ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ވެރިކަމެއްގައި ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށްދާ ނަމަ އެހީތެރިއާގެ ހަރަދާއި އެ ގައުމެއްގައި ތިބުމާއި ކެއިން ބުއިމުގެ ހަރަދުވެސް ލިބޭނެ ކަމަށް އެ ޕާޓީގެ ލީޑަރު އަދި ރިޔާސީ ކެންޑިޑޭޓު ގާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.
ޒުވާނުންނަށް ހާއްސަކޮށްގެން "18-35"ގެ ނަމުގައި ޖޭޕީން ރޭ ސަލްޓަން ޕާކުގައި ބޭއްވި ހަރަކާތަށް ދެއްވި ވީޑިއޯ މެސެޖެއްގައި ގާސިމް ވިދާޅުވީ ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ދާންޖެހޭ މީހުންގެ އަދަދު މަދުކުރުމަށް މާލެ ހިމެނޭ ގޮތަށް ރާއްޖޭގެ ތިން ހިސާބެއްގައި ސިއްހީ ހިދުމަތް ތަރައްގީ ކުރައްވާނެ ކަމަށެވެ. އަދި އެ ހިދުމަތްތައް ވެރިކަމުގެ ދެވަނަ ނުވަތަ ތިންވަނަ އަހަރުން ފެށިގެން ލިބެމުންދާނެ ކަމަށް ވިދާޅުވިއެވ.ެ
"ރާއްޖޭން ބޭރަށްދާ ނަމަ ހުރިހާ ހަރަދެއް، އެހީތެރިއަކަށް ދާނެ ހަރަދާއި ތިބުމުގެ ހަރަދާއި ޑޮކްޓަރަށް ދެއްކުމުގެ ހަރަދާއި ގޭގެ ހަރަދާއި ކޭންބުއިމުގެ ހަރަދާއި ހުރިހާ އެއްޗެއް އަޅުގަނޑުމެންގެ ސަރުކާރުން ފޯރުކޮށްދޭނެ،" ގާސިމް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ޖޭޕީގެ ވެރިކަމެއްގައި ރާއްޖޭގެ ހުރިހާ ހިސާބެއްގައި ހައުސިން މަޝްރޫއުތައް ކުރިއަށް ގެންދާނެ ކަމަށާއި އަދި އެ ހައުސިން ޔުނިޓުތައް ލިބޭ މީހުން ދައުލަތަށް އެއްވެސް ފައިސާއެއް ދައްކާކަށް ނުޖެހޭނެ ކަމަށެވެ.
"އަޅުގަނޑުމެން ދަންވާފައި އޮންނާނެ 20،000 ހައުސިން ޔުނިޓް އަޅާ ވާހަކަ. އެ ހައުސިން ޔުނިޓްތައްވެސް ވެގެންދާނީ ރާއްޖޭގެ އަތޮޅުތަކުގައިވެސް އަދި މާލޭގައިވިޔަސް މި ދެންނެވި އުސޫލުން ފައިސާ ނުނަގާ ގޮތަށް. އެއީ އެކަމަށް ގާބިލު، އެންމެ އެކަށީގެންވާ، ގެދޮރަށް ބޭނުންވެފައިވާ މީހުންނަށް އަޅުގަނޑުމެން އެކަން ފަހިކޮށްދޭނީ،" ގާސިމް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އެ ހައުސިން ޔުނިޓުތައް ދިނުމުގައި ސިޔާސީ ފިކުރަކަށް ނުވަތަ މަގާމަކަށް ނުބަލާނެ ކަމަށާއި ހައުސިން ޔުނިޓުތައް ދޫކުރަނީ އެންމެ ބޮޑަށް ޝަރުތު ހަމަވާ މީހުންނަށް ކަމަށެވެ.
ޖޭޕީގެ ވެރިކަމެއްގައި ބޭހަށް ރާއްޖެއިން ބޭރަށްދާ ނަމަ ތިބުމާއި ކެއިން ބުއިމުގެ ހަރަދުވެސް ދޭނަން: ގާސިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ