މޫސުން ރަނގަޅުވުމާއެކު އަމީނީމަގުގެ މަސައްކަތް އަލުން ފަށައިފި

މޫސުން ރަނގަޅުވުމާއެކު އަމީނީމަގުގެ މަސައްކަތް އަލުން ފަށަާފައިވާ ކަމަށް ރޯދް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރުޑީސީ) އިން ބުނެފިއެވެ.
މާލެ ސަރަޙައްދަށް އިއްޔެ ބޯކޮށް ވާރޭވެހުމުގެ ސަބަބުން އަމީނީމަގުގެ މަސައްކަތް ވަނީ މަޑުޖައްސާލާފައެވެ. އަމީނީ މަގުގައި މިހާރު ކުރިއަށްދަނީ ކާބްސް ސްޓޯން ޖެހުމުގެ މަސައްކަތާއި، ޖަންކްޝަންތައް ލެވެލް ކުރުމުގެ އިތުރުން ފަސްގަނޑު އެއްވަރުކޮށް ކޮންޕެކްޓް ކުރުމުގެ މަސައްކަތެވެ.
ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި އިއްޔެ ވަނީ މާލެ އަށް ބޯކޮށް ވާރޭވެހި މަގުތަކުގައި ވަރަށް ބޮޑަށް ފެންބޮޑުވެފައެވެ. އޭގެތެރެއިންވެސް އަމީނީމަގުގައި ވަނީ ވަކިން ބޮޑަށް ފެންބޮޑުވެފައެވެ. އެއާއެކު މަގުހެދުމުގެ މަސައްކަތް ވަނީ މަޑުޖައްސާލާފައެވެ.
ނަމަވެސް މޫސުން ރަނގަޅުވުމާއެކު މަގުހެދުމުގެ މަސައްކަތް މިހާރު ވަނީ އަލުން ފަށާފައެވެ. އާރުޑީސީން ބުނީ މޫސުން ރަަނގަޅު ނަމަ ކުރިންވެސް މަސައްކަތް ކުރަމުން އައިގޮތަށް 24 ގަޑިއިރު މަސައްކަތް ކުރިއަށްދާނެ ކަމަށެވެ.
ޒަމާނީ ފެންވަރަށް އަމީނީމަގު ތަރައްޤީކުރަން ކުރަމުންދާ މަސައްކަތުގެ ތެރެއިން މިހާރު ކުރިއަށްދަނީ އެންމެ ފަހު ދެ ސެގްމެންޓުގެ މަސައްކަތެވެ. 24 ގަޑީރު ހުއްޓާނުލާ އާރުޑީސީގެ މުވައްޒަފުން މި މަސައްކަތް ކުރަމުންދާއިރު އަމާޒު ހިފާފައިހުރީ 50 ދުވަހުގެ ތެރޭގައި މި މަސައްކަތް ނިންމާލުމަށެވެ.
ހައުސިންގ މިނިސްޓްރީއާއި ހަމައިން ހުޅަނގަށް އޮތް ބައި ހެދުމުގެ މަސައްކަތް މިހާރު ކުރިއަށްދާއިރު، މި ދެ ސެގްމެންޓްގައި ތާރުއަޅާ މަގު ހެދުމަށް ހަމަޖެހިފައިވަނީ އެހެން ސެގްމެންޓްތަކަށްވުރެ ފުޅާކޮށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ