ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހީމްގެ ވެރިކަމެއްގައި ރާއްޖޭގެ ނާޒުކު ތިމާވެށި ހިމާޔަތްކޮށް، ތިމާވެއްޓަށް ދިމާވަމުންދާ ގޮންޖެހުންތައް ދުނިޔޭގެ ސަމާލުކަމަށް ގެނެސްދެއްވާނެ ކަމަށް އެފާޓީގެ ލީޑަރުގެ ސްޕެޝަލް އެޑުވައިޒަރު އަދި ކުރީގެ ކުޅިވަރާބެހޭ ވަޒީރު ޑރ. އިރްތިޝާމް އާދަމް ވިދާޅުވެއްޖެއެވެ.
ވީޓީވީން ގެނެސްދިން ޖުމްހޫރީ ޕާޓީގެ މެނިފެސްޓޯގެ ތަފްސީލްތައް ހިއްސާކުރާ ޕެނަލް ޑިސްކަޝަންގައި ވާހަކަ ދައްކަވަމުން ޑރ. އިރްތިޝާމް ވިދާޅުވީ ޖުމްހޫރީ ވެރިކަމެއްގައި ރާއްޖޭގެ ނާޒުކު ތިމާވެށި ހިމާޔަތްކޮށް، ތިމާވެއްޓަށް ދިމާވަމުންދާ ގޮންޖެހުންތައް ދުނިޔޭގެ ސަމާލުކަމަށް ގެނެސްދެއްވާނެ ކަމަށާއި ގާސިމްގެ ވިސްނުންފުޅަކީ ރާއްޖޭގެ ތިމާވެށިން ފައިދާ ހޯދުން ކަމަށެވެ.
އެ ފައިދާ ރައްޔިތުންނަށް ލިބެން އޮތީ ތިމާވެށި ހިމާޔަތްކޮށްގެންކަން ފާހަގަކުރައްވާ ޑރ. އިރްތިޝާމް ވިދާޅުވީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ރައްޔިތުންނަށް ލިބެމުންދާ ގެއްލުންތައް މަދުކުރުމަށްޓަކައި ޚާރިޖީ ސިޔާސަތުގެ ދަށުން މަސައްކަތްކޮށްދެއްވާނެ ކަމަށެވެ.
މުޅި ދުނިޔެއަށް މިވަގުތު ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ ކްލައިމެޓް ޗޭންޖް ނުވަތަ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބުން ޤައުމުތަކަށް ކުރާ ނޭދެވޭ އަސަރުތައްކަން ފާހަގަކުރައް ޑރ. އިރްތިޝާމް ވިދާޅުވީ ކްލައިމެޓް ޑިޕްލޮމަސީގެ ދަށުން ރާއްޖެއަށް ލިބޭ އެއްވެސް އެހީއެއްގެ ބޭނުން ނާޖާއިޒު ގޮތެއްގައި ބޭނުން ނުކުރައްވާނެ ކަަމަށެވެ.
ރާއްޖޭގައި ހިމާޔަތް ކުރެވިފައިވާ ތަންތަނުގެ ތެރޭގައި ކުޅި ފާ ޗަސްބިންތައްވެސް ހިމެނެއެވެ. ޗަސްބިންތަކުން ރަށުގެ ފެން ފަށަލަ ތާޒާކޮށްދީ، ރަށްގިރުމުން ސަލާމަތްކޮށްދީ އަދި ރަށުގައި ފެންބޮޑުވުމުގެ ފުރުސަތު ކުޑަކޮށްދިނުމަށް މުހިއްމު ދައުރެއް އަދާކޮށްދެއެވެ. ކުޅި ފާ ޗަސްބިންތަކަކީ ޖައްވުން ކާބަންޑައިއޮކްސައިޑް މަދުކުރުމަށް ފަހިކޮށްދޭ ޤުދުރަތީ ވަޞީލަތްތަކެކެވެ. މި ފަދަ ސަރަހައްދުތަކުން މޫސުމަށް އަންނަ ނޭދެވޭ ބަދަލުތައް ކުޑަ ކޮށްދޭކަމަށްވެސް ދިރާސާތަކުން ދައްކައެވެ.
ޖުމްހޫރީ ޕާޓީގެ މެނިފެސްޓޯ ތައްޔާރުކޮށްފައިވަނީ މައިގަނޑު 15 އަސާސެއްގެ މައްޗަށެވެ.
އައު ވިސްނުންތަކާއެކު ދަނޑުވެރިކަމާއި މަސްވެރިކަމާއި ވިޔަފާރިއާއި އިޤްތިޞާދު ހަރުދަނާކުރެވޭނެ ގޮތްތަކާއި ސިއްހަތާއި ތައުލީމާ ކުރިއެރުވުމާއި މަސްތުވާތަކެތީގެ ވަބާއި ސަލާމަތްވެފައިވާ ރާއްޖެއެއް ހޯދުމާއި ވަކި އަތަކަށް ބުރަނުވާ "ދިވެހިން ފުރަތަމަ"އަށް އަންނަ ޚާރިޖީ ސިޔާސަތެއް ގެންގުޅުމާއި ތިމާވެށި ހިމާޔަތްކުރުމާއި އާޓިފިޝަލް އިންޓެލިޖަންސަށް އަހުލުވެރި ރާއްޖެއެއް އުފަންކުރުމާއި އިންފޮމޭޝަން ޓެކްނޮލޮޖީ ހަރުދަނާކުރުމަށް، ވެރިކަމުގެ އެންމެ ފުރަތަމަ ދުވަހުން ފެށިގެން މަސައްކަތްކުރައްވާނެކަމަށް ޖޭޕީގެ ރިޔާސީ ކެންޑިޑޭޓް ޤާސިމް އިބްރާހިމް ވަޢުދުވެވަޑައިގެންނަވައެވެ.
ތިމާވެއްޓަށް ދިމާވަމުންދާ ގޮންޖެހުންތައް ދުނިޔޭގެ ސަމާލުކަމަށް ގާސިމް ގެނެސްދެއްވާނެ: ޑރ. އިރްތިޝާމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ