އެއާ އިންޑިއާގެ ބޯޓު ވެއްޓުނީ ޕައިލެޓްގެ ކުށުން ކަމަށް ދައްކާ ވާހަކަތައް ޕައިލެޓް ގްރޫޕްތަކުން ދޮގުކޮށްފި

އެއާ އިންޑިއާގެ މަތިންދާބޯޓު ވެއްޓި 260 މީހުން މަރުވި ހާދިސާ ހިނގީ ޕައިލެޓުންގެ އިހުމާލަކުން ކަމަށް ކުރާ ތުހުމަތު ކޮމާޝަލް ޕައިލެޓުންގެ ދެ ގްރޫޕަކުން ދޮގުކޮށްފި އެވެ.
އިންޑިއަން އެއާލައިންސްގެ ފްލައިޓް އޭއައި 171ގެ އިންޖީނުތަކަށް ބޭނުންވާ ފިއުލް ކޮންޓްރޯލް ސްވިޗުތައް ނުރައްކާތެރި އެކްސިޑެންޓްގެ ކުރިން ނިއްވާލި ކަމަށް، އެ ހާދިސާގެ އިބްތިދާއީ ރިޕޯޓް އާންމުކުރުމަށް ފަހު، އިންޑިއަން ކޮމާޝަލް ޕައިލެޓްސް އެސޯސިއޭޝަން (އައިސީޕީއޭ) އާއި އެއާލައިން ޕައިލެޓްސް އެސޯސިއޭޝަން އޮފް އިންޑިއާ (އެލްޕީއޭ އިންޑިއާ) އިން އާދީއްތަ ދުވަހު ވަނީ ބަޔާނެއް ނެރެފަ އެވެ.
އިންޑިއާގެ ހުޅަނގުގެ އަހްމަދުއާބާދުން ފުރިތާ ކުޑަ އިރުކޮޅެއްގެ ތެރޭގައި ބޮއިން 787-8 ޑްރީމްލައިނާ ވެއްޓުނީ ޕައިލެޓުން ގަސްދުގައި ނުވަތަ އެކްސިޑެންޓަކުން ކުރި ކަމެއްގެ ސަބަބު ކަމަށް ވެދާނެ ކަމަށް އޭވިއޭޝަންގެ މިނިވަން ބައެއް ތަޖުރިބާކާރުން ވަނީ ބުނެފަ އެވެ.
ލަންޑަންގެ ގެޓްވިކް އެއާޕޯޓަށް ދަތުރުކުރަމުން ދިޔަ ބޯޓު ވެއްޓުނީ މިދިޔަ މަހުގެ 12 ވަނަ ދުވަހު އެވެ.
އިންޑިއާގެ މަތިންދާބޯޓް އެކްސިޑެންޓް އިންވެސްޓިގޭޝަން ބިއުރޯ (އޭއޭއައިބީ) އިން ހޮނިހިރު ދުވަހު ނެރުނު އެ އެކްސިޑެންޓާ ގުޅޭ އިބްތިދާއީ ރިޕޯޓުގައި އެއްވެސް ނިންމުމެއް އަދި އެ ހާދިސާގެ ކުށެއް ހާމަކޮށްފައެއް ނުވެ އެވެ. ނަމަވެސް އެއް ޕައިލެޓަކު އަނެއް ޕައިލެޓް ކައިރީ ތެޔޮ ސްވިޗު ނިއްވާލީ ކީއްވެތޯ ސުވާލު ކުރި އެވެ. އެކަމަކު ދެ ވަނަ ޕައިލެޓް އެކަން ނުކުރާ ކަމަށް ބުނާ އަޑު ވަނީ ކޮކްޕިޓް ވޮއިސް ރެކޯޑް ކުރެވިފަ އެވެ. 
އެ ސްވިޗުތައް ނިއްވާލުމާ އެކު ބޮއިން 787 ޑްރީމްލައިނާގެ ތްރަސްޓް ގެއްލި ވަނީ ވެއްޓިފަ އެވެ.
އިންޖީނަށް ތެޔޮ ފޮނުވާ ސްވިޗު ނިއްވާލިތޯ އެހީ ފްލައިޓްގެ ކެޕްޓަން ކަމެއް ނުވަތަ ކޯ ޕައިލެޓް ކަމެއް އަދި ބޯޓު ވެއްޓުމުގެ ކުރިން "މޭޑޭ، މޭޑޭ، މޭޑޭ" އިއުލާން ކުރީ ކޮން ޕައިލެޓެއް ކަމެއް ރިޕޯޓްގައި ބަޔާންކޮށްފައެއް ނުވެ އެވެ.
ޕައިލެޓުންގެ މެދުގައި ކޮކްޕިޓްގައި ދެކެވުނު އިތުރު ވާހަކަތަކާ ގުޅޭ މައުލޫމާތު ވެސް ހާމަކޮށްފައެއް ނުވެ އެވެ.
އައިސީޕީއޭ އިން ބުނީ އަސާސެއް ނެތް ވާހަކަތަކާއި ހާއްސަކޮށް ޕައިލެޓް އަމިއްލައަށް މަރުވުމުގެ ނިޔަތުގައި ކުރި ކަމެއް ކަމަށް ފަތުރާ އެއްވެސް އަސްލެއް ނެތް ވާހަކަތަކާ ދޭތެރޭ ކަންބޮޑުވާ ކަމަށެވެ. 
ސައްހަ ހެއްކެއް ނެތި ޕައިލެޓަކު އަމިއްލައަށް މަރުވި ކަމަށް ކުއްލިއަކަށް ބުނުމަކީ އެތިކަލް ރިޕޯޓިން ސްޓޭންޑަޑްތަކާ ވަރަށް ބޮޑަށް ހިލާފުވެ، ޕްރޮފެޝަންގެ ކަރާމާތަށް އިހުތިރާމް ނުކުރުން ކަމަށް އެ ބަޔާނުގައި ބުންޏެވެ.
"މި މަރުހަލާގައި އެފަދަ ވާހަކައެއް ދެއްކުމުގެ އެއްވެސް އަސާސެއް ނެތް،" ބަޔާނުގައި ބުންޏެވެ.
އެ ތަނުން ބުނީ އެއީ އެ ހާދިސާގެ ހިތްދަތިކަން ބަރުދާސް ކުރަމުންދާ ފަރުދުންނާއި އާއިލާތަކަށް ވަރަށް އިހާނެތިކޮށް ކުރާ ކަމެއް ކަމަށެވެ.
"ޕައިލެޓަކު އަމިއްލައަށް މަރުވި ކަމަށް ސައްހަ ހެއްކެއް ނެތި ބުނުމަކީ އެތިކަލް ރިޕޯޓިންއާ ވަރަށް ބޮޑަށް ހިލާފު ކަމެއް. އަދި އެއީ ޕްރޮފެޝަންގެ ކަރާމާތަށް އަރައިގަތުން،" ބަޔާނުގައިވެ އެވެ.
އިންޖީނު ފިއުލް ކޮންޓްރޯލް ސްވިޗުތައް އޮޕަރޭޓް ކުރެވޭނީ ގަސްދުގައި އަދި މެނުއަލްކޮށް ކަމަށް އޭވިއޭޝަންގެ ބައެއް ތަޖުރިބާކާރުންގެ ވާހަކަ އައިސީޕީއޭ އިން ފާހަގަކުރި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ