ބިންވެރިޔާ ސްކީމުގެ ގޯތިތައް ދޫކުރުމަށް ކުރެވޭ އެއްބަސްވުމަށް ބަދަލު ގެނައީ ގާނޫނާ ފުށު އަރާތީ ކަމަށް ކޮންސްޓްރަކްޝަން އެންޑް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު މިއަދު ވިދާޅުވެއްޖެ އެވެ.
މުއްތަލިބު ވިދާޅުވީ އެއްބަސްވުމަށް ބަދަލުތައް ގެނައީ ދައުލަތުން ހަދާ އެއްބަސްވުންތައް ހުންނަންޖެހެނީ ގާނޫނާ ފުށުނާރާ ގޮތަށް ކަމަށްވާތީ ކަމަށެވެ.
"ބިންވެރިޔާ ސްކީމުން ގޯތިދޫކުރުމަށް ކުރެވޭ އެއްބަސްވުމަށް ގެނެވުނު ބަދަލު ގެނެވުނީ ދައުލަތުން ހަދާ އެއްބަސްވުންތައް ހުންނަންޖެހެނީ ގާނޫނާ ފުށުނާރާ ގޮތަށް ކަމަށްވާތީ،" މިނިސްޓަރު ވިދާޅުވި އެވެ.
ބިންވެރިޔާ ސްކީމަށް ކުރީ ސަރުކާރުން ހެދި އުސޫލުގެ ދަށުން އެކުލަވާލި އެއްބަސްވުމަށް ބަދަލު ގެނެސް، މި ސަރުކާރުން އެކުލަވާލި އެއްބަސްވުމުގައި ރާއްޖޭގެ އެއްވެސް ސަރަހައްދަކުން ގޯތި ލިބޭ ފަރާތުގެ އަމިއްލަ ނަމުގައި 600 އަކަފޫޓަށް ވުރެ ކުޑަ ބަންޑާރަ ގޯއްޗެއް، އަމިއްލަ ގޯއްޗެއް، އެއްމެދު އިމާރާތެއް، ފްލެޓެއް، ސަރުކާރުން ދީފައިވާ ސޯޝަލް ހައުސިން އެއް ރަޖިސްޓަރީ ކޮށްފައިވާނަމަ އެ ގޯއްޗެއް ރަޖިސްޓަރީ ކުރެވިފައިވާ އެއްމެދު މިލްކުވެރިންނަށް ބަދަލަކާއި ނުލައި ދޫކޮށްލުން ވަނީ ހިމަނާފަ އެވެ.
މީގެއިތުރުން ގޯތީގެ އިތުރުން އެއްމެދު މިލްކުވެރިޔަކު ނެތް ނަމަ ދައުލަތަށް ދޫކޮށްލުމަށް ގޯތި ލިބޭ ފަރާތުން އެއްބަސްވާ ކަމަށް ވަނީ ބަދަލު ގެނެސްފަ އެވެ.
އެމްޑީޕީ ސަރުކާރުން ހެދި އެއްބަސްވުމުގައި އޮންނަނީ މާލެ ސަރަހައްދުން އަމިއްލަ ނަމުގައި 600 އަކަފޫޓަށް ވުރެ ބޮޑު ބިމެއް ނުވަތަ ބޯހިޔާވެހިކަމެއް ރަޖިސްޓްރީވެފައި ނެތުމުގެ އިތުރުން މާލެ ސަރަހައްދުން ތިމާގެ އަމިއްލަ ނަމުގައި 600 އަކަފޫޓަށްވުރެ ކުޑަ ބަންޑާރަ ބިމެއް ރަޖިސްޓްރީވެފައިވާނަމަ އެތަނެއް އުސޫލާ އެއްގޮތަށް ދޫކޮށްލަން އެއްބަސްވުމެވެ.
އެކަމާ ގުޅިގެން މުއްތަލިބު އިތުރަށް ވިދާޅުވީ ބިިމާބެހޭ ގާނޫނުގެ 11 ވަނަ މާއްދާގައި ދިރިއުޅުމަށް ގޯތި ދެވޭ ގޮތް ވަރަށް ސާފުކޮށް ބަޔާންކޮށްފައިވާ ކަމަށެވެ.
މިގޮތުން އެ މާއްދާގައިވާ ގޮތުން ބަންޑާރަ ގޯތި ދޫކުރެވޭނީ ބަންޑާރަ ގޯއްޗެއް ނުވަތަ އަމިއްލަ ގޯއްޗެއް ނުވަތަ ބިމާބެހޭ ގާނުނުގެ 15 ވަނަ މާއްދާގައި ބުނެފައިވާ ގޮތުގެ މަތިން ބައިކޮށްދެވިފައިވާ ބަންޑާރަ ގޯއްޗަކުން ނުވަތަ އަމިއްލަ ގޯއްޗަކުން ބައެއް ނުވަތަ ސަރުކާރުން ހަދާފައިވާ އިމާރާތެއްގެ ފްލެޓެއް ނުވަތަ އެއްމެދު އިމާރާތެއްގެ ފްލެޓެއް ލިބިފައިނުވާ މީހުންނަށެވެ.
މީގެއިތުރުން އެ މާއްދާގައި އިތުރަށް ބުނެފައި ވަނީ ބިމާބެހޭ ގާނޫނަށް އަމަލުކުރަން ފެށުމަށްފަހު އެއްވެސް މީހަކަށް އެއް ރަށަކުން ދިރިއުޅުމަށް އެއް ގޯއްޗަށްވުރެ ގިނަ ގޯތި ދުލެއް ނުކުރެވޭނެ ކަމަށާއި މީހަކަށް ދިރިއުޅުމަށް ބަންޑާރަ ގޯއްޗެއް ލިބިފައިވާ ރަށް ނޫން އެހެން ރަށަކުން ދިރިއުޅުމަށް ބަންޑާރަ ގޯއްޗެއް ދޫކުރެވޭނީ ސަރުކާރުން ކަނޑައަޅާ ކުއްޔަކަށް އެ ގާނޫނުގެ ދަށުން ހަދާ ގަވާއިދެއްގެ މަތިން ކަމަށެވެ.
ބިންވެރިޔާ ސްކީމުގެ އެއްބަސްވުމަށް ބަދަލު ގެނައީ ގާނޫނާ ފުށުއަރާތީ: މުއްތަލިބު ބިންވެރިޔާ ސްކީމުގެ އެއްބަސްވުމަށް ބަދަލު ގެނައީ ގާނޫނާ ފުށުއަރާތީ: މުއްތަލިބު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ