އަތޮޅު އުވާލުމަކީ ހާސް އަހަރުވީ މުހިންމު ސިފައެއް އުވާލުން: ވައްޑެ

އަތޮޅު ކައުންސިލް އުވާލުމަކީ ރާއްޖެއަށް ހާއްސަ ސިފައެއް އުވައިލުން، ނަތީޖާ ހުދުމުހުތާރުވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ވަހީދު (ވައްޑެ) ވިދާޅުވެއްޖެ އެވެ.ވަހީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެންމެ އިހުގެ ލޯމާފާނުތަކުން ވެސް އެނގެން އޮތީ ރާއްޖޭގެ އިދާރީ ބޭނުމަށް އަތޮޅުތަކެއްގެ ގޮތުގައި ރަށްތައް ގްރޫޕުކޮށްފައިވާ ކަން ކަމަށެވެ."އަތޮޅު އަކީ އިނގިރޭސި ބަހަށް ނަކަލުކުރެވިފައިވާ ހަމައެކަނި ދިވެހިބަސް. އަތޮޅު އުވާލުމަކީ ރާއްޖޭގެ ހާސް އަހަރުވީ މުހިންމު ސިފައެއް އުވާލުން،" އޭނާ ވިދާޅުވި އެވެ.އއ. މަތިވެރީ ރައްޔިތުންނާ މިރޭ ބައްދަލުކުރައްވާ ރައީސް ވިދާޅުވީ އަތޮޅު ކައުންސިލްތަކުގެ އެއްވެސް ބޭނުމެއް ނެތް ކަމަށާއި ކޮންމެ ރަށެއްގެ ރަށު ކައުންސިލުން އެކަމަށް ހެކިވާނެ ކަމަށެވެ. އެހެންވެ އަތޮޅު ކައުންސިލްތައް އުވާލުމަށް ގާނޫނުއަސާސީ އިސްލާހުކުރާނެ ކަމަށާއި މަޖިލީހުގެ ޖަލްސާތައް ދެން ފެށުމުން އެކަމާ ގުޅޭ ބިލް ހުށަހަޅުއްވާނެ ކަމަށް ވިދާޅުވި އެވެ."ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ރައްޔިތުން ވޯޓުލާން ދާއިރު އަތޮޅު ކައުންސިލް ހޮވަން ވޯޓުލާކަށް ނުޖެހޭނެ،" ރައީސް ވިދާޅުވި އެވެ.އެމަނިކުފާނު ވިދާޅުވީ އަތޮޅު ކައުންސިލްތައް އުވާލުމުން ރައްޔިތުން އިތުރަށް ބާރުވެރި ކުރެވި ސަރުކާރުގެ ކަމާބެހޭ އިދާރާތަކާ ގުޅިގެން ރަށު ކައުންސިލްތަކަށް މާރަނގަޅަށް މަސައްކަތް ކުރެވޭނެ ކަމަށެވެ."މިސަރުކާރުން މަސައްކަތް ކުރާނީ ރައްޔިތުންގެ ފަޅީގައި ތިބެގެން ރައްޔިތުން ބާރުވެރިކުރުވަން،" ރައީސް ވިދާޅުވި އެވެ.އަތޮޅު ކައުންސިލްތައް އުވާލުމުގެ އިތުރަށް ކައުންސިލްތަކުގެ ސައިޒު ކުޑަކުރުމާ ގުޅޭ ބިލްވެސް މަޖިލީހުގެ ކުރިއަށް އޮތް ދައުރަށް ހުށަހަޅުއްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ. އެގޮތުން ގާނޫނުއަސާސީ އިސްލާހުކުރާނީ 2،000 މީހުންނަށް ވުރެ މަދުން އުޅޭ އާބާދީތަކުގައި ތިން ކައުންސިލަރުން އަދި 2،000 މީހުންނަށް ވުރެ ގިނަ މީހުންގެ އާބާދީތަކުގައި ފަސް ކައުންސިލަރުން ތިބޭ ގޮތަށް ކަމަށް ވިދާޅުވި އެވެ. ބައެއް ސިޓީތަކަށްވެސް ބައެއް ބަދަލުތައް އަތުވެދާނެ ކަމަށް ވިދާޅުވި އެވެ.ރައީސް އިތުރަށް ވިދާޅުވީ އިސްލާހުތަކެއް ގެންނަނީ ލާމަރުކަޒީ ނިޒާމު އިތުރަށް ހަރުދަނާ ކުރުމަށް ކަމަށާއި ރާއްޖޭގައި މިހާރު އޮތީ ބަރުހެލި ނިޒާމެއް ކަމަށްވާއިރު އިސްލާހުތައް ގެންނަނީ ރައްޔިތުން އެންމެ ބޭނުންވާ ގޮތަށް ނިޒާމު ބައްޓަން ކުރުމުގެ ބޭނުމުގައި ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ