މޫސުން ތަންނުދޭނެކަމަށް ލަފާކުރެވޭތީ ޢީދު ނަމާދު މިސްކިތްތަކުގައި ކުރަން ނިންމައިފި

ޢީދު ދުވަހު މޫސުން ތަން ނުދޭނެ ކަމަށް ލަފާކުރެވޭކަމަށް ޤައުމީ މޫސުމާއިބެހޭ އިދާރާއިން ލަފާކުރުމާއި ގުޅިގެން މާފަންނު ބޮޑު މައިދާނުގައި ޢީދު ނަމާދު ނުކުރުމަށާއި ކަނޑައެޅިފައިވާ މިސްކިތްތަކުގައި މިއަހަރުގެ އަޟްޙާ ޢީދު ނަމާދު ކުރުމަށް އިސްލާމިކް މިނިސްޓްރީން ނިންމައިފިއެވެ.
މިގޮތަށް ނިންމުމާއި ގުޅިގެން ޢާންމުކޮށް މާލޭގައި ޢީދު ނަމާދުކުރާ 15 މިސްކިތުގެ އިތުރުން މަސްޖިދު މުޙައްމަދު އިމާދުއްދީންގައާއި މަސްޖިދު ބަހާއުއްދީން އަދި މަސްޖިދު ޔޫސުފުއްތަބްރީޒީގައި ޢީދު ނަމާދުކުރާނެ އެވެ.
ހުޅުލޭ މަސްޖިދުއްސަބީލް ގައާއި ވިލިމާލެ މަސްޖިދުއްސަލާމް ގައާއި މަސްޖިދް އިޚްލާޞްގައި އީދު ނަމާދު ކުރާނެއެވެ. އަދި ހުލުމާލޭ މަސްޖިދު ޝައިޚް ޤާސިމް ބިން މުޙައްމަދު އާލް ޘާނީ ގައާއި ވަގުތީ މިސްކިތުގައާއި މަސްޖިދު ޢަޒީޒާ މޫސާގައާއި މަސްޖިދު ޢުމަރުބުނިލްޚައްޠާބްގައި ޢީދު ނަމާދުކުރާނެއެވެ.
މަސްޖިދު ޝަހީދު ޢަބްދުއްރަޙްމާން (ފަނޑިޔާރު މިސްކިތް) ގައި އީދު ނަމާދުކުރާނެއެވެ.
މޫސުން ތަންދޭނަމަ އިސްލާމީ މަރުކަޒުގެ ވަށައިގެންވާ ސަރަހައްދުގައި ގިނަބައަކަށް ޢީދު ނަމާދުކުރުމުގެ ފުރުޞަތު މިފަހަރު ލިބިގެންދާނެއެވެ.
ޢީދު ނަމާދުގެ ކުރިން މިސްކިތަށް ގޮސް ތަކްބީރު ކިޔުމުގައި ބައިވެރިވުމަކީ ގަދަވެގެންވާ ސުންނަތެކެވެ. ހަމައެއާއިއެކު ޢީދު ނަމާދަކީ ފުރަތަމަ ނަމާދުކުރުމަށްފަހު ފަހުން ޚުޠުބާ ކިޔާ ނަމާދަކަށްވާތީ ނަމާދު ފަށަން ހަމަޖެހިފައިވާ 7:30 ގެ ކުރިން މިސްކިތަށް ދިއުމަކީ ކޮންމެހެން ކުރަންޖެހޭނެ ކަމެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ