މޫސުން ގޯސްވެ ދެކުނުގެ އަތޮޅުތަކަށް ވައިޓް އެލާޓް ނެރެފި

ރާއްޖޭގެ ދެކުނުގެ ބައެއް އަތޮޅުތަކަށް މޫސުމާބެހޭ ގައުމީ އިދާރާ (މެޓް)އިން ވައިޓް އެލާޓް ނެރެފިއެވެ.
މޫސުން ގޯސްވުމުގެ ސަބަބުން އެ އިދާރާއިން މިއަދު ހެނދުނު 8:45 އިން ފެށިގެން މެންދުރު ފަހު 2:45 އަށް ވައިޓް އެލާޓް ނެރެފައިވަނީ ގއ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއާ ހަމައަށެވެ.
އެވަގުތުތަކުގައި އެ އަތޮޅުތަކަށް ބޯކޮށް ވާރޭ ވެހުމާއެކު ގުގުރާނެކަމަށް މެޓުން ލަފާކުރެއެވެ.
މީގެއިތުރުން މުޅި ރާއްޖޭގެ މޫސުން ލަފާކޮށް މެޓުން ބުނީ މިއަދު އިރުއޮއްސި 6:00 އާ ހަމައަށް މެދުރާއްޖެތެރެއާއި ދެކުނުގެ އެކި ހިސާބަށް ވިއްސާރަކުރާނެކަމަށާއި އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭ ވެހި ގުގުރުން އެކަށީގެންވާކަމަށެވެ. އަދި އުތުރުގެ ބައެއް ރަށްތަކަށް ކެރީގެ އަސަރު ފޯރާނެކަމަށްވެސް މެޓުން ބުނެފައިވެއެވެ.
އެ އިދާރާއިން ބުނީ ދެކުނުގެ އަތޮޅުތަކަށް އިރު ދެކުނާއި ދެކުނުން ގަޑިއަކު 3 މޭލާ 10 މޭލާ ދެމެދުގެ ބާރުމިނުގައި އަދި އެހެން ހިސާބުތަކަށް ހުޅަނގާއި ހުޅަނގުދެކުނުން ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށެވެ.
އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލަށް ވައިގަދަވުން އެކަށީގެންވާކަމަށްވެސް މެޓުން ބުނެފައިވެއެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާއިން އިތުރަށް ލަފާކޮށްފައިވާގޮތުގައި ކަނޑުތައް ދެކުނުގައި މަޑުވާނެއެވެ. އަދި އެހެން ހިސާބުތަކުގައި އާދައިގެ ވަރަކަށް ގަދަވާނެއެވެ. ނަމަވެސް ވިލާގަނޑުގައި ކަނޑުތައް ގަދަވާނެކަމަށްވެސް މެޓުން ބުނެފައިވެއެވެ.
ރާޅުގެ އުސްމިން ހުންނާނެކަމަށް މެޓޫން ލަފާކޮށްފައިވަނީ 2 ފޫޓާއި 5 ފޫޓާއި ދެމެދުގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ