ނެޓްފްލިކްސްގެ އެންމެ މަޝްހޫރު ޝޯ "ވަން ޕީސް"ގެ ތަރި ޓެޒް ސްކައިލާ، ރާއްޖޭގެ ޓޫރިޒަމް އެމްބެސެޑަރަކަށް ހަމަޖައްސައިފިއެވެ.
މިކަން އިއުލާނުކޮށް އެކްސްގައި ކުރި ޕޯސްޓެއްގައި ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަނުން ބުނީ މި މަހުގެ 27 އިން ސެޕްޓެމްބަރު 15 ގެ ނިޔަލަށް ސްކައިލާ ރާއްޖެއަށް ޒިޔާރަތްކުރަން ހަމަޖެހިފައިވާކަމަށާއި، ސްކައިލާގެ އެމްބެސެޑާޝިޕްގެ ތެރޭގައި ރާއްޖޭގެ ގުދުރަތީ ރީތިކަމާއި ސަގާފީ މުއްސަނދިކަން ދުނިޔެއަށް ދައްކާލާ ރާއްޖޭގެ ޓޫރިޒަމް އިސްތިހާރު ކުރުން ހިމެނޭ ކަމަށެވެ.
ސްކައިލާ އަކީ އިންސްޓަގްރާމްގައި 1.8 މިލިއަން ފޮލޯވަރުން ތިބި މީހުންގެ މެދުގައި މަގުބޫލު ތަރިއަކަށްވާއިރު، އެވްރެޖްކޮށް 45،000 ލައިކް އަދި 300 އަށްވުރެ ގިނަ ކޮމެންޓް އޭނާގެ ޕޯސްޓު ތަކަށް ލިބެއެވެ.
ފާހަގަކުރެވޭ ގޮތުގައި "ވަން ޕީސް" ވަނީ ދުނިޔޭގެ ފެންވަރުގެ ކާމިޔާބެއް ހާސިލުކޮށްފައެވެ. ނެޓްފްލިކްސް އަށް ވަން ޕީސް ދޫކުރުމާއެކު 84 ގައުމެއްގައި އެންމެ ގިނައިން މީހުން ބެލި ޝޯއަކަށް ވަން ޕީސް ވަނީ ވެފައެވެ. މިއީ ނެޓްފްލިކްސްގެ މަޝްހޫރު ޝޯތައް ކަމަށްވާ "ވެޑްނިސްޑޭ" އަދި "ސްޓްރޭންޖާ ތިންގްސް" ބީޓު ކޮށްލި ޝޯއެއް ކަމަށް ގިނަބަޔަކު ވަނީ ބުނެފައެވެ.
ރާއްޖޭގެ ޓޫރިޒަމް ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާއިރު، ސްކައިލާގެ އިތުރުން އިޓަލީގެ ފުޓުބޯޅަ ނޫސްވެރިޔާ ފެބްރީޒިއޯ ރޮމާނޯވެސް ވަނީ މިއަހަރުގެ މާޗު މަހުގެ ތެރޭގައި ރާއްޖޭގެ ޓޫރިޒަމް އެމްބެސެޑަރަކަށް ހަމަޖައްސާފައެވެ. ފެބްރީޒިއޯ ރާއްޖެއަށް މީގެކުރިން އެތައް ފަހަރެއްގެ މަތިން އައިސްފައިވާއިރު 2022 ވަނަ އަހަރު ބޭއްވި މޯލްޑިވްސް ސްޕޯޓްސް އެވޯޑްސްގައި، ސްޕޯޓްސް އައިކަން އެވޯޑުވެސް ވަނީ ހާސިލުކޮށްފައެވެ.
ފެބްރީޒިއޯ ރޮމާނޯ އަކީ މިވަގުތު ދުނިޔޭގައި ފާހަގަކޮށްލެވޭ އެންމެ ނުފޫޒުގަދަ އެއް ފުޓުބޯޅަ ނޫސްވެރިޔާއެވެ.
"ވަން ޕީސް"ގެ ތަރި ޓެޒް ސްކައިލާ، ރާއްޖޭގެ ޓޫރިޒަމް އެމްބެސެޑަރަކަށް ހަމަޖައްސައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ