މައްސަލަ އުފެދުނީ ޕީއޭފަދަ ޕާޓީތަކުން މެމްބަރުންތަކެއް ޕީޕީއެމާ ގުޅުމުން: މައުމޫން
ޕީޕީއެމްގެ އެތެރޭގައި މައްސަލަ ޖެހުނީ ރައީސް އަބްދުﷲ ޔާމީން ކުރިން އުފެއްދެވި ޕީޕަލްސް އެލަޔަންސް (ޕީއޭ) ފަދަ ޕާޓީތަކުން މީހުން ޕީޕީއެމާ ގުޅުމުން ކަމަށް ރައީސް މައުމޫން އަބްދުލް ގައްޔޫމް ތުހުމަތު ކުރައްވައިފި އެވެ. ޕީޕީއެމްގެ ފަސް ވަނަ އަހަރީ ދުވަސް ފާހަގަ ކުރުމަށް ޝީ ބިލްޑިންގައި މިއަދު ބޭއްވި ހަފްލާއެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް މައުމޫން ވިދާޅުވީ ޕީޕީއެމަށް އެހެންވީ އެ ފިކުރު ނެތް ބަޔަކު އެޕާޓީއަށް ވަދެ އިސް މަގާމުތަކަށް އައުމުން ކަމަށެވެ. "މިހެން ވެގެން މިއުޅެނީ ޕީޕީއެމްގެ ފިކުރު ނެތް ބަޔަކު، އަސްލު ޕީޕީއެމްގައި ކުރިންސުރެ ޕީޕީއެމްގައި އުޅުއްވާ މެމްބަރުންގެ އިތުރަށް ބައެއް އެހެން ޕާޓީތަކުން މެމްބަރުންތަކެއް ޕީޕީއެމަށް ވަނީ، އެހެން ވަތްއިރު އެމީހުންނަކީ އަޅުގަނޑުމެން ފިކުރަށް ތަބާވާ ބައަކަށް ނުވޭ، މިސާލަކަށް ޕީއޭ،" ރައީސް މައުމޫން ވިދާޅުވި އެވެ. ޕީޕީއެމާއި ސަރުކާރު އިސްމަގާމުތަކުގައި އިސްކޮށް ތިބީ ޕީއޭ ބޭފުޅުން ކަމަށް ރައީސް މައުމޫން ވިދާޅުވި އެވެ. މިސާލަކަށް ދެއްކެވީ އިލެކްޝަން ކޮމިޝަންގެ ރައީސް އަހުމަދު ސުލައިމާނެވެ. "ރާއްޖޭގެ ޑިމޮކުރަސީ މިއޮތީ ވަރަށް ބޮޑަށް ހަލާކުވެފައި، ވަރަށް ދޯހަޅި ފޭރާމަކަށް ވެފައި، އެއްވެސް ކަމެއް ކުރެވޭކަށް ނެތް، އެކަމަކު މިއެއް ނޫންކަންނޭންގެ އަޅުގަނޑުމެން ބޭނުންވާ ގޮތަކީ،" ރައީސް މައުމޫން ވިދާޅުވިއެވެ. ރައީސް މައުމޫން ވިދާޅުވީ، ސަރުކާރުގެ އެކި އެކި މުއައްސަސާތަކުގެ ބޭނުން ހިފައިގެން ޕީޕީއެމްގެ ރައީސްގެ ބާރު ކަނޑުވާލަން ކެނޑިނޭޅި ކުރަމުން ގެންދާ ޣައިރު ގާނޫނީ މަސައްކަތަކީ އެހެން ސިޔާސީ ޕާޓީތަކަށް ވެސް ދެވޭ އިންޒާރެއް ކަމަށެވެ. "މިއަދު މިހާލަތު މި ދިމާވީ ޕީޕީއެމަށް. މާދަމާ ދިމާވާނީ ޖުމްހޫރީ ޕާޓީއަށް ކަމެއް، އަދާލަތު ޕާޓީއަށް ކަމެއް، އެމްޑީޕީއަށް ކަމެއް ނޭނގޭ،" މައުމޫން ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ ދިވެހި ރައްޔިތުންނާއި، ރާއްޖޭގެ ގާނޫނު އަސާސީ އާއި ގައުމުގެ ޑިމޮކްރަސީގެ ދިފާއުގައި ހުރިހާ ޕާޓީތަކެއް ގުޅިގެން މަސައްކަތް ނުކޮށްފިނަމަ ފުންމިން ނޭނގޭ ވަޅުގަނޑަކަށް، ސިޔާސީ ގޮތުން ރާއްޖެ ވެއްޓިގެން ދާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ