ގޯތި މިލްކުވެފައިވަނިކޮށް، އައު އުސޫލެއް ހެދުން ގާނޫނާ ޚިލާފު: އަބްދުﷲ ދީދީ
މިދިޔަ ސަރުކާރުގެ ބިންވެރިޔާ ސްކީމުގެ ދަށުން ދޫކުރާ ގޯތިތައް ހަވާލު ކުރުމުގެ ކުރިން، އޭރު ހެދި އެއްބަސްވުމާ ފުށުއަރާ ގޮތަށް އައު އުސޫލެއް އާންމުކުރުމަކީ ގާނޫނު ދަންނަ ކަމެއް ނޫން ކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ މިއަދު ވިދާޅުވެއްޖެއެވެ. ގާނޫނާ ފުށުއަރާ ކަމަށް ބުނެ، ބިންވެރިޔާ ސްކީމުގެ ދަށުން ދޫކުރާ ގޯތިތަކުގެ އެއްބަސްވުމަށް ސަރުކާރުން ވަނީ ބަދަލު ގެނެސްފައެވެ. ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވި ގޮތުގައި ބިމާބެހޭ ގާނޫނުގެ 10ވަނަ މާއްދާގެ (ހ) ގައި ވަނީ، ދިރިއުޅުމަށް ބަންޑާރަ ގޯތި ދޫކުރެވޭނީ އަމިއްލަ ގޯއްޗެއް ނުވަތަ ބަންޑާރަ ގޯއްޗެއް ނުވަތަ ބައިކޮށްފައިވާ ބަންޑާރަ ގޯއްޗަކުން ނުވަތަ އަމިއްލަ ގޯއްޗަކުން ބައެއް ފުލެޓެއް ނުވަތަ އެއްމެދު އިމާރާތެއް ލިބިފައިނުވާ ދިވެހި ރައްޔިތުންނަށް ކަމަށެވެ. އޭގެ އިތުރަށް އެ މާއްދާގެ (ނ)ގައި ވަނީ، އެ ގާނޫނަށް އަމަލުކުރަން ފެށުމުން އެއްވެސް މީހަކަށް އެއްރަށުން އަނެއް ރަށަކުން ދިރިއުޅުމަށް އެއް ގޯއްޗަށް ވުރެ ގިނަ ގޯތި ދުލެއް ނުކުރެވޭނެ ކަމަށެވެ. އަދި، ދިރިއުޅުމަށް ބަންޑާރަ ގޯއްޗެއް ލިބިފައިވާ ރަށް ނޫން އެހެން ރަށަކުން މީހަކަށް ގޯއްޗެއް ދޫކުރެވެނީ ސަރުކާރުން ކަނޑައަޅާ ކުއްޔަކަށް ކަމަށް އެ މާއްދާގައިވެއެވެ. https://sun.mv/208278 މި ކަމާ ގުޅޭގޮތުން އަބްދުﷲ ދީދީ އެކްސްގައި ކުރެއްވި ޕޯސްޓުގައިވަނީ، މިއީ ސަރުކާރުގެ އިދާރާއަކުން ފާޅުކަން ބޮޑު ގޮތެއްގައި ގާނޫނީ އުސޫލުތަކާ ޚިލާފަށް ނިންމި ކަމެއް ކަމަށެވެ. އަދި މިއީ ދައުލަތުގެ ބަންޑާރަނައިބުގެ ގާނޫނީ ލަފާގެ މަތިން ހިނގާ ކަންކަންތޯ ސުވާލު އުފެދޭ ކަމަށް އޭނާ ވިދާޅުވިއެވެ. އަބްދުﷲ ދީދީ ވިދާޅުވި ގޮތުގައި ދުސްތޫރީ ހަމަތަކުގެ މަތިން ސަރުކާރުތައް ބަދަލުވާ ކޮންމެ ފަހަރަކު، ކުރީ ސަރުކާރުން ކޮށް ނިންމާފައިވާ ގާނޫނީ މުއާމަލާތްތައް ރޫޅައިލުމަކީ ގާނޫނުގެ ހުކުމަށް ހުރުމަތްތެރިކޮށް ހިތާ، ތަހުޒީބު މުޖްތަމައުތަކުގައި ކަންހިނގައިގެން ވާނެ ގޮތެއް ނޫނެވެ. ކުރީގެ ސަރުކާރަކުން އާންމުކުރި އުސޫލެއްގެ ދަށުން ގޯތި ލިބިގަތުމަށް އެދި ހުށަހެޅި ފަރާތްތަކުގެ ތެރެއިން ގޯތި ލިބުނު މީހުންނާއެކު އެއްބަސްވުންތައް ހަދައި، އެ މީހުންނާ ގޯތީގެ ރަޖިސްޓަރީ ހަވާލުކުރި ހިސާބުން، އެއީ އެ މީހުންގެ މިލްކެއްކަމުގައި މެނުވީ ގާނޫނީގޮތުން ނުބެލެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ. "ކަންމިހެން އޮތްއިރު، ފުރިހަމަވެފައިވާ މުއާމަލާތެއް ތަންފީޒުކޮށް ގޯތީގެ މިލްކުވެރިންނަށް ގޯތި ހަވާލުކުރުމުގެ ބަދަލުގައި، މިހާރުގެ ސަރުކާރުން ކުރީގެ ގޯތި ދޫކުރެވުނު އުސޫލާ ފުށޫއަރާ އެހެން އުސޫލެއް އާންމުކުރުމަކީ ގާނޫނީ ނިޒާމުތައް ދަންނަ ކަމެއް ނޫން،" އަބްދުﷲ ދީދީ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ އެ އެއްބަސްވުންތައް ގާނޫނާ ފުށުއަރާ ކަމަށް ބުނެ ބަދަލުކުރުމަކީ، ކޮންޓްރެކްޓާ ބެހޭ ގާނޫނީ އުސޫލުތަކަށް ރިއާޔަތްކޮށް، ސަރުކާރުގެ ފަރާތުން އެކަނި ކުރެވޭނެ ކަމެއް ނޫން ކަމަށެވެ. އެފަދަ ޚުސޫމަތެއް އޮވެއްޖެނަމަ، އެ ކަމުގައި ގޮތް ނިންމާނީ ކަމާބެހޭ ކޯޓަކުން ކަމަށް ވިދާޅުވިއެވެ. https://x.com/AABDULLADIDI/status/1942181984551473169 ކުރީ ސަރުކާރުގެ 'ބިންވެރިޔާ ސްކީމް'ގެ ދަށުން ގުޅީފަޅުން މަދުވެގެން 2000 ގޯތި ދޫކުރަން އޮތީ އިއުލާންކޮށްފައެވެ. މި ސަރުކާރުން ގުޅީފަޅުން މިހާރު ދޫކުރުމަށް ނިންމާފައިވަނީ 3،520 ގޯއްޗެވެ. އެއީ، ގިރާވަރުފަޅުން ލިބުނު ގޯތި ގުޅީފަޅަށް ބަދަލުކުރަން އެދުނު މީހުން ހިމަނައިގެންނެވެ. ކުރީ ސަރުކާރުން ގުޅިފަޅުން ގޯތި ލިބޭ މީހުންގެ ގުރު ނަގައިފައި އޮތް ނަމަވެސް، މި ސަރުކާރުން ލޭންޑް ޔޫޒް ޕްލޭން ބަދަލުކޮށް، އަލުން ގުރު ނެގުމުން އިދިކޮޅުން ނުރުހުން ފާޅުކުރިއެވެ. ގުޅީފަޅުގެ ލޭންޑްޔޫސް ޕްލޭނަށް ގެނައި ބަދަލާއެކު ގުޅީފަޅުން ގޯތި ލިބުނު މީހުންގެ ގޯތީގެ ލޮކޭޝަން ބަދަލުވެފައި ވާތީ، އާ ގޯތީގެ ރަޖިސްޓްރީ އާއި ގޯތި ދޫކުރުމުގެ އެއްބަސްވުމާ ހަވާލުވުމަށް އެޕޮއިންޓްމަންޓަށް އެދުމުގެ ފުރުސަތު މިދިޔަ އަންގާރައިގައި ހުޅުވާލިއެވެ. އެ ލިޔުންތައް ދޫކުރަން ފަށާފައިވަނީ މިއަދު 09:30 އިން ފެށިގެންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ