އަތޮޅު ކައުންސިލުގެ އެއްވެސް ބޭނުމެއް ނެތް، ފެށޭ ދައުރުގައި އުވާލަން ހުށަހަޅާނަން: މުއިއްޒު އަތޮޅު ކައުންސިލުގެ އެއްވެސް ބޭނުމެއް ނެތް، ފެށޭ ދައުރުގައި އުވާލަން ހުށަހަޅާނަން: މުއިއްޒު

އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގޮތުން ގާނޫނުއަސާސީން ބާރު ލިބިގެން އުފައްދާފައިވާ އަތޮޅު ކައުންސިލްތައް އުވާލުމަށާއި ލާމަރުކަޒީ ގާނޫނަށް އިތުރު ބަދަލުތަކެއް ގެންނަން ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ފަހު ދައުރަށް ހުށަހަޅުއްވާނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
މަޖިލީހުގެ މި އަހަރުގެ ތިން ވަނަ ދައުރު ސެޕްޓެމްބަރު މަހު ފަހުކޮޅުގައި ފަށާނެ އެވެ.
އއ. އަތޮޅަށް ކުރައްވާ ދަތުރުގައި އެ އަތޮޅު މަތިވެރީގައި އިއްޔެ ވާހަަކަ ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ "އަތޮޅު ކައުންސިލަކީ އެއްވެސް ބޭނުމެއް އޮތް އެއްޗެއް ނޫން. އެއްވެސް ބޭނުމެއް އޮތް އެއްޗެއް ނޫން،" ކަމަށެވެ.
"ކޮންމެ ރަށެއްގެ ރަށު ކައުންސިލް މިކަމަށް ހެކި ވާނެ. އެއީ އެއްވެސް ބޭނުމެއް އޮތް އެއްޗެއް ނޫން. އެހެންވީމާ ގާނޫނުއަސާސީ އަޅުގަނޑުމެން އިސްލާހު ކުރާނަން. ގާނޫނުއަސާސީ އިސްލާހު ނުކޮށެއް ނެތް މިކަމެއް ވާކަށް، އަތޮޅު ކައުންސިލްތައް އުވާލުމެއް،" މުއިއްޒު ވިދާޅުވި އެވެ.
ސަރުކާރުން ބޭނުންވާ ގޮތަކަށް ގާނޫނުތައް ފާސްކުރުމުގެ ސުޕަ މެޖޯރިޓީ މަޖިލީހުގައި އޮތްއިރު، މުއިއްޒު ވިދާޅުވީ އަންނަ އަހަރުގެ ކުރީކޮޅުގައި ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި އަތޮޅު ކައުންސިލްތައް އިންތިހާބު ކުރަން ވޯޓުލާން ނުޖެހޭނެ ކަމަށެވެ.
އަތޮޅު ކައުންސިލްތައް އުވާލުމަކީ މުއިއްޒު ގަބޫލު ކުރައްވާ ގޮތުގައި ރައްޔިތުން ބާރުވެރިކުރުވާ ކަމެކެވެ. އެކަމުގެ ސަބަބެއްގެ ގޮތުގައި ވިދާޅުވީ ރަށު ކައުންސިލްތަކަށް ވުޒާރާތަކާއި އެސްއޯއީތަކާ ސީދާ މުއާމަލާތް ކުރެވުމެވެ.
މިހާރު ވެސް ރަށު ކައުންސިލްތަކަށް އެކަމަށް ހުރަހެއް ނެތެވެ. ރަށު ކައުންސިލްތަކުން ކަމެއް ކުރަން، މިނިސްޓްރީއަކާ ވާހަކަ ދައްކަން އަތޮޅު ކައުންސިލްގެ ހުއްދައެއް ނަގަން ނުޖެހެ އެވެ. ނުވެސް ނަގަ އެވެ.
އަތޮޅު ކައުންސިލްތައް އުވާލުމުގެ އަނެއް ބޭނުމަކީ ޖަވާބުދާރީ ކުރުވައި ދެފުށް ފެންނަ ނިޒާމެއް ގެނައުން ކަމަށް ވެސް މުއިއްޒު ފާހަގަ ކުރެއްވި އެވެ.
ލާމަރުކަޒީ ގާނޫނު އިސްލާހުކޮށް، 2000 އަށް ވުރެ ދަށުގެ އާބާދީތަކުގެ ކައުންސިލްގެ މެންބަރުންގެ އަދަދާއި ޑަބްލިޔޫޑީސީގެ މެންބަރުންގެ އަދަދު 3 އަކަށް ބަދަލުކޮށް، އެއަށް ވުރެ ބޮޑެތި އާބާތީތަކަށް 5 ކައުންސިލަރުން އަދި ޑަބްލިޔޫޑީސީއަށް ވެސް 5 މެންބަރުން އައްޔަން ކުރާނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ.
ކުރިން މުއިއްޒު ގެންގުޅުއްވީ 500 މީހުން ހަމަ ނުވާނަމަ 3 ކައުންސިލަރުން އަދި އެއަށް ވުރެ އާބާދީ ބޮޑު ނަމަ 5 ކައުންސިލަރުން އިންތިހާބު ކުރުމުގެ ވިސްނުމެވެ
އަތޮޅު ކައުންސިލްތައް އުވާލައިފި ނަމަ ޒަމާނުއްސުރެ ރާއްޖޭގައި އޮތް ދައުލަތުގެ އިދާރީ ހިންގުމުގެ އޮނިގަނޑަށް ވަރަށް ބޮޑު ބަދަލެއް ކުއްލިއަކަށް އަންނާނެ އެވެ. އަތޮޅު ކައުންސިލްތަކަކީ ޒަމާނުއްސުރެ ވެސް ދައުލަތުގެ އިދާރީ ހިންގުމުގައި އެކުލަވާލާފައިވާ އަދި މުހިންމު ދައުރެއް އަދާކުރި އަދި ބާރުވެސް ދީފައި އޮތް މުއައްސަސާއެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ