އަތޮޅުތަކަށް ލޯންޗު ފެރީގެ ހިދުމަތްދޭ 'ހޯޕް ޓްރެވަލްސް' އިން ޓެކުހަށް މަކަރު ހެދި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ދައުވާކުރަން ފޮނުވުމުން އެ ތުހުމަތުތައް ހޯޕް ޓްރެވެލްސް އިން އިއްޔެ ދޮގުކޮށްފި އެވެ.
ވީކިހިނެއް؟ - ށ. އަތޮޅު، ނ. އަތޮޅުގެ ރަށްތަކާއި ޅ. ނައިފަރަށް ލޯންޗު ފެރީގެ ހިދުމަތްދޭ ހޯޕް ހޯލްޑިންސްގެ ހޯޕް ޓްރެވެލްސްއިން ޓެކުހަށް މަކަރު ހެދި ކަމަށް ތުހުމަތުކޮށް މީރާއިން ދައުވާކުރަން އެދިފައިވަނީ:
ހޯޕް ހޯލްޑިންސްގެ މައްޗަށް
ވިޔަފާރީގެ އެއް ޕާޓްނަރު ކަމުގައިވާ ޝަހުދު އިބްރާހީމް މަނިކުގެ މައްޗަށް
ވިޔަފާރީގައި އިސްކޮށް ހަރަކާތްތެރިވެފައިވާ މީހެއް ކަމުގައިވާ މުހައްމަދު އަލީގެ މައްޗަށް
ބުނީ ކީކޭ؟ - އެ ތުހުމަތުތައް ދޮގުކޮށް ހޯޕްސްއިން ނެރުނު ބަޔާނެއްގައި ބުނީ އެ ކުންފުނިން ކަނޑުދަތުރުގެ ހިދުމަތުގެ އިތުރުން ވެސް އެކި ވިޔަފާރިތައް ހިންގައިގެން ދައުލަތަށް ދައްކަން ޖެހޭ ޓެކްސް ފައިސާ ދައްކަމުން އެ ވިޔަފާރިތައް މެނޭޖު ކުރަމުންދާ ކަމަށެވެ.
އެ ގޮތުން އެ ބަޔާނުގައި ފާހަގަކޮށްފައިވަނީ:
ރޭންޑަމް ޓެކްސް އޮޑިޓްތަކުގައި އެއްވެސް އިރެއްގައި ގޯހެއް އުޅޭނަމަ އަބަދުވެސް މީރާއަށް އެއްބާރުލުން ދެމުން ގެންދަން
ހޯޕް ޓްރެވެލްސް އަކީ އެ ކުންފުނިން މެނޭޖުކުރާ ވިޔަފާރިތަކުގެ ތެރެއިން އެންމެ ކުޑަ ވިޔަފާރި؛ އިންވެސްޓްމަންޓް އަދި ޕާފޮމެންސަށް ބެލި ނަމަވެސް އެންމެ ކުޑަ ވިޔަފާރި
ހޯޕްގެ ބަޔާނުގައި މީރާއަށް ވެސް އެކި ތުހުމަތުކޮށްފައިވެ އެވެ. އެ ކުންފުނިން ބުނާ ގޮތުގައި މިއީ ލޯންޗު ފެރީގެ ހިދުމަތް މާ ފުޅާކޮށްދޭ ބަޔެއްގެ ގޮތުގައި ލޭބަލް ވެގެން، މީރާގެ މުވައްޒަފުންގެ އެތެރޭގެ ވާދަވެރިކަމުގެ ތެރެއިން ހިނގައިގެން އުޅޭ ކަމެކެވެ.
މީގެ ފަސް އަހަރު ކުރިން ޓެކުހަށް މަކަރު ހެދި ކަމުގެ ތުހުމަތުކުރެވޭ މައްސަލައެއް އޭގެ ތިން އަހަރު ފަހުން ތަހުގީގު ފަށައި ޕީޖީ އޮފީހަށް ފޮނުވީ އަވަސް އަރުވާލައިގެން ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެ އެވެ.
ތަފްސީލް - މީރާއިން ބުނީ މި މައްސަލަ ތަހުގީގުކުރަން ފެށީ 2020 ވަނަ އަހަރުގެ ޖުލައި މަހުން ފެށިގެން 31 މޭ 2023ގެ ނިޔަލަށް ހޯޕް ހޯލްޑިންގްސްއިން މީރާއަށް ހުށަހަޅައިފައިވާ ޖީއެސްޓީ ބަޔާންތަކާއި ޓެކްސް އަހަރު 2020 އަދި 2021އަށް ހުށަހަޅައިފައިވާ އިންކަމް ޓެކްސް ބަޔާންތަކުގައި ދޮގު މައުލޫމާތު ހިމަނައިފައިވާ ކަމަށް ތުހުމަތުކުރެވޭތީ ކަމަށެވެ. އަދި އެކަން ކޮށްފައިވަނީ ގަސްދުގައި ޓެކްސް ދެއްކުމުން އެއްކިބާވުމުގެ ނިޔަތުގައިކަމަށް ބެލެވިގެން ކަމަށެވެ.
މީރާއިން ބުނިގޮތުގައި:
ހޯޕް ހޯލްޑިންގްސް ޕާޓްނާޝިޕް ޖީއެސްޓީއަށް ރަޖިސްޓަރީ ކޮށްފައި ވީނަމަވެސް، އެ ވިޔަފާރީގެ ދަށުން ހިންގާ "ހޯޕް ޓްރެވަލްސް" ހަރަކާތް މީރާގައި ރަޖިސްޓަރީނުކޮށް ގިނަ ދުވަސްތަކަކަށް ހިންގާފައިވޭ
މި ވިޔަފާރި ހަރަކާތް ހިންގައިގެން ލިބިފައިވާ ޖުމުލަ އާމްދަނީގެ %89 މީރާއަށް ހުށަހަޅައިފައިވާ ޖީއެސްޓީ ބަޔާންތަކުގައި ހިމަނައިފައެއް ނުވޭ
އެ ވިޔަފާރީއަށް ލިބިފައިވާ އާމްދަނީގެ ތެރެއިން 54 މިލިއަން ރުފިޔާ އާއި ޖީއެސްޓީގެ ގޮތުގައި ތިން މިލިޔަނަށް ވުރެ ގިނަ ރުފިޔާ މީރާއަށް ރިޕޯޓުކޮށްފައި ނުވޭ
ޓެކްސް އަހަރު 2020 އަދި 2021 އަށް ހުށަހަޅައިފައިވާ އިންކަމް ޓެކްސް ބަޔާންތަކުގައި 29 މިލިއަން ރުފިޔާ އާމްދަނީގެ ގޮތުގައި ހިމަނައިފައިނުވާކަން މީރާގެ ތަހުގީގަށް ހޯދިފައިވޭ
ޓެކުހާ ގުޅޭ މި ފަދަ ކުށެއް، އޮޅުވާލުމެއް ނުވަތަ މަކަރެއް ހަދަމުންދާކަމަށް ފާހަގަކުރެވޭ ފަރާތްތަކާ މެދު އަމަލުކުރާނޭ ގޮތް އެކަށައެޅުމަށްޓަކައި އެކުލަވައިލައިފައިވާ މީރާގެ "ޓެކްސް ކްރައިމް މިޓިގޭޝަން ސްޓްރެޓެޖީ"ގެ ދަށުން އެ ވިޔަފާރީއާމެދު ފިޔަވަޅު އަޅަމުންދާނެ ކަމަށް މީރާއިން ބުންޏެވެ.
އެނގުން މުހިންމު - ޓެކްސް ނެގުމާ ބެހޭ އިދާރީ ގާނޫނުގެ ދަށުން ދައްކަންޖެހޭ ޓެކްސް ދެއްކުމަށް، އެނގިހުރެ، ގަސްދުގައި އެއްކިބާވުމުގެ ނިޔަތުގައި އެއްވެސް ކަމެއް ކުރުމަކީ ކުށެކެވެ. އަދި އެ ފަދަ ކުށެއް ކުރުމަށް ޓެކްސް ދައްކަންޖެހޭ މީހަކަށް އެހީތެރިވެދިނުމުގެ ނިޔަތުގައި އެއްވެސް ކަމެއް ކުރުމަކީ ވެސް ކުށެކެވެ.
ޓެކްސްއަށް މަކަރު ހެދުމުގެ ތުހުމަތު ދޮގުކޮށް ހޯޕް ޓެރެވްލްސް އިން ބުނީ އަަބަދުވެސް މީރާއަށް އެއްބާރުލުންދޭ ކަމަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ