އައްޑޫގެ ކަރަންޓު މައްސަލަ އޮގަސްޓު މަހުގެ ތެރޭގައި ހައްލުވާނެ ކަމަށް އެންވަޔަރަންމަންޓް މިނިސްޓަރު ތާރިގް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މިނިސްޓަރު ތާރިގްއާ ސުވާލު ކުރުމަށް ލިބުނު ފުުރުސަތުގައި ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް ވަނީ އައްޑޫގެ ކަރަންޓު މައްސަލަ ހައްލު ކުރުމަށް ކުރަމުންދާ މަސައްކަތްތަކާ ގުޅޭގޮތުން ސުވާލު ކޮށްފައެވެ.
އެ ސުވާލަށް ޖަވާބު ދެއްވަމުން މިނިނސްޓަރު ތާރިގް ވިދާޅުވީ އައްޑޫ ކަރަންޓުގެ މައްސަލައަކީ ކުރީ ސަރުކާރުން އެތަނަށް އެއްވެސް ތަރައްގީއެއް ނުގެނެވި އޮތުމުން ދިމާވެފައިވާ މައްސަލައެއް ކަމަށެވެ. މިސަރުކާރު އައިއިރު އެތަންތަނުގައި މެއިންޓޭނަންސް މަސައްކަތްވެސް ނުކޮށް ހުރިކަމަށާއި އާ އިންޖީނުގޭގެ ވެސް ހެދިފައިވަނީ އެއްބައި ކަމަށް ވިދާޅުވިއެވެ.
މިނިސްޓަރު ތާރިގް ވިދާޅުވީ އައްޑޫގެ ކަރަންޓުގެ މައްސަލަ ހައްލުކުރުމަށް މިސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށެވެ. އައްޑުއަށް އެންމެ ބާރުބޮޑުވާ ވަގުތު 12 މެގަވޯޓްގެ ކަރަންޓު ބޭނުންވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އެ ސިޓީގައި ހުންނަނީ 20 ޖެނަރޭޓަރުގެ ޖުމުލަ 26.8 މެގަވޮޓް ލިބޭ ޖެނަރޭޓަރު ސެޓެއް ކަމަށާއި، މީގެތެރެއިން 5 ޖަނަރޭޓަރު ހަލާކުވެފައިވާ ކަމަށް މިނިސްތަރު ތާރިގް ވިދާޅުވިއެވެ. އަދި މިހާރު އުފެއްދެނީ 15 މެގަވޮޓްގެ ކަރަންޓުކަން މިނިސްޓަރު ތާރިގް ފާހަގަ ކުރެއްވިއެވެ. އެހެންކަމުން ޕީކް ގަޑީގައި ކަރަންޓު ކެނޑުމުގެ މައްސަލަ ދިމާވާ ކަމަށް ވިދާޅުވިއެވެ.
މިނިސްޓަރު ތާރިގް ވިދާޅުވީ އައްޑުއަށް ބޭނުންވާ 1.5 މެގަވޮޓްގެ އާ ޖަނަރޭތަރެއް ގަނެފައިވާ ކަމަށެވެ. އަދި އޮގަސްޓް މަހު އެ ޖަނަރޭޓަރު ބަހައްޓާ ނިމޭނެ ކަމަށެވެ. އަދި ތިން ޖެނަރޭޓަކަށް ބޭނުންވާ ސްޕެއާ ވެސް ހޯދާފައިވާ ކަމަށާއި، އެ ޖަނަރޭޓަރުތައްވެސް އޮގަސްޓްގެ ކުރިން އޮޕަރޭޝަނަށް ގެނެވޭނެ ކަމަށްވެސް ވިދާޅުވިއެވެ. އަދި ދެ މެގަވޮޓުގެ ދެ ޖެނަރޭޓަރު އޯވަހޯލް ކުރުމަށްފަހު މިއަހަރުގެތެރޭގައި އޮޕަރޭޝަނަށް ގެނެވޭނެ ކަމަށެވެ.
އައްޑޫ ކަރަންޓު މައްސަލަ އަންނަ މަހު ހައްލުވާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ