ލަންކާއިން 10،000 މަސައްކަތު މީހުން ގެންދަން ތައިލެންޑުން ނިންމައިފި

ތައިލެންޑާއި ކެމްބޯޑިއާއާ ދެމެދު ހިނގި ހަމަނުޖެހުންތަކަށް ފަހު ކެމްބޯޑިއާގެ މަސައްކަތްތެރިން އެނބުރި ގައުމަށް ދިއުމާ ގުޅިގެން މަސައްކަތްތެރިންގެ ދަތިކަން ހައްލުކުރުމަށް 10،000 މަސައްކަތްތެރިން ސްރީ ލަންކާ އިން ހޯދުމަށް ތައިލެންޑްގެ ސަރުކާރުން އިއްޔެ ފާސްކޮށްފި އެވެ.
ތައިލެންޑްގެ މުސްކުޅި އާބާދީ އާއި މަސައްކަތްތެރިން މަދުވުމުގެ ސަބަބުން ދަނޑުވެރިކަމާއި އިމާރާތްކުރުން ފަދަ ދާއިރާތަކުގައި މަސައްކަތް ކުރާނެ ބޭރުގެ ތިން މިލިއަން މީހުންގެ މައްޗަށް ބަރޯސާވާން މަޖުބޫވާ ކަމަށް އިންޓަނޭޝަނަލް ލޭބާ އޯގަނައިޒޭޝަންގެ ތަފާސްހިސާބުތަކުން ދައްކަ އެވެ.
ލަންކާގެ ލޭބާ މިނިސްޓަރު ޕޮންގްކާވިން ޖުންގްރޫންގްރުއާންގްކިޓް ނޫސްވެރިންނަށް ވިދާޅުވީ ތައިލެންޑުން މިހާތަނަށް 30،000އަށް ވުރެ ގިނަ މަސައްކަތްތެރިން ރަޖިސްޓްރީކޮށްފައިވާ ކަމަށާއި ފުރަތަމަ ފިޔަވަހީގައި 10،000 މީހުން ތައިލެންޑަށް ފޮނުވުމަށް ނިންމާފައިވާ ކަމަށެވެ.
އޭގެ އިތުރުން ނޭޕާލް، ބަންގްލަދޭޝް، އިންޑޮނޭޝިއާ އަދި ފިލިޕީންސްގެ މަސައްކަތްތެރިންނަށް ވެސް ފޯމު ހުށަހެޅުމުގެ ފުރުސަތު ދޭނެ ކަމަށް ތައިލެންޑް ސަރުކާރުން ބުނެ އެވެ.
ތައިލެންޑާއި ކެމްބޯޑިއާއާ ދެމެދު ބޯޑަރު ސަރަހައްދުގައި ދިގު ދެމިގެން ދިޔަ ހަމަނުޖެހުންތައް އިތުރަށް ގޯސްވެ، މިދިޔަ މަހުގެ ތެރޭގައި އެކަން ހަނގުރާމައަކަށް ބަދަލުވެ، ބޯޑަރުގެ ދެ ފަރާތުން 43 މީހުން މަރުވެ، 300،000އަށް ވުރެ ގިނަ މީހުންގެ ގެދޮރު ވަނީ ގެއްލިފަ އެވެ. އެ ދެ ގައުމުން މިހާރު ވަނީ ހަނގުރާމަ ހުއްޓާލުމުގެ ނާޒުކު އެއްބަސްވުމުމެއްގައި ސޮއިކޮށްފަ އެވެ.
ހަމަނުޖެހުންތައް ފެށުމުގެ ކުރިން ކެމްބޯޑިއާގެ 520،000އަށް ވުރެ ގިނަ މީހުން ތައިލެންޑްގައި ވަޒީފާ އަދާކުރަމުން ދިޔަ އިރު، އެއީ ތައިލެންޑްގައި މަސައްކަތް ކުރާ ބޭރު ގައުމުތަކުގެ މުވައްޒަފުންގެ %12 ކަމަށް ރަސްމީ ތަފާސްހިސާބުތަކުން ދައްކަ އެވެ.
ކެމްބޯޑިއާ ސަރުކާރުން ބުނި ގޮތުގައި، ތައިލެންޑުގައި ވަޒީފާ އަދާކުރާ އެ ގައުމުގެ ގާތްގަނޑަކަށް 400،000 މީހުން ވަނީ ހަނގުރާމައިގެ ތެރޭގައި އެ ގައުމު ދޫކޮށް ގޮސްފަ އެވެ.
އިގްތިސާދީ ދަތިތަކުގެ ސަބަބުން ލަންކާގެ ގިނަ ބަޔަކު ގައުމުން ބޭރުގައި ވަޒީފާ ހޯދަން ވަނީ މަޖުބޫރުވެފަ އެވެ. އެގޮތުން، 2024 ވަނަ އަހަރު ރެކޯޑް އަދަދަކަށް 314،786 މީހުން ގައުމުން ބޭރަށް ވަޒީފާއަށް ފުރާފައިވާ ކަމަށް ރަސްމީ ތަފާސްހިސާބުތަކުން ދައްކަ އެވެ.
ލަންކާ މީހުން އެންމެ ގިނަ އިން ވަޒީފާ ހޯދަނީ މެދުއިރުމަތީގެ ގައުމުތަކުންނެވެ. ނަމަވެސް ދެކުނު ކޮރެއާ އާއި ޖަޕާނުން ވެސް ގިނަ ބަޔަކު މަސައްކަތް ހޯދަން މަސައްކަތް ކުރެ އެވެ.
ލަންކާއަށް ބޭރު ފައިސާ ވެއްދުމުގައި އެންމެ ބޮޑު އެހީތެރިކަމެއް ފޯރުކޮށްދެނީ ބޭރުގައި މަސައްކަތް ކުރާ އެ ގައުމުގެ މަސައްކަތްތެރިންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ