ނުރައްކާތެރި ބައްޔެއް ކަމަށްވާ އިންވޭސިވް މެނިންގޯކޮކަލް ރާއްޖެއިން ފެނިއްޖެ

ގައިން ގަޔަށް އަރާ ނުރައްކަތެރި ބައްޔެއް ކަމަށްވާ އިންވޭސިވް މެނިންގޯކޮކަލްގެ ކޭސްއެއް ރާއްޖެއިން ފެނިގެން އެޗްޕީއޭއިން ރައްކާތެރިކަމުގެ ފިޔަވަޅު އަޅަން ފަށައިފި އެވެ. ކޮންޓެކްޓް ޓްރޭސިންއަކީ، އެ ބަލި ޖެހުނު މީހާއާ ބައްދަލުވުފައިވާ މީހުން ދެނެގަތުމަށް ހިންގާ މަރުހަލާއަކެވެ.
ވީ ކިހިނެއް؟ - މި ބަލީގައި އިއްޔެ އުމުރުން 26 އަހަރުގެ ދިވެހި ޒުވާނަކު ވަނީ މަރުވެފަ އެވެ. އެއާއެކު އެޗްޕީއޭއިން ވަނީ، މި ބަލި ޖެހިފައިވާ މީހަކު ރާއްޖެއިން ފެނުނުކަން ކަށަވަރުކޮށް، މިއަދު ބަޔާނެއް ނެރެފަ އެވެ.
ބުނީ ކީކޭ؟ - "އިންވޭސިވް މެނިންގޯކޮކަލް ބަލީގެ ކޭސްއެއް ފެނުމާ ގުޅިގެން ކަމާ ބެހޭ މައުލޫމާތު އެއްކޮށް، ކޮންޓެކްޓް ޓްރޭސިންގް ހަދާ، ހައި ރިސްކް ކޮންޓެކްޓުންނަށް ބަލިން ރައްކާތެރިވުމަށްދޭ ޕްރޮފައިލެކްޓިކް ބޭސް ދިނުމާއި، ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ އިތުރު ފިޔަވަޅުތައް އެޅުމަށް އެޗް.ޕީ.އޭއިން ދަނީ މަސައްކަތް ކުރަމުން،" އެޗްޕީއޭއިން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުންޏެވެ.
އިންވޭސިވް މެނިންގޯކޯކަލް ބައްޔަކީ ބެކްޓީރިއާއަކުން ޖެހޭ، ނުރައްކާތެރި ބައްޔެކެވެ. ރާއްޖޭގައި މިބަލީގެ ފެނިފައިވާ މަދު ކޭސްތަކަކީ އާއްމުގޮތެއްގައި ރާއްޖެއިން ބޭރުން އިންފެކްޝަން ޖެހިފައިވާ ފަރާތްތަކެއް ކަމަށް އެޗްޕީއޭއިން ބުންޏެވެ.
މި ބަލީގެ އަލާމާތްތައް ފެންނާނީ ބަލިޖެހޭތާ އެއް ދުވަހާއި 10 ދުވަހާ ދެމެދުގަ އެވެ. އަލާމާތްތަކުގެ ތެރޭގައި:
ހުން އައުން 
ހަމުގައި ރަތް ބިހިތަކެއް ނެގުން
ބޮލުގައި ރިއްސުން. 
ބަލީގައި ބޮޑުވަރުވުމުން ސިކުނޑިއަށް އަސަރު ކުރުން (މެނިންޖައިޓިސް) އަދި މުޅި ހަށިގަނޑަށް އިންފެކްޝަން ފެތުރުން (ސެޕްސިސް) އެކަށިގެންވޭ
މި ބަލި ފެތުރެނީ ނޭވާލާ ނިޒާމުގެ ޒަރީއާ އިންނެވެ. ބަލި ޖެހިފައިވާ މީހާއާ އެކު ގިނަ ވަގުތު ވަރަށް ގާތްކޮށް އުޅޭ ފަރާތްތަކަށް ބަލި ޖެހުމުގެ ފުރުސަތު ބޮޑެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ