ހައްދުންމަތީގެ ދެވަނަ އެއާޕޯޓު އިސްދޫ ކަލައިދޫގައި ތަރައްޤީ ކުރުމަށް ނިންމީ އެ ސަރަޙައްދަކީ އިޤްތީޞާދީގޮތުންވެސް ނަފާލިބޭނެ ސަރަޙައްދަކަށް ވުމުންކަމަށް ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ.ޢަބްދުﷲ މުއްޠަލިބް ވިދާޅުވެއްޖެއެވެ.
ވަޒީރު މިފަދައިން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގައި މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވަޒީރު ވިދާޅުވީ އެއަޕޯޓެއް ތަރައްޤީކުރާއިރު އެތަނެއްގެ އާބާދީއަށާއި އެތަނުގެ އިޤްތިޞާދީ ކުރިއެރުމަށާއި އެސަރަޙައްދެއްގައި ފަތުރުވެރިކަން ކުރިއެރުމަށްއޮތް ފުރުޞަތުތަކަަށްވެސް ބަލަންޖެހޭކަމަށެވެ. އެގޮތަށް ބަލާއިރު އިސްދޫ ކަލައިދޫއަކީ އާބަދީގޮތުވެސް ބޮޑު އަދި އިޤްތިޞާދީ ނަފާވެސް ލިބޭނެ ސަރަޙައްދަކަށް ވުމުން އިސްދޫ ކަލައިދޫގައި އެއަޕޯޓް ތަރައްޤީކުރުމަށް ސަރުކާރުން ނިނެމެވީކަމަށް ވަޒީރު ވިދާޅުވިއެވެ.
"އެހާ ބޮޑު ރަށެއްގައި، އާބާދީ އެއްފަސް ކުރުމުގެ ފުރުޞަތު އޮތް ރަށެއްގައި، އަދި އެހާ ގިނަ ކަންތައްތައް ކުރުމުގެ ފުރުޞަތު އޮތް ރަށެއްގައި އެއަޕޯޓެއް އަޅަން ނިންމީ އިސްދޫ ކަލައިދޫގައި." ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ.ޢަބްދުﷲ މުއްޠަލިބް ވިދާޅުވިއެވެ.
ލ. އަތޮޅުގައި ދެވަނަ އެއާޕޯޓެއް ތަރައްގީކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވީ، 2025 ވަނަ އަހަރުގެ އޮކްޓޫބަރު މަހު އެ އަތޮޅު މާވަށަށް ކުރެއްވި ދަތުރުފުޅުގައެވެ. ރައީސް ވިދާޅުވީ، ލ. އަތޮޅުގެ ދަތުރުގައި އެންމެ ގިނައިން ދެކެވުނީ އެއަރޕޯޓުގެ ވާހަކަ ކަމަށެވެ. އެގޮތުން 3 ރަށަކުން އެކަމަށް އެދެމުންދާކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ އެއަރޕޯޓު ތަރައްޤީކުރުމުގައި އިސްކަންދޭނީ ދެމެހެއްޓެނިވި ތަރައްޤީއަށްކަމަށެވެ.
"މިރަށުގައި ތަފާތު ކަމަކީ އެއަރޕޯޓެއް އަޅާއިރު، ބިން ހިއްކަން ޚަރަދު ކުރަން ނުޖެހޭ، ބިން ނުހިއްކާ އެކަން ކުރެވޭނެ. އެއީ ފާހަގަކޮށްލަންޖެހޭ ވަރަށް މުޙިއްމު ނުކުތާއެއް" ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވިއެވެ.
އިސްދޫ ކަލައިދޫގައި ތަރައްޤީކުރާ އެއަރޕޯޓުގެ ސަބަބުން، މުޅި އަތޮޅުގެ ރައްޔިތުންނަށް، ޚާއްސަކޮށް އިސްދޫ ކަލައިދޫގެ އިތުރުން ދަނބިދޫ އަދި މާބައިދޫގެ ރައްޔިތުންނަށް ދަތުރުފަތުރު ކުރުމުގައި ބޮޑު ލުއިތަކެއް ލިބިގެންދާނެކަމަށް ސަރުކާރުން ޤަބޫލުކުރައްވައެވެ.
އިސްދޫ ކަލައިދޫއަކީ ބިމުގެ ގޮތުން ރާއްޖޭގެ އެންމެ ބޮޑު ރަށްތައް ހިމެނޭ ލ. އަތޮޅުގެ ރަށަކަށްވުމާއެކު، އާބާދީއާއި ތަރައްޤީ އެއްފަސްކުރުމުގެ ފުރުޞަތުވެސް އޮތް ރަށެކެވެ. މިހާރު އެ ސަރަހައްދުގެ ރައްޔިތުން ކައްދޫ އެއާޕޯޓަށް ދިއުމަށް ކުރަންޖެހޭ 45 މިނެޓުގެ ދިގު ދަތުރެއް ކުރަންޖެހެއެވެ. އަދި ލ. އަތޮޅަކީ، ގުދުރަތީ ގޮތުން ރީތި، ތާރީޚީގޮތުން މުއްސަނދި، އިޤުތިސާދީގޮތުން ކުރިއެރުވޭނެ އަތޮޅެކެވެ. އެއަތޮޅުގައި މިހާރު އޮޕަރޭޓް ކުރަނީ ކައްދޫ އެއަރޕޯޓު އެކަންޏެވެ.
އިސްދޫ ކަލައިދޫގައި އެއަޕޯޓް ތަރައްޤީކުރުމުން އިޤްތިޞާދީގޮތުން ކުރާނީ ފައިދާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ