނާ ބޭނުން ކަމެއް ކުރުމަށް އެ ކަނބުލޭގެ ނަފުސު، އެ ކަލޭގެއާ ޙަވާލުކުރިއެވެ. ފަހެ، އެ ކަލޭގެ އޭނާއާ ޒިނޭކުރިއެވެ. ފަހެ، އެ ކަނބުލޭގެ ވިހެއުމުން (މީސްތަކުން ސުވާލުކުރާން ފެށޫއެވެ. ތިޔައީ ކާކުގެ ދަރިއެއް ހެއްޔެވެ؟) އެ ކަނބުލޭގެ ބުންޏެވެ. މިއީ ޖުރައިޖުގެ ދަރިއެކެވެ!! ފަހެ، މީސްތަކުން އޭނާއާ ދިމާކުރުމަށް އައިސް، އޭނާ ފައްޅީން ބޭރަށްނެރެ، ފައްޅި ތަޅައިލައިފޫއެވެ. އަދި އޭނާގެ ގައިގާ ތަޅާން ފަށައިގަތޫއެވެ. ފަހެ، އޭނާ ސުވާލުކުރިއެވެ. ތިޔަބައިމީހުންނަށް ވެގެން ތިޔައުޅެނީ ކީއްހެއްޔެވެ؟ އެއުރެން ބުނޫއެވެ. ޒިނޭކުރާ އެވެނި އަންހެނަކާ ކަލޭ ޒިނޭކުރީ ނޫންހެއްޔެވެ؟! އޭނާވަނީ ކަލެއަށް ދަރިޔަކު ވިހައިފައެވެ! އޭނާ ސުވާލުކުރިއެވެ. އެ ކުޑަކުއްޖާ ކޮބައިހެއްޔެވެ؟ ފަހެ، އެބައިމީހުން އެ ކުއްޖާ ގެނެސްފޫއެވެ. އެ ހިނދު އޭނާ ބުންޏެވެ. އަހަރެން ނަމާދުކޮށްލާނެ ފުރުސަތު ދޭށެވެ. ފަހެ، އޭނާ ނަމާދުކޮށް ސަލާންދިނުމަށްފަހު، އެ ކުޑަކުއްޖާގެގާތަށް އައެވެ. އަދި އެކުއްޖާގެ ބަނޑުގައި ޖަހައިލުމަށްފަހު ސުވާލުކުރިއެވެ. އޭ ކުޑަކުޑަ ކޮއިފުޅާއެވެ! ކޮއިފުޅުގެ ބައްޕައަކީ ކާކުހެއްޔެވެ؟ އެ ކުއްޖާ ބުންޏެވެ. އެއީ ބަކަރިހުއިހައްޕާ އެވެނި މީހާއެވެ!! ފަހެ، (އެ ތުއްތު ކުއްޖާގެ ވާހަކަ އަޑުއަހައި، ޤައުމުގެ މީހުން) ޖުރައިޖުގެ ގައިގައި ބޮސްދީ، އޭނާގެ ގައިގައި ފިރުމާން ފެށޫއެވެ. އަދި އެއުރެން ބުނޫއެވެ. ކަލޭގެފާނުގެ ފައްޅި ރަނުން ހަދައިދެންތޯއެވެ؟ އޭނާ ބުންޏެވެ. ނޫނެކެވެ. އެންމެ ކުރިން ވެސް އެ ތަން ހުރިގޮތަށް މަށިން ހަދައިދޭށެވެ! ފަހެ، އެބައިމީހުން އެ ގޮތަށް އެ ތަން ހަދައިދިނޫއެވެ. 
(ފެންކޮށީގައި ވާހަކަދެއްކި ތިންވަނަ މީހަކީ) އެ ތުއްތު ކުއްޖާގެ މައިމީހާގެ އުރުގައި ބުއްބޯންއޮތް ތުއްތު ކުއްޖެކެވެ. ފަހެ، އޭނާގެ ކައިރިންލައިފައި، ވަރަށް އަގުމާތް ފޭރާމުގައި، ވަރަށް ރީތި ސަވާރީއަކަށް ސަވާރުވެގެންދިޔަ މީހަކު ހުރަސްކުރިއެވެ. އެ ހިނދު އެ ތުއްތު ކުއްޖާގެ މަންމާ، މިފަދައިން ދުޢާކުރިއެވެ. އޭ އަޅުގެ ވެރިރަސްކަލާކޮ! އަޅުގެ މި ދަރިފުޅަކީ، މި މީހާފަދަ (ތަނަވަސް ކަމުގެ ވެރި) މީހަކު ކަމުގައި ލައްވައިފާނދޭވެ! ފަހެ، އެ ހިނދު އެ ތުއްތު ކުއްޖާ، އޭނާގެ މައިމީހާގެ އުރަމަތިން ތުން ނައްޓައިލައި، އެ މީހާއާ ދިމާއަށް އެނބުރި، އޭނާއާ ދިމާއަށް ބަލައިލިއެވެ. ފަހެ، އެ ތުއްތުކުއްޖާ މިފަދައިން ދުޢާކުރިއެވެ. އަޅުގެ ވެރިރަސްކަލާކޮ! މި އަޅާއީ، އޭނާފަދަ (ބޮޑާ، ކިބުރުވެރި، ޖައްބާރު) މީހަކު ކަމުގައި ނުލައްވާނދޭވެ! އެއަށްފަހު، އޭނާގެ މަންމަގެ އުރަމަތީގައި ތުންޖަހައި ބުއްބޯންފެށިއެވެ.  (ޙަދީޘްގެ ރާވީ ވިދާޅުވިއެވެ.) އެ ތުއްތު ކުޑަކުއްޖާ ބުއްބޯން ފެށިގޮތް ސިފަކޮށްދެއްވައި، ރަސޫލު اللَّهِ صَلَّى اللهُ عَلَيهِ وَسَلَّمَ ދައްކަވައިލެއްވި ގޮތް މިހާރު ވެސް ތިމަންގެ ލޮލަށް ފެންނަ ކަހަލައެވެ. ފަހެ، އެކަލޭގެފާނުގެ ޝަހާދަތް އިނގިލިފުޅު އަނގަފުޅަށް ލައްވައި ހިއްޕަވައިލެއްވިއެވެ. އެއަށްފަހު ޙަދީޘްކުރެއްވިއެވެ. {ދެން އެ ދެމައިންގެ ކައިރިން ހުރަސްކުރީ، ޒުވާން އަންހެންކުއްޖެއްގެ ގައިގައި ތަޅަމުން ދިޔަ ބަޔެކެވެ. އެބައިމީހުން ބުނަމުންދިޔައެވެ. ކަނބުލޭގެ ޒިނޭކުރީތާއެވެ! ކަނބުލޭގެ ވައްކަންކުރީތާއެވެ! އެ ކަނބުލޭގެ ބުނަމުންދިޔައެވެ. އަހަރެންނަށް اللَّهُ ފުދެއެވެ. އަދި ވަކީލުކުރެވޭ ފަރާތުގެ މޮޅުކަމާއެވެ! ފަހެ، (އެ ހިނދު) އެ ތުއްތު ކުއްޖާގެ މަންމާ މިފަދައިން ދުޢާކުރިއެވެ އޭ އަޅުގެ ވެރިރަސްކަލާކޮ! އަޅުގެ މި ދަރިފުޅަކީ، މި އަންހެންކުއްޖާފަދަ (ނުރަނގަޅު) މީހަކު ކަމުގައި ނުލައްވާނދޭވެ! ފަހެ، އެ ހިނދު އެ ތުއްތު ކުއްޖާ އޭނާގެ މައިމީހާގެ އުރަމަތިން ތުން ނައްޓައިލައި، އެ އަންހެންކުއްޖާއަށް ބަލައިލުމަށްފަހު ބުންޏެވެ. އަޅުގެ ވެރިރަސްކަލާކޮ! މި އަޅާއީ، އޭނާފަދަ (އީމާންތެރި، ތެދުވެރި، ޢިއްފަތްތެރި) މީހަކު ކަމުގައި ލައްވާނދޭވެ! އެ ހިނދު އެ ތުއްތު ކުއްޖާގެ މަންމަ، އޭނާގެ (ކިރުތުނބުން ނުވީއްލާ ތުއްތު) ދަރިފުޅު ކުރެން (އޭނާގެ މަންމަގެ ދުޢާއަށް އިންކާރުކުޅަ ސަބަބު އޮޅުންފިލުވުމަށްޓަކައި) ސުވާލުކުރިއެވެ. އެ ކަނބުލޭގެ (އެބަހީ: އެ ތުއްތުކުއްޖާގެ މަންމާ) ބުންޏެވެ. ވަރަށް އަގުމާތް ފޭރާމެއް ލައިގެންދިޔަ މީހަކު ހުރަސްކުރި ހިނދު، [އޭ އަޅުގެ ވެރިރަސްކަލާކޯއެވެ! އަޅުގެ މި ދަރިފުޅަކީ، މި މީހާފަދަ (ތަނަވަސް ކަމުގެ ވެރި) މީހަކު ކަމުގައި ލައްވާނދޭވެއޭ] ކިޔައި (މަންމާ) ދުޢާކުރީމެވެ. (ދަރިފުޅު އެ ކަމާ އިންކާރުކޮށް) އަޅުގެ ވެރިރަސްކަލާކޯއެވެ! މި އަޅާއީ، އޭނާ ފަދަ މީހަކު ކަމުގައި ނުލައްވާނދޭވެއޭ ބުނީމުއެވެ. އަދި މި އަންހެންކުއްޖާ ހުރަސްކުރި ހިނދު، އެބައިމީހުން އޭނާ ޒިނޭކޮށް، ވައްކަންކޮށް ހެދިކަމަށްބުނެ، އޭނާގެ ގައިގައި ތަޅަމުން ދާތަންފެނި، [އޭ އަޅުގެ ވެރިރަސްކަލާކޯއެވެ! އަޅުގެ މި ދަރިފުޅަކީ، މި ކަނބުލޭގެ ފަދަ މީހަކު ކަމުގައި ނުލައްވާނދޭވެއޭ] މަންމާ ބުނެ ދުޢާކުރީމެވެ. (ނަމަވެސް ދަރިފުޅު އެ ކަމާ އިންކާރުކޮށް) އަޅުގެ ވެރިރަސްކަލާކޯއެވެ! މި އަޅާއީ، އެ އަންހެންކުއްޖާ ފަދަ މީހަކު ކަމުގައި ލައްވާނދޭވެއޭ  ބުނީމުއެވެ. (މި ކަމުގެ ސިއްރަކީ ކޮބައިހެއްޔެވެ؟)   އެ ތުއްތު ކުއްޖާ ބުންޏެވެ. އެ މީހާއަކީ، ބޮޑާ، ކިބުރުވެރި ދެއްކުންތެރި މީހެކެވެ. އެހެންވެ، އޭނާ ފަދަ (ބޮޑާ، ކިބުރުވެރި، ޖައްބާރު) މީހަކު ކަމުގައި ނުލެއްވުންއެދި (އަޅުގަނޑު) ދުޢާކުރީއެވެ. އަދި އެ އަންހެން ކުއްޖާއަކީ ޒިނޭކޮށްފައިވާ ކުއްޖަކު ކަމުގައި އެބައިމީހުން ބުނި ނަމަވެސް، އޭނާއަކީ ޒިނޭކޮށްފައިވާ ކުއްޖެއް ނޫނެވެ. އަދި ވައްކަންކޮށްފައިވާ ކުއްޖަކު ކަމުގައި އެބައިމީހުން ބުނިނަމަވެސް އޭނާއަކީ ވައްކަންކޮށްފައިވާ ކުއްޖެއް ވެސް ނޫނެވެ. މި އަޅާއީ، އޭނާ ފަދަ މީހަކު ކަމުގައި ލައްވާނދޭވެއޭ އަޅުގަނޑު ބުނީ އެހެންވެއެވެ. {ރިޔާޟުއް ޞާލިޙީންގެ ދިވެހި ތަރުޖަމާ، އައްޝައިޚް އަޙްމަދު ފާރޫޤު މުޙައްމަދު}
މިދެންނެވި ޙަދީޘަކީ ބުޚާރީ އާއި މުސްލިމު ރިވާ ކުރައްވައިފައިވާ ޙަދީޘެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ