ހަރަދު ކުޑަކުރުން ހަލުވިކުރަން އުފެއްދި ރިފޯމް ކޮމިޝަނަރު އޮފީހުން ކުރި ކަމެއް ކުރާ ކަމެއް ނޭނގޭ ހަރަދު ކުޑަކުރުން ހަލުވިކުރަން އުފެއްދި ރިފޯމް ކޮމިޝަނަރު އޮފީހުން ކުރި ކަމެއް ކުރާ ކަމެއް ނޭނގޭ

އާމްދަނީ އިތުރުކުރާށާއި ހަރަދުތައް ކުޑަކުރަން ސަރުކާރުން ގެންގުޅޭ މާލީ ރިފޯމް އެޖެންޑާގައި ހުރި ފިޔަވަޅުތައް އެޅުން އަވަސްކުރަން އުފެއްދި މާލީ ރިފޯމް އޮފީހުން މިހާތަނަށް ކުރި މަސައްކަތެއް ސާފުކުރަން ކުރި މަސައްކަތް ނާކާމިޔާބުވެއްޖެ އެވެ.
މާލީ ރިފޯމް ކޮމިޝަނަރުގެ މައިގަނޑު މަސައްކަތަކީ ދައުލަތުގެ އެކިއެކި ދާއިރާތައް ރިފޯމް ކުރުމާބެހޭ މަސައްކަތްތައް ހަލުވި ކުރުމެވެ. އޭގެ ތެރޭގައި އިގުތިސޯދީ ރިފޯމާއި މާލީ ރިފޯމާއި އެސްއޯއީތައް ރިފޯމު ކުރުމެވެ. މިއީ މި އަހަރުގެ ބަޖެޓުގައި އަޅަން ބުނި ފިޔަވަޅުތަކެކެވެ.
އެ ގޮތުން މި އޮފީހުގެ އިސްވެރިއަކަށް މާލީ ރިފޯމް ކޮޝަނަރުގެ ގޮތުގައި ހަމަޖެއްސީ ކުރީގެ ޑެޕިއުޓީ ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަން އަސްމާ ޝަފީއެވެ. އަސްމާ އެ މަގާމަށް ހަމަޖެއްސީ މިދިޔަ އަހަރުގެ ޑިސެމްބަރު 17 ގަ، އެވެ.
މިހާތަނަށް އެ އޮފީހުން ކުރި މަސައްކަތުގެ އަދާހަމައެއް ހޯދަން ރައްޔިތުންގެ މަޖިލީހުން މަސައްކަތް ފެށުމާ ގުޅިގެން، އަދަދު އިން ވެސް ވާނީ އެ އޮފީހުން ކުރި މަސައްކަތެއް ހިއްސާކޮށްދޭން ފިނޭންސް މިނިސްޓްރީގައި ތަކުރާރުކޮށް އެދިފަ އެވެ.
ނަމަވެސް މިއަދާ ހަމައަށް ވެސް މިއިން އެއްވެސް ކަމެއްގައި މިނިސްޓްރީގެ ރަސްމީ ބަހެއް ނުލިބެ އެވެ. އަދި ރިފޯމް އޮފީހުން އެ މައުލޫމާތު މަޖިލީހާ ހިއްސާކުރި ކަމެއް ވެސް ސާފެއް ނުވި އެވެ.
ރިފޯމް އޮފީހުގެ މަސައްކަތުގެ އަދާހަމައެއް ހޯދަން ދަތިވެފައިވާއިރު، ރިފޯމް އެޖެންޑާގެ ތެރެއިން ތަންފީޒުކުރާ ކަންކަމެއް ވެސް މިހާރު ނޭނގެ އެވެ. މި އެޖެންޑާގެ ތެރެއިން މިހާތަނަށް ތަންފީޒުވީ އާމްދަނީ އިތުރުކުރަން އަޅަން ބުނި ފިޔަވަޅުތަކެވެ. ރައްޔިތުންގެ މަޖިލީހުން ވަނީ މިދިޔަ އަހަރުގެ ތެރޭގައި ގާނޫނަށް ގެންނަން ޖެހޭ ބަދަލުތައް ގެނެސް، އާމްދަނީ އިތުރުކުރުމުގެ ކަންކަން ތަންފީޒުކޮށްފަ އެވެ.
ރިފޯމް ކޮމިޝަނަރު އޮފީހާ ހަވާލުކުރެވިފައިވާ މަސައްކަތްތަކުގެ ތެރޭގައި މިހާރު ނިމިފައި ހުންނަން ޖެހޭނޭ މަސައްކަތްތަކެއް ވެސް އެބަހުއްޓެވެ. އޭގެ ތެރޭގައި މިހާރު އޮތް އިންޑައިރެކްޓް ސަބްސިޑީ ނިޒާމު ޓާގެޓުކުރުން ހިމެނެ އެވެ. އެކަން ކުރަން އޮތީ މި އަހަރުގެ ދެވަނަ ކުއާޓަރުގެ ތެރޭގަ އެވެ. މިހާރު އަހަރުގެ ތިން ވަނަ ކުއާޓަރު ދެބައިވާއިރު، ބެލެވެނީ އެ ސިޔާސަތު ތަންފީޒު ނުކުރާނެ ކަމަށެވެ.
ރިފޯމް އެޖެންޑާގައި ހުރި ހަރަދު ކުޑަކުރުމުގެ ފިޔަވަޅުތައް ތަންފީޒު ނުވާއިރު، ހަރަދުތައް ކުޑަކޮށްގެން މި އަހަރު ހަތް ބިލިއަނަށް ވުރެ ގިނަ ރުފިޔާ ސަލާމަތްކުރެވޭނެ އެވެ. އަދި ސަލާމަތްކުރެވޭ ހަރަދުތަކާއި އާމްދަނީ އިތުރުކުރަން އަޅާ ފިޔަވަޅުތަކާއެކީ ބަޖެޓު ޑެފިސިޓު ނުވަ ބިލިއަނަށް ތިރިކުރެވޭނެ ކަމަށް ވެސް ފިނޭންސުން ލަފާކުރި އެވެ.
ނަމަވެސް ހަރަދު ކުޑަކުރުން ކުރިއަށް ނުދާތީ ބަޖެެޓު ޑެފިސިޓަށް ވާނެ ގޮތެއް ނޭނގެ އެވެ. ބަޖެޓު ޑެފިސިޓު ބޮޑުވާ ހާލަތުގައި ޑެފިސިޓު ފޫބައްދަން އިތުރު ދަރަނި ނަގަން ޖެހޭނެ އެވެ. މީގެ ސަބަބުން މިހާރު ހުރި މާލީ ފިއްތުންތައް އިތުރު ވެގެން ދާނެ އެވެ.
ހަރަދު ކުޑަކުރުން ތަންފީޒު ނުކުރި ނަމަވެސް ފިނޭންސުން އެންމެ ފަހުން ނެރުނު މާލީ ރިޕޯޓުތަކުން ވެސް ދައްކަނީ ބަޖެޓު ސާޕްލާސްކޮށެވެ. ބަޖެޓުގެ ހަރަދަށް ވުރެ އާމްދަނީ ބޮޑު ކަމަށް ދައްކާ މައިގަނޑު ސަބަބަކީ ތަރައްގީއަށް ބަޖެޓު ކުރި ފައިސާ ހަރަދު ނުކުރާތީ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ