ޓަސްލާފަ: ތައިސޭކޮށީގަައި ބާއްވާ ފުރަތަމަ ޝޯ ބުރާސްފަތި ދުވަހުގެ ރޭ

'ޓަސްލާފަ' ސިލްސިލާގެ ޝޯއެއް އަންނަ ބުރާސްފަތި ދުވަހުގެ ރޭ މާލޭގެ ތައިސޭ ކޮށީގައި ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ.
މިއީ ތައިސޭ ކޮށީގައި ބާއްވާ ފުރަތަމަ މިއުޒިކް ޝޯ އެވެ. މި ޝޯގައި ރާއްޖޭގެ ރޮކް މިއުޒިކް ލެޖެންޑް ފަސީލައިވް، ސްޕިޓްބޯލް، އިރުކޭތަ، ޒެނިއާ އަދި ޝީސުގެ ހުށަހެޅުމަށް ހިމެނޭނެ ކަމަށް އިންތިޒާމްކުރާ ފަރާތުން ބުންޏެވެ.
'ޓަސްލާފަ'ގެ މަގުސަދަކީ ގެއްލެމުން ނެތެމުންދާ ދިވެހި ރޮކް މިއުޒިކް އަލުން ދިރުވުމެވެ. ޓަސްލާފަ އިން ވަނީ މިދިޔަ ޖުލައި މަހުގައި ހުޅުމާލޭ ބީޗް ކްލަބުގައި ވެސް ޝޯއެއް ބާއްވާފަ އެވެ.
މިއުޒިކް ކުޅޭނެ ޖާގައެއް މާލޭގައި ނެތުމުން ދިމާވާ ހުރަސްތަކަށް ހައްލެއް ހޯދުމަށް މާލޭ މޭޔަރު އާދަމް އާޒިމްއާ ބޭންޑްތަކުން ބައްދަލުކުރުމުން ތައިސޭ ކޮށި ވަނީ މިކަމަށް ހަމަޖައްސައިދީފަ އެވެ. ކައުންސިލްގެ ބެލުމުގެ ދަށުގައި އޮންނަ ތައިސޭކޮށްޓަކީ ކުރިން މާލޭގެ ކަނޑުތޮށި ލުމުގެ މަސައްކަތް ކުރި ޖަޕާނުގެ ތައިސޭ ކޯޕަރޭޝަނުން ބޭނުން ކުރި ތަނެކެވެ.
ޓަސްލާފަ އިން ބުނިގޮތުގައި ރާއްޖޭގެ މިއުޒިކް ކުޅޭ ފަންނާނުންނަށް އޮތް އެއް ހުރަހަކީ ލައިވް ޕާފޯމަންސް ބާއްވާނެ ޖާގައެއް ނެތުމެވެ. މާލޭ ސިޓީ ކައުންސިލުން މިކަމަށް ހައްލެއް ގެނެސްދިނުމަކީ ރާއްޖޭގެ ލައިވް މިއުޒިކް ސަގާފަތް ކުރިއެރުވުމަށް އެހީތެރިވުންކަން އެ ފަރާތުން ފާހަގަ ކުރި އެވެ.
"ލައިވްކޮށް މިއުޒިކް ކުޅުމަށް އިވެންޓްތަކާއި އެކްސްޕޯތަކުން ފުރުސަތު ލިބުނަސް، މިއުޒިކްއަށް ހާއްސަ ކުރެވިގެން ބާއްވާ އިވެންޓްތަކެއް ނޫން އެއީ. ޖާގަ ނުލިބުމުގެ ސަބަބުން ލައިވް މިއުޒިކް ކުޅުން މި އޮތީ ވަރަށް ބޮޑު ހީނަރުކަމެއް ލިބިފައި،" ޓަސްލާފަ ސިލްސިލާގެ ފަރާތުން 'ދައުރު'އާ ވާހަކަދެއްކި ފަންނާނަކު ބުންޏެވެ.
އެ މީހުންގެ އުއްމީދަކީ ތައިސޭކޮށްޓަކީ އާޓާއި މިއުޒިކްގެ ގިނަ ހަރަކާތްތަކެއް ގަވާއިދުން ކުރިއަށް ގެންދިއުމަށް އޮންނަ ހާއްސަ ޖާގައަކަށް ވުމެވެ.
ގާތްގަނޑަކަށް 750 މީހުންގެ ޖާގައިގެ ތައިސޭކޮށީގައި ބުރާސްފަތި ދުވަހު ބާއްވާ ޝޯގައި ކާބޯތަކެތި ވިއްކަން ބޭނުންވާ މީހުންނަށް އެ ފުރުސަތު އޮންނާނެ އެވެ. އެހެންކަމުން މިއީ މާލޭގައި 90ގެ އަހަރުތަކުގެ ތެރޭގައި ބޭއްވި ކާނިވަލްތަކާ އެއްގޮތަށް ބާއްވާ ޝޯއެކެވެ.
ތައިސޭކޮށީގައި ބާއްވާ ޝޯތަކަކީ އަލަށް މި ދާއިރާއަށް ނުކުންނަ ފަންނާނުންނަށް ވެސް ރަނަގަޅު ފުރުސަތަކަށް ވާނެ ކަމަށް ޓަސްލާފަ އިން ބުންޏެވެ. 
އަދި ކުރިއަށް އޮތް ތަނުގައި، ތަފާތު އެކި އެކްޓްތައް ހިމެނޭ ގޮތަށް ފަންނާނުން ބައިވެރިކޮށް، ޓަސްލާފަ ބްރޭންޑް އިތުރަށް ފުޅާ ކުރުމަށް މަސައްކަތް ކުރާނެކަން ވެސް ޓަސްލާފަ އިން ފާހަގަ ކުރެ އެވެ.
ބުރާސްފަތި ދުވަހުގެ ރޭ އޮންނަ ޝޯގެ ޓިކެޓެއްގެ އަގަކީ 150 ރުފިޔާ އެވެ. ދިހަ ޓިކެޓް އެއްކޮށް ގަންނަ ނަމަ %20ގެ ޑިސްކައުންޓެއް ދޭން ޓަސްލާފަ އިން ވަނީ ނިންމާފަ އެވެ. ނަމަވެސް މި ޝޯގެ ޓިކެޓް ތައިސޭ ކޮށިން ވަގުތުން ގަންނަން ނުލިބޭނެ ކަމަށް ޓަސްލާފަ އިން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ