އެމްއެންޔޫން ކަނޑުގެ ސަލާމަތާ ބެހޭ މުހިންމު ދިރާސާ ފޮތެއް ނެރެފި

ރާއްޖޭގެ ގައުމީ ޔުނިވަސިޓީ (އެމްއެންޔޫ)ގެ ސެންޓަރު ފޯ ސެކިއުރިޓީ އެންޑް ސްޓްރެޓީޖިކް ސްޓަޑީޒް އިން މުހިންމު ދިރާސާ ފޮތެއް ކަމަށްވާ 'ސްމޯލް ސްޓޭޓްސް މެރިޓައިމް ސެކިއުޓީ' ރަސްމީކޮށް ނެރެފި އެވެ.
ތަފްސީލް - އެމްއެންޔޫގެ ސެންޓަރު ފޯ ސެކިއުރިޓީ އެންޑް ސްޓްރެޓީޖިކް ސްޓަޑީޒްގެ ހެޑް އަދި ދިރާސާވެރިއެއް ކަމަށްވާ ޑރ. އަތާއުﷲ އަހުމަދު ރަޝީދު ލިޔުއްވާފައިވާ ފޮތުން، ރާއްޖެ ފަދަ ކުދި ދައުލަތްތަކުގެ ކަނޑުގެ ސަލާމަތީ ކަންކަމަށް އަލިއަޅުވާލައި އިންޑޯ-ޕެސިފިކް ސަރަހައްދުގެ ސްޓްރެޓެޖީގެ ތެރެއިން ރާއްޖޭގެ ދައުރު އަދި ރާއްޖެއަށް ކުރިމަތިވެދާނެ ގޮންޖެހުންތަކާއި ފުރުސަތުތަކާ ބެހޭ ގޮތުން ފުންކޮށް ބަހުސްކޮށްފައިވެ އެވެ.
ރާއްޖެއަކީ ކަނޑުގެ ސަލާމަތަށް ވަރަށް ބޮޑަށް ބަރޯސާވެފައިވާ ގައުމެއް ކަމުން، މި ފޮތަކީ ސަލާމަތީ ކަންކަމާއި ސަރަހައްދީ ގުޅުންތަކަށް ޝައުގުވެރިވާ ފަރާތްތަކަށް ހާއްސަކޮށް ސިޔާސަތު އެކުލަވާލާ ފަރާތްތަކަށާއި ދިރާސާވެރިންނަށް ވަރަށް ބޮޑު މައުލޫމާތެއް ދިނުމަށް އެހީތެރިވެދޭނެ ފޮތެކެވެ.
އަތާއުﷲއަކީ ބައިނަލްއަގުވާމީ ގުޅުންތަކާއި ސަލާމަތީ ކަންކަމުގެ ދާއިރާއިން ފުޅާ ތަޖުރިބާ ލިބިފައިވާ ބޭފުޅެކެވެ. މިފޮތް ލިޔުއްވުމުގެ ކުރިން ވެސް ސަލާމަތީ ކަންކަމުގެ ދާއިރާއިން އޭނާ ވަނީ އެތައް ދިރާސާއެއް ކުރައްވާފަ އެވެ.
ބުނީ ކީކޭ؟ - "ދިވެހިރާއްޖެ ފަދަ ކުދި ޖަޒީރާ ގައުމުތަކަށް ކަނޑުގެ ސަލާމަތީ ގޮންޖެހުންތަކުން ދިފާއުވުމަށް އެކަށޭނެ ސްޓްރެޓެޖީތައް އެކުލަވާލުމަކީ މުހިންމު ކަމެއް. މި ފޮތުން އުންމީދު ކުރަނީ މި ދާއިރާއިން އިތުރު ބަހުސްތައް ފެށި، ސިޔާސަތުތަކަށް ހެޔޮ ބަދަލުތަކެއް އައުމަށް މަގުފަހިވެގެންދިއުމަށް،" ފޮތް ނެރުމުގެ ރަސްމިއްޔާތުގައި އަތާއުﷲ ވިދާޅުވި އެވެ.
ފާހަގަކޮށްލެވޭ - ސެންޓަރު ފޯ ސެކިއުރިޓީ އެންޑް ސްޓްރެޓީޖިކް ސްޓަޑީޒްއަކީ އެމްއެންޔޫގެ ދަށުން ހިންގަމުން އަންނަ މަރުކަޒެކެވެ.
މި މަރުކަޒުން ރާއްޖެއަށް ކުރިމަތިވެދާނެ ސަލާމަތީ ގޮންޖެހުންތަކާއި ސަރަހައްދީ އަދި ސްޓްރެޓެޖީތަކާ ބެހޭ ގޮތުން ދިރާސާކޮށް ސިޔާސަތުތައް އެކުލަވާލުމަށް އެހީތެރިވެދެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ