މި އަހަރުގެ އެއް މިލިއަން ވަނަ ފަތުރުވެރިޔާ މިއަދު ރާއްޖެއަށް އަތުވެއްޖެ އެވެ.
ވީ ކިހިނެއް؟ - މި އަހަރުގެ އެއް މިލިއަން ވަނަ ފަތުރުވެރިއަކަށް ހޮވުނީ މިއަދު މެންދުރު އިންޑިގޯގެ ފްލައިޓެއްގައި ރާއްޖެ އައި ކާޖަލް ސިންގް ނަމަކަށް ކިޔާ އިންޑިއާ ފަތުރުވެރިއެކެވެ.
ކާޖަލް ރާއްޖެއަށް އައީ ފިރިމީހާއާ އެކު ބަނޑޮސް އައިލެންޑް ރިސޯޓް އެންޑް ސްޕާގައި ޗުއްޓީ ހޭދަކޮށްލުމަށެވެ. މިއީ އޭނާ ރާއްޖެއަށް އައި ފުރަތަމަ ފަހަރެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި އޭނާއަށް މަރުހަބާ ކިޔަން ހަފްލާއެއް ވަނީ ބާއްވާފަ އެވެ. އެ ހަފްލާގައި ޓޫރިޒަމް މިނިސްޓަރު ތޯރިގު އިބްރާހިމް އާއި އެ މިނިސްޓްރީ އާއި އެމްއޭސީއެލް އަދި އެމްއެމްޕީއާރުސީގެ މުވައްޒަފުން ބައިވެރިވި އެވެ.
އެ ހަފްލާގެ ތެރެއިން ކާޖަލް ވަނީ މިދިޔަ އަހަރުގެ ތިމާވެށީގެ ދުވަހު ރައީސް އިފްތިތާހުކުރެއްވި 'ފަސް މިލިއަން ގަސް' ޕްރޮގްރާމްގައި ބައިވެރިވެ، ގަހެއް އިންދާފަ އެވެ.
ފާހަގަކޮށްލެވޭ ކަމެއް - މިއީ އަހަރުގެ އެއް މިލިއަން ވަނަ ފަތުރުވެރިޔާގެ އަމާޒަށް، އެންމެ އަވަހަށް ވާސިލުވި ފަހަރެވެ. މިދިޔަ އަހަރު އެ އަމާޒަށް ވާސިލުވީ 27 ޖޫންގަ އެވެ. އޭގެ ކުރީ އަހަރު މިލިއަނެއް ހަމަވީ 16 ޖުލައިގަ އެވެ.
ތަފްސީލު - ޓޫރިޒަމް މިނިސްޓްރީގެ އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިހާރު ދުވާލަކު އެވަރެޖުކޮށް 4،533 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރެ އެވެ.
މި އަހަރުގެ މިހާތަނަށް އެންމެ ގިނަ ފަތުރުވެރިން އައި ފަސް ގައުމަކީ:
ޗައިނާ - 117،874
ރަޝިއާ - 107،518
އިނގިރޭސިވިލާތް - 99،671
އިޓަލީ - 82،240
ޖަރުމަނު - 74،590
ސަރުކާރުން އަމާޒު ހިފާފައިވަނީ މި އަހަރު 2.5 މިލިއަން ފަތުރުވެރިން ގެނައުމަށެވެ. ނަމަވެސް މި ފަހުން ޕީއެސްއެމްއަށް ދެއްވި އިންޓަވިއުއެއްގައި ތޯރިގު ވިދާޅުވީ މި އަހަރު އަންނާނެ ކަމަށް ލަފާކުރެވެނީ 2.3 މިލިއަން ފަތުރުވެރިން ކަމަށެވެ.
މި އަހަރުގެ 1 މިލިއަން ވަނަ ފަތުރުވެރިޔާ ރާއްޖެއަށް އަތުވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ