އެމްސީޖީއެޗް އޮޕްޓިކަލްސްގެ ނަމުގައި ސަރުކާރުގެ އައިނު ފިހާރަ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގައި މިއަދު ހުޅުވައިފި އެވެ.
ސަރުކާރުގެ އައިނު ފިހާރަ ހުޅުވައިދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒު އެވެ. އެ ރަސްމިއްޔާތުގައި އައިޖީއެމްއެޗްގެ އިސްވެރިން އަދި ސަރުކާރުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވި އެވެ.
ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސް (އެމްސީޖީއެޗް) ގެ ސީއީއޯ އިބްރާހިމް އަބްދުއް ރައްޒާގް ވިދާޅުވީ އައިނު ފިހާރައިގައި ގާއިމުކޮށްފައި ވަނީ ވަރަށް އެޑްވާންސް މެޝިނަރީތައް ކަމަށާއި އެ ފިހާރައިން ގިނަ ހިދުމަތްތަކެއް ރައްޔިތުންނަށް ލިބޭނެ ކަމަށެވެ.
"އައިނު ފިހާރައިގައި ގާއިމުކުރެވިފައިވާނީ ހަމަ ވަރަށް އެޑްވާންސް މެޝިނަރީތަކެއް. މިތަނުން ނަންބަރު ނެގުމާއި އައިނުގެ ލެންސް ހެއްދުމުގެ ހުރިހާ ހިދުމަތެއް ލިބިގެންދާނެ. އަދި މި މެޝިންތަކުގެ އެހީގައި ކެޓްރެކް އަދި ލޮލުގެ ޕްރެޝާ ބެލޭނެ ގޮތް ހަމަޖެހިފައިވާނެ. ހަމައެއާއެކު ލޮކޯމާއަށް އާލީ ޑިޓެކްޓް ކުރެވޭނެ ގޮތް ވެސް މި މެޝިންތަކުން ފޯރުކޮށްދޭނެ،" އޭނާ ވިދާޅުވި އެވެ.
އޭނާ އިތުރަށް ވިދާޅުވީ އާސަންދައިން އައިނު ހެއްދުމަށް ހޭދަކުރާ 2،000ރ. އިން ކޮންމެ ދިވެހި ރައްޔިތަކަށް ވެސް އައިނު ފިހާރަ މެދުވެރިކޮށް މިއަދުން ފެށިގެން އައިނު ހައްދަން މަގުފަހިވާނެ ކަމަށެވެ.
މީގެއިތުރުން އިބްރާހިމް އަބްދުއް ރައްޒާގް ވިދާޅުވީ އައިނު ފިހާރައިގެ ހިދުމަތް ފުޅާ ކުރުމުގެ ގޮތުން އަންނަ އޮގަސްޓް މަހުގެ ތެރޭގައި ހުޅުމާލޭގައި ވެސް ސަރުކާރުގެ އިތުރު އައިނު ފިހާރައެއް ހުޅުވައި، ކުރިއަށް އޮތް ދުވަސްތަކުގައި ފަސް ރީޖަނަލް ހޮސްޕިޓަލުގައި ވެސް ސަރުކާރުގެ އައިނު ފިހާރަ ހުޅުވާނެ ކަމަށެވެ.
ސަރުކާރުން އައިނު ވިޔަފާރީގެ ތެރެއަށް ވަންނަން ނިންމީ ވިޔަފާރިވެރިން ރައްޔިތުންނަށް ދެރަ ނިކަމެތިކަން ދެމުންދާ ކަމަށާއި އެ އާދަ ރާއްޖެއިން ފިލުވާލަން ބޭނުންވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވުމަށްފަހު އެވެ. އެކަމާ ގުޅިގެން ޕްރައިވެޓް ސެކްޓަރުގައި އައިނު ވިޔަފާރި ކުރާ މީހުން ކިތަންމެ ހިތްހަމަނުޖެހުނަސް ހެޔޮ ކަމަށް މުއިއްޒު ވިދާޅުވި އެވެ.
"ޕްރައިވެޓް ސެކްޓަރުގައި މިކަން ކުރާ ބޭފުޅުން ވެސް ޖެހޭނީ އައިޖީއެމްއެޗާ ކޮމްޕީޓު ކުރަން. އަޅުގަނޑުމެން މިކަން ކުރާނަން ސަރުކާރުން ހޮސްޕިޓަލުން. ހަމަ ޕްރައިވެޓް ސެކްޓަރުން ވެސް ޖެހޭނީ އެ ފެންވަރުގެ ދުނިގަނޑާއި އައިނު ހައްދައިދޭން،" މުއިއްޒު ވިދާޅުވި އެވެ.
އައިޖީއެމްއެޗްގައި އައިނު ފިހާރަ ގާއިމުކުރަން ސަރުކާރަށް ތަކެތި ސަޕްލައިކޮށްދިން ކުންފުންޏެއް އަދި އެކަމަށް ހަރަދުވާ މިންވަރެއް ވެސް މިހާތަނަށް ހާމަކޮށްފައެއް ނުވެ އެވެ.
އެމްސީޖީއެޗް އޮޕްޓިކަލްސްގެ ނަމުގައި ސަރުކާރުގެ އައިނު ފިހާރަ އައިޖީއެމްއެޗްގައި ހުޅުވައިފި އެމްސީޖީއެޗް އޮޕްޓިކަލްސްގެ ނަމުގައި ސަރުކާރުގެ އައިނު ފިހާރަ އައިޖީއެމްއެޗްގައި ހުޅުވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ