އާއިލާއިން ދެކޮޅު ހެދިޔަސް އަފްރާހުގެ ޕޯސްޓްމޯޓަމް ހަދަނީ, އެކަމަކު ފޮނުވޭނެ ދުވަހެއް ނޭނގެ

ހައްޔަރުކުރިތާ ދެ ދުވަސް ފަހުން, މިދިޔަ އާދިއްތަ ދުވަހު ޖަލު ގޮޅީގައި މަރުވެފައި އޮށްވައި ފެނުނު, އަޙްމަދު އަފްރާހްގެ ޕޯސްޓްމޯޓަމް ހަދަން އާއިލާއިން ދެކޮޅު ނަމަވެސް ޕޯސްޓްމޯޓަމް ހަދާނެ ކަމަށާއި ނަމަވެސް އެކަމަށް ހަށިގަނޑު ބޭރަށް ފޮނުވޭނެ ދުވަހެއް އަދި ނޭނގޭކަމަށް ފުލުހުން މިއަދު ބުނެފިއެވެ. މަސްތުވާތަކެތި ބޭނުންކުރާ ކަމުގެ ތުހުމަތުގައި ފުލުހުން 48 އަހަރުގެ އަފްރާހު ހައްޔަރުކުރީ މިދިޔަ ހުކުރު ދުވަހެވެ. އަތޮޅުވެހީގެ ހަތް ނަންބަރު ގޮޅީގައި ބަންދުގައި ހުރި އަފުރާހުގެ ހާލަތު ފަތިހު 05:50 ހާއިރު ބެލިއިރު، ހަރާކާތް ހުއްޓިފައިވާކަން ފާހަގަކުރެވުނު ކަމަށް ފުލުހުން ބުންޏެވެ. އެހެންވެ، އައިޖީއެމްއެޗަށް ގެންދިޔަ ކަމަށާއި އޭރު ވެސް މަރުވެފައިވާ ކަމަށް ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ބުނެއެވެ. އަފްރާހުގެ އާއިލާއިން ވަނީ އޭނާ މަރުވީ ފަރުވާ ދިނުމަށް އެދުމުން ވެސް ފަރުވާ ނުދީ ހުއްޓައި ކަމަށް ތުހުމަތުކޮށްފައެވެ. އަދި އޭނާގެ ޕޯސްޓްމޯޓަމް ހަދަން ދެކޮޅު ކަމަށް ވެސް އާއިލާއިން ވަނީ ބުނެފައެވެ. އާއިލާއިން އެހެން ބުނި ނަމަވެސް، ފުލުހުން މިއަދު "ސަން"އަށް ބުނީ އަފްރާހް މަރުވި ސަބަބު ދެނެގަތުމަށް ޕޯސްޓްމޯޓަމް ހަދާނެ ކަމަށެވެ. އެގޮތުން އޭނާގެ ހަށިގަނޑު ބޭރަށް ފޮނުވުމަށް ކުރަންޖެހޭ ކަންކަން މިހާރު ހަމަޖައްސަމުން އަންނަކަމަށާއި މި އިންތިޒާމުތައް އަދި ހަމަނުޖެހޭތީ، ޕޯސްޓްމޯޓަމް ހަދަން ފޮނުވޭނެ ދުވަހެއް ނޭނގޭކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލް "ސަން"އަށް ވިދާޅުވިއެވެ. https://sun.mv/210156 އަފްރާހުގެ އެއްބަނޑުއެއްބަފާ ކޮއްކޮ "ސަން"އަށް ބުނިގޮތުގައި އދ. މާމިގިލީގައި ދިރިއުޅޭ އަފްރާހު މި ފަހުން މާލެ އައިސް ހުރީ ދުވަހު ކުއްޔަށް ދޫކުރާ ކޮޓަރިއެއްގައިއެވެ. މިދިޔަ ހުކުރު ދުވަހު ވެސް އަފްރާހް އޭނާގެ އަންހެނުންނާ ބައްދަލު ކުރި ކަމަށާއި އެ ބައްދަލުވުމުގައި ވެސް އޭނާ ވަރަށް ބަލިވެ އުޅޭ ވާހަކަ ބުނި ކަމަށް ކޮއްކޮ ބުންޏެވެ. "މަސްތުވާތަކެތި ބޭނުން ކުރާ މީހުން ހުއްޓާލީމަ ވެ ނޫންތޯ އުނދަގޫ ގޮތްތަކެއް. ބޭބެ ބުނީ ހުއްޓާލައިގެނޭ މިއުޅެނީ އެހެންވެ ވަރަށް އުނދަގޫވާތީ އުޅޭ ވާހަކަ އެ ދުވަހު ވެސް ބުނި," އާއިލާއިން ބުންޏެވެ. އާއިލާއިން ބުނީ އަފްރާހުގެ ޕޯސްޓްމޯޓަމް ނުވަތަ އޮޓޮޕްސީ ހަދަން, އޭނާގެ އުމުރުން ދުވަސް ވެފައިވާ މައިންބަފައިންނާއި މުޅި އާއިލާއިން ވެސް ވަރަށް ދެކޮޅު ކަމަށެވެ. ބޭނުންވަނީ ވީ އެންމެ އަވަހަކަށް ވަޅުލާން ކަމަށް ވެސް ބުންޏެވެ. އެކި މައްސަލަތަކުގައި ޖަލުގައި ބަންދުގައި ކޮށްފައިތިބޭ މީހުން މަރުވާ މައްސަލަތައް ފެންމަތިވާ މިންވަރު ވަނީ ގިނަވާން ފަށާފައެވެ. މިދިޔަ އަހަރުގެ ތެރޭގައި ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓައި, ދަންޖެހިގެން މަރުވި މައްސަލަތަކެއް ވެސް ފެންމަތިވިއެވެ. އޭގެ ތެރޭގައި މަސްތުވާތަކެތީގެ މައްސަލަތަކުގައި ހައްޔަރުކޮށްފައިވާ މީހުން ހިމެނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ