ރާއްޖޭގެ ކޮންމެ ރަށަކުން ފުޓްބޯޅަ ޝަހުސިއްޔަތެއް ކަނޑައަޅަނީ
މީހުން ދިރިއުޅޭ ހުރިހާ ރަށަކުން، އެ ރަށެއްގެ ފުޓްބޯޅަ ޝަހުސިއްޔަތު ކަނޑައަޅަން ހުޅުވައިލަން އެފްއޭއެމުން އިއުލާންކޮށްފި އެވެ.ރާއްޖޭގެ ފުޓްބޯޅައިގެ އަލިމަސް ޔޫބީލް އަހަރަކީ މި އަހަރެވެ. އެކަމަކު، އެކަން ފާހަގަ ފާހަގަކުރަން ބާއްވާ މުބާރާތް އޮންނާނީ އަންނަ އަހަރުއެވެ. އަންނަ އަހަރު ޖޫންއަށް އެ މުބާރާތް ތާވަލުކޮށްފައި އޮތްއިރު، އެކަމާ ގުޅޭ އިތުރު އެތައް ހަރަކާތެއް ހިންގަން އެފްއޭމުންވަނީ ނިންމާފައެވެ.ރާއްޖޭގެ ފުޓްބޯޅައިގެ އަލިމަސް ޔޫބީލު ފާހަގަ ކުރުމަށް އެފްއޭމުން އެކުލަވާލި ކޮމިޓީން ރޭ ބޭއްވި ނޫސް ކޮންފަރެންސްގައިވަނީ، ރާއްޖޭގެ ކޮންމެ ރަށަކުން އެ ރަށެއްގައި އުފެއްދި ފުޓްބޯޅައިގެ ޝަހުސިއްޔަތު ކަނޑައެޅުމަށް އިއުލާން ކޮށްފައެވެ. މިކަން ހާމަކޮށް، ކޮމިޓީގެ ޗެއާ އަދި ގައުމީ ޓީމުގެ ކުރީގެ ކޯޗު އަލީ ސުޒޭން ބުނީ އެ ރަށެއްގެ ފުޓްބޯޅަ ޝަހުސިއްޔަތު ކަނޑައަޅަން ފުރުސަތު ދޭނީ އެ ރަށަކަށް ކަމަށެވެ. އެކަމަށްޓަކައި ފުޓްބޯޅަ ޝަހުސިއްޔަތު ކަނޑައެޅުމުގެ އުސޫލުތަކެއް އެކުލަވާލާއި އެކަން އެފްއޭއެމުން ވަރަށް އަވަހަށް އިއުލާން ކުރާނެ ކަމަށް އޭނާ ބުންޏެވެ. ކޮމިޓީގެ ޗެއާމަން ސުޒެއިން ވިދާޅުވީ ރަށްރަށުގައި ފުޓްބޯޅަ ޝަހުސިއްޔަތަކަށް އެ ރަށެއްގެ ކުޅުންތެރިއަކަށް ނުވަތަ ރެފްރީއަކަށް ނުވަތަ ފުޓްބޯޅަ ނޫސްވެރިއަކަށް ވެސް ވެވިދާނެ ކަމަށެވެ."ވަރަށް މޮޅު ކުޅުންތެރިޔެއް ހުރީ. ވަރަށް މޮޅު ނޫސްވެރިއެއް ހުރީ. ވަރަށް މޮޅު ފުޓްބޯޅަ ކޮމަންޓޭޓަރެއް ވެސް ހުރެދާނެ. އެއީ މިކަންވާނެ ހޯދުމުގައި ވާދަވެރިވާނެ ކަމަކަށް ވެސް،" ސުޒެއިން ބުންޏެވެ.ކޮމިޓީގެ ވައިސް ޗެއާމަން މުބީން ވިދާޅުވީ ރަށްރަށުގެ ފުޓްބޯޅަ ޝަހުސިއްޔަތުން ހޮވުމުގައި، ކްރައިޓީރިއާތައް ކަނޑައަޅާއިރު، އާންމުންގެ ވޯޓު ވެސް ހިމެނޭ ގޮތަށް ކަންކަން ހަމަޖެހިގެންދިއުމުގެ ވިސްނުން ވެގެންގުޅުއްވާ ކަމަށެވެ. އަދި މިދިޔަ 75 އަހަރުތެރޭ ފުޓްބޯޅައިގައި އެންމެ މުހިންމު ދައުރެއް އަދާކުރި ރަށްރަށް ވެސް ފާހަގަކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ."ކުޅުދުއްފުށި ދިވެހި ފުޓްބޯޅައިގައި ކިހާ ބޮޑު ދައުރެއް އަދާކުރިތޯ؟ ހުރާ. މަހިބަދޫ. އޭދަފުށި ތިނަދޫ ކަހަލަ ރަށްރަށް ކިހާ ބޮޑު ދައުރެއް އަދާކުރިތޯ؟ މިހުރިހާ ބައެއް މީގެ ތެރޭގައި ހިމެނިގެން ދާނީ. މި ރަށްރަށުގެ ނަންނަން ކަންފަތުގައި އަޑުޖެހުނީމަ އަންނަ ޝުއޫރު. މީގެ [އަލިމަސް ޔޫބީލު ފާހަގަ ކުރުމުގެ] ތެރޭގައި ދާނެ،" މުބީން ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ރަށްރަށުގެ ފުޓްބޯޅަ ޝަހުސިއްޔަތު ކަނޑައަޅާއިރު، އެ ރަށުގެ ރައްޔިތުންގެ ވޯޓުން ޕަސެންޓެއް ވެސް ހިމަނަން އެކަމަށް އެކުލަވާލާ އުސޫލުގައި ހިމަނާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ