އިންޑިއާއާއި ޗައިނާގެ ގުޅުންތައް ވާދަވެރިކަމުން އެއްބައިވަންތަ ކަމަށް ބަދަލުކުރަނީ

ނިއުދިއްލީ (20 އޮގަސްޓް 2025): އިންޑިއާއާއި ޗައިނާގެ ގުޅުންތައް ވާދަވެރިކަމުން އެއްބައިވަންތަ ގުޅުންތަކަކަށް ބަދަލުކުރުމަށް އިންޑިއާއަށް ވަޑައިގެން އުޅުއްވާ ޗައިނާގެ ޚާރިޖީ ވަޒީރު ވާންގް ޔީ ގޮވާލެއްވުމުން އިންޑިއާއިން އެ ކަމަށް އީޖާބީ ރައްދެއްދީފިއެވެ. ނިއުދިއްލީއަށް ވަޑައިގެން އިންޑިއާގެ ޚާރިޖީ ވަޒީރު ސްބްރަމާނިޔަމް ޖަޔަޝަންކަރާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ޗައިނާގެ ޚާރިޖީ ވަޒީރު ވާންގް ޔީ ވިދާޅުވީ، އިންޑިއާއާއި ޗައިނާއާ ދެމެދުގައިވާ މައްސަލަތަކަކީ ވާހަކަދައްކައިގެން އިތުބާރު އުފައްދައިގެން ހައްލުކުރެވޭނެ މައްސަލަތަކެކެވެ. ޖަޔަޝަންކަރާ އެކު ކުރެއްވި މަޝްވަރާތަކުން ވެސް ބައެއް މައްސަލަތައް ހައްލުކުރެވި ދެ ގައުމުގެ މެދުގައި އިތުބާރާއި ޔަގީންކަން ކުރިޔަށްވުރެ ބޮޑުވެގެން ހިނގައްޖެ ކަމަށް އޭނާ ވިދާޅުވިއެވެ. އިންޑިއާގެ ނޫސްތައް ބުނާގޮތުން ވާންގް ޔީ ވަނީ އިންޑިއާއާއި ޗައިނާގެ ގުޅުންތައް ވާދަވެރިކަމުން އެއްބައިވަންތަ ގުޅުންތަކަކަށް ބަދަލުކުރުމުގެ މުހިއްމު ކަމާބެހޭގޮތުން ޖަޔަޝަންކަރާ މުހިއްމު މަޝްވަރާ ތަކެއް ކުރައްވާފައެވެ. ޖަޔަޝަންކަރު ވެސް ވަނީ މިކަމުގެ މުހިއްމުކަން ފާހަގަ ކުރައްވައި މިކަމަށް މަސައްކަތް ކުރައްވާނެކަމުގެ ޔަގީންކަން ޗައިނާގެ ޚާރިޖީ ވަޒީރަށް ދެއްވާފައެވެ. އިންޑިއާއާއި ޗައިނާއާ ދެމެދުގައިވާ މައިގަނޑު މައްސަލައަކީ ސަރަހައްދީ ރޮނގުގެ މައްސަލައެވެ. ސަރަހައްދީ ރޮނގުގައި ދެގައުމުންވެސް މިލްކުވެރިކަމަށް ދައުވަކުރާ ދެތިން ސަރަހައްދެއް ވެއެވެ. މިމައްސަލަތައް ވާހަކަދައްކައިގެން ހައްލުކުރުމަށާއި ދެގައުމުގެ ދެމެދުގައި އިތުބާރު ގާއިމް ކުރުމަށް ދެ ބޭފުޅުން ވަނީ އެއް ބަސްވެވަޑައިގެންފައެވެ. އިންޑިއާއާއި ޗައިނާގެ ޚާރިޖީ ވަޒީރުން ޗައިނާގެ ޚާރިޖީ ވަޒީރު އިންޑިއާއަށް ކުރައްވާ ދަތުރުފުޅުގައި އިންޑިއާގެ މަސްއޫލުވެރިންނާއެކު ކުރެއްވި މަޝްވަރާތަކުގެ ނަތީޖާއެއްގޮތުން ސަރަހައްދީ ރޮނގު ހުރަސްކޮށް ދެގައުމުގެ ދެމެދުގައި ވިޔަފާރީގެ މުއާމަލާތްތައް އަލުން ފެށުމަށް ވަނީ ނިންމާފައެވެ. އަދި ދެ ގައުމުގެ ދެމެދުގައި ވައިގެ ސީދާ ދަތުރުތައް އަލުން ފެށުމަށާއި ވައިގެމަގުން ކުރާ ވިޔަފާރީގެ މުއާމަލާތްތައް އިތުރުކޮށް ވިޔަފާރީގެ ގުޅުންތައް އިތުރަށް ބަދަހި ކުރުމަށްވެސް ވަނީ ދެ ގައުމުން އެއްބަސްވެފައެވެ. އިންޑިއާއާއި ޗައިނާގެ ގުޅުންތައް ގޯސްވެފައިވާތާ ވަނީ 5 ވަރަކަށް އަހަރުވެފައެވެ. މުރާސިލުން ބުނާގޮތުގައި މި ގުޅުންތައް ކުއްލިއަކަށް ރަނގަނޅުވާން ފެށީ އެމެރިކާއަށް އެތެރެކުރާ އިންޑިއާގެ މުދަލުން ނަގާ ޓެރިފް 25 އިންސައްތައަށް ބޮޑުކުރުމަށްފަހު ރަޝިއާގެ ތެލާއި ގޭސް އިންޑިއާއިން ނުގަނެ ރަޝިއާއާ ދުރުވުމަށް އެމެރިކާ އިންޑިއާއަށް ޕްރެޝަރު ކުރަން ފެށުމާ ގުޅިގެންނެވެ. އިންޑިއާ ވަނީ އެމެރިކާގެ މި ޕްރެޝަރުތަކަށް ބޯނުލަނބާނެކަމަށް ބުނެފައެވެ. ރައްދުގައި އެމެރިކާގެ ރައީސް ޓްރަމްޕްވަނީ އިންޑިއާއިން ރަޝިއާ ގެ ތެލާއި ގޭސް ގަންނަނަމަ އެމެރިކާއަށް އެތެރެކުރާ އިންޑިއާގެ މުދަލުން ނަގާ ޓެރިފް 50 އިންސައްތައަށް މަތިކުރާނެކަމުގެ ހަރުކަށި އިންޒާރު ދެއްވާފައެވެ. ނަތީޖާއެއްގެ ގޮތުން އިންޑިއާވަނީ އެމެރިކާ ދެކެ ވަރަށް ބޮޑަށް ރުޅިއައިސް ހިތްހަމަނުޖެހިފައެވެ. މިއާއެކު އިންޑިއާވަނީ ޗައިނާއާ ގުޅުންތައް ރަނގަނޅުކުރަން ފަށާފައެވެ. އިންޑިއާގެ މުދަލުން އެމެރިކާ ނަގާ ޓެރިފް 50 އިންސައްތައަށް މަތިކުރިނަމަވެސް ރަޝިއާއާއި އިންޑިއާގެ ގުޅުންތަކުގެ ތެރެއަށް ވަދެ އެގުޅުންތައް ގަޑުބަޑު ކުރުމުގެ ފުރުސަތު އެއްވެސް ފަރާތަކަށް ނުދޭނެކަމަށާއި އެއީ އިންޑިއާގެ ސިޔާދަތީ ކަމެއްކަމަށް އިންޑިއާގެ ބޮޑުވަޒީރު ނަރަންދުރަ މޯދީ ވަނީ ވިދާޅުވެފައެވެ. އިންޑިއާއާއި ޗައިނާގެ ގުޅުންތައް ވާދަވެރިކަމުން އެއްބައިވަންތަ ގުޅުންތަކަކަށް ބަދަލުކުރުމަކީ އިގްތިސާދީ ގޮތުންނާއި ޖިއޮޕޮލިޓިކަލް ގޮތުން އެމެރިކާއަށް ކުރިމަތިވާނެ ވަރަށް ބޮޑު ގޮންޖެހުމެއްކަމަށް މުހައްލިލުން ވިދާޅުވެއެވެ. އެއީ މިކަމުގެ ސަބަބުން ބްރިކްސް ޖަމާއަތުގެ ބާރު ގަދަވެ އެމެރިކާ ޑޮލަރާ ވާދަކުރާނެ ދުނިޔޭގެ ފެންވަރުގެ ރިޒާވް އެހެން ކަރަންސީއެއް އުފެއްދުމަށް ބްރިކްސް ޖަމާއަތުގެ ގައުމުތަކުން ކުރާ މަސައްކަތްތައް އަވަސްވެގެން ދާނެތީއެވެ. އަނެއްކޮޅުން ޗައިނާއާ ކޮންޓެއިން ކޮށް އަދި ޗައިނާއާ ކުރިމަތިލުމަށް އެމެރިކާ އިސްވެއޮވެގެން އުފައްދާފައިވާ ކުއަޑް ގްރޫފްވެސް އިންޑިއާއާއި ޗައިނާގެ ގުޅުންތައް ބަދަހިވުމުގެ ސަބަބުން ބަލިކަށިވެގެންދާނެތީއެވެ. ޗައިނާއާއި އިންޑިއާ އާ ދެމެދުގައި އޮންނަ ވާދަވެރިކަމަކީ އެއިން އެމެރިކާ ޖިއޮޕޮލިޓިކަލް ގޮތުން ބޮޑު ފައިދާއެއް ނަގާ ކަމެކެވެ. އިންޑިއާއާއި ޗައިނާގެ ގުޅުންތައް ވާދަވެރިކަމުން އެއްބައިވަންތަ ގުޅުންތަކަކަށް ބަދަލުވުމަކީ ޖިއޮޕޮލިޓިކަލް ގޮތުން ދެކުނު އޭޝިއާ ސަރަހައްދުގައާއި ދެކުނު އިރުމަތީ އޭޝިއާ ގައި އެމެރިކާ ވަރަށް ބޮޑަށް ބަލިކަށިވެގެންދާނެ ކަމެއްކަން މުހައްލިލުން ފާހަގަ ކުރައްވައެވެ. އިންޑިއާއާއި ޗައިނާގެ ބަދަހިވަމުންދާ ގުޅުންތަކާއެކު އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ މި މަހުގެ ފަހުކޮޅު ޗައިނާއަށް ވަޑައިގަންނަވާއެވެ. ސެކިއުރިޓީ ޗީފް އަޖިތު ޑޯވާލް ވިދާޅުވިގޮތުގައި މޯދީ ޗައިނާއަށް ވަޑައިގަންނަވަނީ މި މަހުގެ 31 ވަނަ ދުވަހު ޗައިނާގެ ޓިއަންޖިންގައި ފެށުމަށް ހަމަޖެހިފައިވާ "ޝަންހާއީ ކޯޕަރޭޝަން އޯގަނައިޒޭޝަން" ގެ އިސްވެރިންގެ ސަމިޓްގައި ބައިވެރިވެ ވަޑައިގަތުމަށް ޗައިނާގެ ރައީސް ދެއްވި ދައުވަތަކަށެވެ. މިދަތުރުފުޅުގައި މި ސަމިޓްގައި ބައިވެރިވެ ވަޑައިގަތުމުގެ އިތުރުން މޯދީ ޗައިނާގެ ރައީސް ޝީޖިންޕިން އާ ވަކިން ބައްދަލުކުރައްވައި ދެގައުމުގެ ގުޅުންތައް އައު މަރުހަލާއަކަށް ގެންދިޔުމާބެހޭގޮތުން މަޝްވަރާ ކުރައްވާނެކަމަށް އިންޑިއާގެ ރަސްމީ ފަރާތްތަކާ ހަވާލާދީ އިންޑިއާގެ މީޑިއާތައް ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ