އާސަންދައިން ހިލޭ އައިނު ހެއްދޭ އައިނު ފިހާރަ އައިޖީއެމްއެޗްގައި ހުޅުވައިފި

އާސަންދައިން ހިލޭ އައިނު ހެއްދޭ ގޮތަށް ގާއިމުކޮށްފައިވާ ސަރުކާރުގެ އައިނު ފިހާރަ އައިޖީއެމްއެޗުގައި މިއަދު ހުޅުވައިފި އެވެ.
ވީ ކިހިނެއް؟ - މާލޭ ސިޓީ ގްރޫޕްސް އޮފް ހޮސްޕިޓަލް (އެމްސީޖީއެޗް)ގެ ދަށުން ހިދުމަތްދޭ ގޮތަށް، 'އެމްސީޖީއެޗް އޮޕްޓިކަލްސް'ގެ ނަމުގައި މި އައިނު ފިހާރަ ހުޅުވާފައިވަނީ މިއަދު އެކަމަށްޓަކައި އައިޖީއެމްއެޗުގައި ބޭއްވި ހާއްސަ ރަސްމިޔާތެއްގަ އެވެ. އެ ފިހާރަ ހުޅުވައިދެއްވުމަށް ފަހު ރައީސް މުހައްމަދު މުއިއްޒު ވަނީ އެ ތަން ބައްލަވާލައްވާފަ އެވެ.
ތަފްސީލް - އެމްސީޖީއެޗްގެ ސީއީއޯ އިބްރާހިމް އަބްދުލް ރައްޒާގު ހަލީމް މި ރަސްމިޔާތުގައި ވާހަކަދައްކަވަމުން ވިދާޅުވީ އާސަންދައިގެ ދަށުން ލުއިފަސޭހަވާނެ ގޮތެއްގައި އައިނުގެ ހިދުމަތް ހޯދޭނެ ގޮތަކަށް އިންތިޒާމުތައް ހަމަޖެއްސެވުމަށް ރައީސް މުއިއްޒު އެންގެވީ މިދިޔަ މެއި މަސްތެރޭގައި ކަމަށެވެ. އޭގެ ދެ މަސް ފަހުން މިއަދު ހުޅުވި ސަރުކާރުގެ އައިނު ފިހާރައިގައި ޒަމަނީ މެޝިނަރީތަކުގެ އެހީގައި ފަރުވާ ހޯދޭނެ ގޮތްތައް ގާއިމުުކުރެވިފައިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުން، އެ ފިހާރައިން:
އައިނު ހެއްދުމާއި ލެންސު ހެއްދުމުގެ ހުރިހާ ހިދުމަތެއް ލިބޭނެ
އެ ފިހާރައިގައި ގާއިމުކުރެވިފައިވާ ޒަމާނީ މެޝިނަރީތަކުގެ އެހީގައި ކޭޓްރިކް، ލޮލުގެ ޕްރެޝަރު ބެލުން އަދި އަވަސް މަރުހަލާގައި ގުލްކޯމާ ދެނެގަނެވޭނެ
އާސަންދައިން ނަންބަރު އައިނު ހެއްދުމަށް ދޫކުރާ އާސަންދައިގެ އަދަދު 2000ރ.ގެ އިމުގެ ތެރޭގައި އައިނު ހިލޭ ހެއްދޭނެ
ހަލީމް ވިދާޅުވީ އަންނަ މަހުން ފެށިގެން ހުޅުމާލެ ހޮސްޕިޓަލުގައި ވެސް އެ ހިދުމަތް ލިބޭނެ އިންތިޒާމު ހަމަޖައްސާނެ ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި ރާއްޖޭގެ ހުރިހާ ރީޖަނަލް ހޮސްޕިޓަލުތަކަކުން ވެސް އެ ހިދުމަތް ލިބޭނެ އިންތިޒާމު ހަމަޖައްސާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ފާހަގަކޮށްލެވޭ ކަމެއް - ނަންބަރު އައިނު ހެއްދުމަށް އާސަންދައިން މީގެ ކުރިން ދިނީ 1،000ރ. އެވެ. އެ އަދަދު 2،000ރ.އަށް މިމަހުން ފެށިގެން ބޮޑުކުރާނެ ކަމަށް މިދިޔަ މޭ މަހު ރައީސް ވަނީ ވިދާޅުވެފަ އެވެ. އެއާ އެކު، އައިޖީއެމްއެޗުގައި ނަންބަރު އައިނުގެ ވިޔަފާރި ފަށާނެ ކަމަށް ވެސް އޭރު ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި، އައިޖީއެމްއެޗުގައި އެ ހިދުމަތަށް ފިހާރައެއް ގާއިމުކުރަން، ނަންބަރު އައިނަށް ދޭ އާސަންދައިގެ އަދަދު ބޮޑުކުރުމުން، އޭގެ ނާޖާއިޒު ފައިދާ އަމިއްލަ ވިޔަފާރިތަކުން ނަގަން ފުރުސަތު ދޭން ސަރުކާރުން ބޭނުން ނުވާތީ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ