ދިރާގުން ރެޑް ކްރެސެންޓަށް އެހީ ފޯރުކޮށްދެނީ

ދިވެހި ރެޑް ކްރެސެންޓުން އިންސާނިއްޔަތަށްޓަކައި ކުރާ މަސައްކަތުގައި ބައިވެރިވުމުގެ ގޮތުން ދިރާގުން "ޕާޓްނާސް ފޯ ހިއުމެނިޓީ އިނިޝިއޭޓިވް" ގެ ޕާޓްނާޝިޕް 2025-2026 އަހަރަށް އާ ކޮށްފި އެވެ.މި އިނިޝިއޭޓިވްގެ ދަށުން ދިރާގަށް ކާރިސާތަކުގެ ވަގުތުގަ އާއި އާއްމު ހާލަތްތަކުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ނާޒުކު ފަރާތްތަކަށް ދިވެހި ރެޑް ކްރެސެންޓްގެ ދަރުމަވެރިން ފޯރުކޮށްދޭ ހިދުމަތްތަކަށް އެއްބާރުލުމާއި އެހީތެރިކަން ދެމެހެއްޓެނިވި ގޮތުގައި ފޯރުކޮށްދެވޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ. އޭގެ ތެރޭގައި ފުރަތަމަ އެހީ ދިނުމާއި ނަފްސާނީ އިޖްތިމާއީ އެހީތެރިކަން ފޯރުކޮށްދިނުމާއި ކާރިސާތަކުން އަރައިގަތުމަށް ކުރަންޖެހޭ މަސައްކަތްތައް ހިމެނެ އެވެ.މި އިނިޝިއޭޓިވްގެ ދަށުން ދިރާގަށް ރެޑް ކްރެސެންުގެ މަސައްކަތްތަކުގައި ހަރަކާތްތެރިވާ ދަރުމަވެރިން ތަމްރީންކޮށް، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އުފައްދާފައިވާ ދިވެހި ރެޑް ކްރެސެންޓްގެ ޔުނިޓްތައް އެކި ރޮނގުތަކުން ތަމްރީނު ކުރުމުގައި އެހީތެރިކަން ފޯރުކޮށްދޭނެ އެވެ.ދިރާގުގެ މެނޭޖަރު، ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ، ބިޝާރާ ހަމީދު ވިދާޅުވި ވަނީ ރެޑް ކްރެސެންޓުން ކުރަމުން އަންނަ ގައުމީ މަސައްކަތްތަކަށް އެއްބަރުލުންދީ، އެހީތެރިކަން ދިނުމަކީ އެ ކުންފުންޏަށް ލިބޭ އުފަލެއްގެ ގޮތުގައި ފާހަގަކުރައްވައިފަ އެވެ.ދިވެހި ރެޑް ކްރެސެންޓުންވެސް ވަނީ ވޭތުވެދިޔަ އަހަރުތަކުގައި ދިވެހި ރެޑް ކްރެސެންޓުން ފޯރުކޮށްދޭ ހިދުމަތްތައް ދިނުމުގައި އަދި މަސައްކަތް ފުޅާ ކުރުމުގައި ދިރާގުން އެހީތެރިކަން ފޯރުކޮށްދޭކަން ފާހަގަކޮށްފަ އެވެ. މި އެހީތެރިކަމުގެ ސަބަބުން ކުއްލި ހާލަތްތަކުގައްޔާއި ކާރިސާގެ ވަގުތުތަކުގައި އެންމެ ނާޒުކު ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށް ދިނުމަށް މަގުފަހިވުމުގެ އިތުރުން، ދިރާގާއި ދިވެހި ރެޑް ކްރެސެންޓްއާ ދެމެދު ގާއިމްކުރެވިފައިވާ ގުޅުން ވަރުގަދަކުރުމުގެ ފުރުސަތު ލިބިގެންދާކަން ފާހަގަކޮށްފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ