ކާވާ ޗެމްޕިއަންސް ލީގުގެ މެޗުތަކަށް ޓިކެޓެއްގެ އަގަކީ 20 ރުފިޔާ

އަންނަ ބުރާސްފަތި ދުވަހު މާލޭގައި ފަށާ ސެންޓްރަލް އޭޝިއަން ވޮލީބޯލް އެސޯސިއޭޝަންސް (ކާވާ)ގެ ފިރިހެން ކުލަބުތަކުގެ ޗެމްޕިއަން ޓީމުތަކުގެ މެދުގައި ކުޅޭ، ޗެމްޕިއަންސް ލީގުގެ މެޗުތައް ކުޅޭ ސޯޝަލް ސެންޓަރު އިންޑޯ ހޯލުގައި މެޗު ބެލުމަށް ޓިކެޓު ވިއްކަން ނިންމައިފިއެވެ. މިއީ ސޯޝަލް ސެންޓަރުގައި ބާއްވާ ބައިނަލްއަގުވާމީ ވޮލީ މުބާރާތެއްގައި ޓިކެޓު ވިއްކަން ނިންމި ފުރަތަމަ ފަހަރެވެ. އަދި ރާއްޖޭގެ ވޮލީގެ ތާރީޚުގައި މިއީ މިފަދަ ކަމެއް ކުރާ ފުރަތަމަ ފަހަރެވެ. މުބާރާތުގެ ކޮންމެ މެޗަކަށް ޓިކެޓު ވިއްކަން ނިންމާފައިވާއިރު، ޓިކެޓެއްގެ އަގަކީ 20 ރުފިޔާއެވެ. ގާތްގަނޑަކަށް 2000 އެއްހާ ސަޕޯޓަރުންނަށް ކުޅިބަލަން ވަދެވޭ ސޯޝަލް ސެންޓަރުގައި ކޮންމެ މެޗެއް ފެށުމުގެ އެއް ގަޑިއިރުކުރިން ޓިކެޓު ވިއްކަން ފަށާނެއެވެ. ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން ވަނީ ވީހާވެސް ގިނަ ކުޅިބެލުންތެރިން ސޯޝަލް ސެންޓަރަށް ދިޔުމަށް އެދިފައެވެ. އަދި ނޭޕާލާއި ލަންކާގެ އިތުރުން ކިރްގިސްތާނާއި ކަޒަކިސްތާނުގެ ސަޕޯޓަރުންނަށްވެސް ތަފާތު ކުރުމެއް ނެތި ޓިކެޓު ލިބޭނެ އިންތިޒާމު ހަމަޖައްސާނެ ކަމަށް ބުނެފައިވެއެވެ. މުބާރާތުގެ ޝެޑިއުލް ވީއޭއެމްގެ ރައީސް މުޙައްމަދު ލަތީފް ވިދާޅުވީ ސޯޝަލް ސެންޓަރަށް ވަދެ، ޓީމަށް ދޭ ތަރުހީބަކީ ކުޅުންތެރިންނަށް ލިބޭނެ ބޮޑު ހިތްވަރެއްގެ ގޮތުގައި ސިފަކުރައްވައިފައެވެ. އަދި ވޮލީގެ ހަގީގީ ފޯރި އަންނާނީ ހަމަލޮލުން މެޗު ފެނިގެންކަން ފާހަގަކުރައްވަމުން ލަތީފް ވަނީ މިދިޔަ އަހަރު ރާއްޖޭގައި ބޭއްވި ކާވާގެ އަންހެން ކުލަބު މުބާރާތަށްވެސް ލިބުނު ބޮޑު ތަރުހީބު ފާހަގަކުރައްވާފައެވެ. އަދި އެ ތަރުހީބު މިއަހަރުގެ މުބާރާތުގައިވެސް ލިބޭނެކަމުގެ އުންމީދު ކުރައްވާކަމަށް ވިދާޅުވިއެވެ. ރާއްޖޭގައި ޓިކެޓު ވިއްކައިގެން މެޗު ބެލުމުގެ އިންތިޒާމު އަލަށް ހަމަޖެއްސި ނަމަވެސް މިއީ ސަރަހައްދީ އެހެން ގައުމުތަކުގައި މިހާރު ވެސް ކުރަމުން އަންނަ ކަމެކެވެ. އެގޮތުން އެންމެ ފަހުން މިދިޔަ އަހަރު ނޭޕާލުގައި ބޭއްވި ކާވާގެ ކުލަބު މުބާރާތަށްވެސް ސަޕޯޓަރުން ވޮލީ ކުޅޭ ތަނަށް ވެއްދީ ޓިކެޓު ވިއްކައިގެންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ