ދެ ކޯޓަކަށް ހާއްސަ ޖަސްޓިސް ބިލްޑިން އެނެކްސް ހުޅުވައިފި
ކްރިމިނަލް ކޯޓާއި ޑްރަގް ކޯޓަށް ހާއްސަކޮށްގެން އިމާރާތްކުރި ޖަސްޓިސް ބިލްޑިން އެނެކްސް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ހުޅުއްވައިދެއްވައިފި އެވެ.މި އިމާރާތް ހުޅުއްވައިދެއްވީ، މިއަދު މެންދުރު ފަހު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ރައީސް ޑރ. މުހައްމަދު މުއިއްޒެވެ. އެ ރަސްމިއްޔާތުގައި ކެބިނެޓް މިނިސްޓަރުންނާއި ޝަރުއީ ދާއިރާގެ އިސްވެރިންނާއި މުވައްޒަފުން ބައިވެރިވެވަޑައިގެންނެވި އެވެ.އެ ރަސްމިއްޔާތުގައި ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރު އަމްޖަދު މުސްތަފާ ވިދާޅުވީ އެ އިމާރާތަކީ ފަހުގެ ތާރީހެއްގައި ސަރުކާރުން ޝަރުއީ ދާއިރާގެ އިމާރާތެއް އެޅުމަށް އެންމެ ބޮޑު ހަރަދެއް ކުރި އިމާރާތް ކަމަށެވެ. އަދި އެ މަސައްކަތް ނިންމުމަށް ސަރުކާރުން ވަރަށް ހާއްސަ އިސްކަމެއް ދިން ކަމަށް އޭނާ ވިދާޅުވި އެވެ."އެތައް ދުވަހެއް ވަންދެން ނުނިމި ދިގުލައިގެން ދިޔަ އެތަކެއް މައްސަލަތަކަށް އަލަށް ހަމަޖެހުނު ޖަސްޓިސް ބިލްޑިންގުގެ އެނެކްސްގެ ސަބަބުން ވަނީ ހައްލު ވެފައި. އުއްމީދަކީ އަލަށް ހަމަޖެހުނު އިމާރާތުގެ ސަބަބުން ކްރިމިނަލް ކޯޓާއި ޑްރަގް ކޯޓުގެ މަސައްކަތުގެ ދުވެލި ހަލުވިވެ، ފަސޭހަކަމާއި އަވަސްކަމާ އެކު ރައްޔިތުންނަށް އަދުލު އިންސާފު ފޯރުކޮށްދިނުމަށް މަގުފަހިވެގެން ދިއުން." އަމްޖަދު ވިދާޅުވި އެވެރައީސުލްޖުމްހޫރިއްޔާ މިއަދު ހުޅުއްވައިދެއްވި ކްރިމިނަލް ކޯޓާއި ޑްރަގް ކޯޓުގެ އާ އިމާރާތް ބޭނުންކުރަން ފެށުމުން ކޯޓުތަކަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމަށް ހައްލެއް ލިބި، މައްސަލައިގެ އަޑުއެހުންތައް ލަސްވެ، ހުކުމަކާ ހަމައަށް ވާސިލް ނުވެ، ދިގުލައިގެން ދިއުމުގެ މައްސަލައަށް ބޮޑު ހައްލެއް ލިބިގެންދާނެ އެވެ.މިއަދު ހުޅުވި އިމާރާތުގައި ޑްރަގް ކޯޓަށް ހާއްސަ ފަސް ކޯޓު ރޫމާއި ކްރިމިނަލް ކޯޓަށް ހާއްސަ 10 ކޯޓު ރޫމް ހިމެނެ އެވެ. އަދި ފަނޑިޔާރުންނަށް ހާއްސަ 17 ކޮޓަރީގެ އިތުރުން ދިފާއީ ވަކީލުންނަށާއި ދައުލަތުގެ ވަކީލުންނަށް ބޭނުން ކުރެވޭނެ ޖާގަތަކެއްވެސް ވަނީ ކަނޑައަޅާފަ އެވެ.ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އާ ހަވާލުކޮށްގެން ކުރިއަށް ގެންދިޔަ މި މަޝްރޫއުގެ ދަށުން ތަރައްގީ ކުރި އާ އިމާރާތުގެ ކޯޓު ރޫމްތަކަކީ ޖާގައިގެ ގޮތުން ތަނަވަސް ތަންތަނަށް ވުމުން، ޝަރީއަތްތައް ހިންގުމަށާއި ކަމާ ގުޅުންހުރި އެހެނިހެން މަސައްކަތްތައް ކުރުމަށް ޝަރުއީ ދާއިރާގެ މުވައްޒަފުންނަށް ޖާގައިގެ ތަނަވަސްކަން ލިބޭނެ އެވެ.ކޯޓުތަކަށް ދިމާވެފައި އޮތް ޖާގައިގެ ދަތިކަމަށް ހައްލު ހޯދައިދިނުމުގެ ގޮތުން، ހުޅުމާލޭގައި ސުޕީރިއާ ކޯޓު ކޮމްޕްލެކްސް އެޅުމުގެ މަސައްކަތް، މިއަހަރު ފައްޓަވާނެ ކަމުގައި ރައީސް މިއަހަރު ދެއްވި ރިޔާސީ ބަޔާނުގައި ވިދާޅުވެފައިވެ އެވެ. އަދި މި ކޮމްޕްލެކްސް ނިމެންދެންވެސް ކްރިމިނަލް ކޯޓާއި ޑްރަގް ކޯޓު، ޖާގަ ތަނަވަސް އިމާރާތަކަށް ބަދަލުކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމުގައި ދެކެވަޑައިގަންނަވާ ކަމަށާ، މި އަހަރުގެ އޮގަސްޓު މަހުގެ ކުރިން ހުޅުމާލޭގައި މި ދެ ކޯޓު ހިންގަން ފެށުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ނިންމައިލެވޭނެ ކަމުގައިވެސް ރައީސް އޭރު ވިދާޅުވި އެވެ.މިއަދު ހުޅުވުނު އިމާރާތުގެ ސަބަބުން ނުހިނގާ ހުރި ގިނަ މައްސަލަތައް ހިނގަން ފަށާނެ ކަމަށާއި، ވާނުވާގައި ތިބި އެތައް ބަޔަކަށް އިންސާފު ލިބި، ވާނުވާ ބަންދުގެ މައްސަލައަށް ދާއިމީ ހައްލެއް ގެނައުމަށް ކުރެވޭ މަސައްކަތަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމަށް އުއްމީދު ކުރައްވާ ކަމުގައިވެސް ރިޔާސީ ބަޔާނުގައި ރައީސް ވިދާޅުވެފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ