އުނގޫފާރުގައި ޕީސީއާރް ޓެސްޓް ހެދޭނެ އިންތިޒާމުތައް ވަރަށް އަވަހަށް ހަމަޖެހިގެންދާނެ: މެމްބަރު ވަޙީދު

އުނގޫފާރުގައި ޕީސީއާރް ޓެސްޓް ހެދޭނެ އިންތިޒާމްތައް ވަރަށް އަވަހަށް ހަމަޖެހިގެންދާނެ ކަމަށް އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަޙީދު ވިދާޅުވެއްޖެއެވެ.
އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުން ޕީސީއާރް ޓެސްޓް ހެދޭނެ އިންތިޒާމްތަައް ހަމަޖެހުން ލަސްވަނީ ކީއްވެތޯ ސުވާލުކުރުމުން "ވީނިއުސް" އަށް ދެއްވި ހާއްސަ ބަސްދީގަތުމެއްގައި މެމްބަރު ވަހީދު ވިދާޅުވީ، އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުން މި ޚިދުމަތް ފެށުމަށް ބޭނުންވާ ޕީސީއާރް މެޝިން ހެލްތު މިނިސްޓްރީން އެ ރަށަށް ފޮނުވާފައިވާ ކަމަށެވެ.
އެހެން ނަމަވެސް، އެއަށް ބޭނުންވާ ބަޔޯ ސޭފްޓީ ކެބިނެޓް ނުފޮނުވި ވާތީ ޚިދުމަތް އަދި ވަނީ ނުފެށި ކަމަށް އުނގޫފާރު ރީޖަނަލް ހޮސްޕިޓަލާ ހަވާލާ ދެއްވައި ވަޙީދު ވިދާޅުވިއެވެ.
މެމްބަރު ވިދާޅުވީ، ޚިދުމަތް ފެށުމަށް ބޭނުންވާ ޢާލާތްތައް އުނގޫފާރަށް ފޮނުވުމުގެ މަސައްކަތް މިނިސްޓްރީން ކުރަމުންގެންދާނެ ކަމަށާއި ރީޖަނަލް ހޮސްޕިޓަލުން ޕީސީއާރް ހެދުމުގެ ޚިދުމަތް ވަރަށް އަވަހަށް ފެށިގެންދާނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށެވެ.
2021 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު، އުނގޫފާރު ރީޖަނަލް ހޮސްޕިޓަލްގެ ޕީސީއާރު ލެބް އިމާރާތް ކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށް، އެ މަސައްކަތް ފެށި ނަމަވެސް ވަކި ހިސާބަކުން އެ މަސައްކަތް މެދުކެނޑިފައި ވާތީ، އެ ކަމަށް އިޝާރާތްކުރައްވާ މެމްބަރ ވިދާޅުވީ، ކޮވިޑް-19ގެ ހާލަތު ރާއްޖެއަށް މެދުވެރިވީ ރާއްޖޭގެ ސިއްހީ ނިޒާމް ވަރަށް ދޯހަޅިކޮށް އޮތް ވަގުތެއްގައި ކަމަށެވެ.
ނަމަވެސް، ބަލިމަޑުކަމުގެ ހާލަތުގައި ވެސް ރާއްޖޭގެ އެކިކަންކޮޅުތަކުގައި ސަރުކާރުން ހިންގާ މަޝްރޫއުތަކުގެ ތެރެއިން މަދު މަޝްރޫޢެއް ނޫނީ ހުއްޓުން އަރާފައި ނުވާ ކަމަށެވެ. އަދި ބައެއް ސަބަބުތަކާ ހުރެ މަޝްރޫޢުތަކަށް ހުއްޓުން އެރި ނަމަވެސް ސަރުކާރުން މަސައްކަތް ކުރަމުން ދަނީ މަޝްރޫޢުތައް މަޑުޖެހުމެއް ނެތި ކުރިއަށް ގެންދިއުމަށް ކަމަށް އެމްޑީޕީއަށް ނިސްބަތްވެވަޑައިގަންނަވާ މެމްބަރު ވަހީދު ވިދާޅުވިއެވެ.
ވަޙީދު އިތުރަށް ވިދާޅުވީ، ޕީސީއާރް ޓެސްޓް ހަދާ ލެބެއް ހުންނަން ޖެހެނީ ވަކި މިންގަނޑުތަކަކަށް ކަމަށާއި އަދި އައު ލެބްގެ މަސައްކަތް ހުއްޓިފައި އޮތް ނަމަވެސް ވަގުތީ ގޮތުން އެ ކަމަށް ލެބެއް ތައްޔާރުކުރެވިފައިވާ ކަމަށެވެ.
އުނގޫފާރު ރީޖަނަލް ހޮސްޕީޓަލްގެ މެނޭޖަރ މުހައްމަދު ޒަޔާން ވެސް "ވީނިއުސް"އަށް ވިދާޅުވީ، ޕީސީއާރް ހެދުމަށް ވަގުތީ ގޮތުން ލެބެއް ތައްޔާރުކުރެވިފައިވާ ކަމަށެވެ. އޭނާ ވެސް ފާހަގަކުރެއްވި ގޮތުގައި، ޚިދުމަތް ނުފެށިގެން އުޅެނީ ބަޔޯ ސޭފްޓީ ކެބިނެޓް ނުލިބޭތީއެވެ.
މިކަމާ ގުޅިގެން ބަހެއް ހޯދާލުމަށް ހެލްތު މިނިސްޓްރީގެ މީޑިއާ އޮފިޝަލުންނާ ގުޅުމުން ފޯނަށް ޖަވާބު ނުދެއްވާތީ މިނިސްޓްރީ އޮފް ހެލްޓުގެ ބަހެއް އަދި ވަނީ ލިބޭ ގޮތް ނުވެފައެވެ.
ރާއްޖޭގައި ތިންވަނަ އަށް އެންމެ އާބާދީ ބޮޑު އަތޮޅުގައި މުޅި ރީޖަނަށް ޚިދުމަތް ދިނުމަށް ހުރި ހޮސްޕިޓަލްގައި ޕީސީއާރް ޓެސްޓް ކުރެވޭނެ ވަސީލަތެއް ހަމަނުޖެހި ކޮވިޑާއެކު 3 އަހަރު ފާއިތުވިއިރު، ރ. އަތޮޅުގެ ރައްޔިތުންނަށް ހައްގުވާ މިންވަރަކީ ކޮވިޑް ޓެސްޓްކޮށްލެވޭނެ ގޮތެއްވެސް ހަމަ ނުޖެހި ތިބުންތޯ ސުވާލު އުފައްދައި ރ. އަތޮޅުގެ ގިނަ ބަޔަކު އަންނަނީ ސޯޝަލް މީޑިއާގައި ނުރުހުން ފާޅުކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ