ފެރިދޫ ޕޮލިސް ޕޯސްޓު އިމާރަތްކުރުމުގެ އަމަލީ މަސައްކަތް އެމްޓީސީސީން ފަށައިފި

އއ. ފެރިދޫ ޕޮލިސް ޕޯސްޓު އިމާރަތްކުރަން އަމަލީ މަސައްކަތް އެމްޓީސީސީން ފަށައިފިއެވެ.
އެމްޓީސީސީން ބުނީ ރައީސް ޑރ. މުހައްމަދު މުއިއްޒު ޝަރަފުވެރިކޮށްދެއްވި މި ރަސްމިއްޔާތުގައި ޕްރޮޖެކްޓުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވާފައިވަނީ ހޯމްލޭންޑް މިނިސްޓަރު އަލީ އިހްސާންއާއި، މަތިވެރި ދާއިރާގެ މެންބަރު ހަސަން ޒަރީރުގެ އިތުރުން ޕޮލިސް ކޮމިޝަނަރު އިސްމާއިލް ނަވީން އަދި ކައުންސިލްގެ ރައީސ،ް އިސްމާއިލް ސާހު ކަމަށެވެ.
އެމްޓީސީސީ އިން ބުނީ ފެރިދޫގައި ގާއިމު ކުރަން ހަމަޖެހިފައިވާ ޕޮލިސް ޕޯސްޓަކީ ރަށުގެ އަމަންއަމާންކަން ދެމެހެއްޓުމަށް އެޅޭ މުހިންމު ފިޔަވަޅަކަށް ވެގެންދާނެ ކަމަށާއި، މަޝްރޫއުގެ މަސައްކަތް ފުރިހަމަ ކުރެވުމާއެކު އިޖުތިމާއީ ގޮތުން ގިނަ މަންފާތަކަކާއި ފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ.
އެމްޓީސީސީން އިތުރަށް ބުނީ ޕޮލިސް ޕޯސްޓު އިމާރާތްކުރުމުގެ މަޝްރޫއުގެ ދަށުން 1 ފަންގިފިލާގެ އިމާރާތެއް ބިނާކުރެވޭއިރު ޕޮލިސް ޕޯސްޓެއްގައި ހިދުމަތް ފޯރުކޮށްދިނުމަށް ބޭނުންވާ ހުރިހާ ވަސީލަތެއް ގާއިމު ކުރެވިގެންދާނެ ކަމަށެވެ.
ޕޮލިސް ޕޯސްޓުގެ އިތުރުން އިއްޔެ ވަނީ ފެރިދޫ ސިއްހީ މަރުކަޒު އިމާރާތްކުރުމުގެ މަޝްރޫއުވެސް ސަރުކާރުން އެމްޓީސީސީއާ ހަވާލުކޮށްފައެވެ.
އެމްޓީސީސީ އިން ބުނީ ސިއްހީ މަރުކަޒުގެ މަޝްރޫއަކީ 7.05 މިލިއަން ރުފިޔާއަށް 240 ދުވަސްތެރޭ ނިންމުމަށް އެ ކުންފުންޏާއި ހަވާލުކޮށްފައިވާ މަސައްކަތެއް ކަމަށެވެ. މި މަޝްރޫއުގެ މަސައްކަތް ނިމުމާއެކު ފެރިދޫ އިން ލިބިގެންދާ ސިއްހީ ހިދުމަތުގެ ފެންވަރު ރަނގަޅުވެ، އެ ރަށުގެ ރައްޔިތުން ސިއްހީ ފަރުވާއަށް އެހެން ރަށްރަށަށް ދަތުރުކުރަން ޖެހޭ މިންވަރު މަދުވެ ކުރަން ޖެހޭ މާލީ ހަރަދުތައްވެސް ކުޑަވެގެންދާނެ ކަމަށް އެމްޓީސީސީ އިން ވަނީ ބުނެފައެވެ.
މި މަޝްރޫއު ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އެމްޓީސީސީގެ ފަރާތުން ސޮއިކުރައްވާފައިވަނީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައުދީއެވެ. އަދި ހެލްތް މިނިސްޓްރީގެ ފަރާތުން ސޮއިކުރައްވާފައިވަނީ މިނިސްޓަރު އަބްދުالله ނާޒިމް އިބްރާހީމް އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ