އެފޯޑަބަލް ހޯމް އޯނާޝިޕް ސްކީމަށް ޚައްސަ ކޮށްގެން، ޕަބްލިކް-ޕްރައިވެޓް ޕާޓްނާޝިޕް އުސޫލުން ހުޅުމާލޭގައި 1،000 ހައުސިންގ ޔުނިޓު ތަރައްޤީކުރުމަށް ދިވެހި 5 ކުންފުންޏަކާ ހަވާލުކޮށްފިއެވެ.
ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާގައި ބޭއްވި ރަސްމިއްޔާތުގައި މި އެއްބަސްވުމުގައި ސޮއިކުރެއްވީ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބްއެވެ.
މި މަޝްރޫޢު ކުރިއަށްގެންދިޔުމަށް ދިވެހި ކުންފުނިތަކާ ހަވާލުކޮށްފައިވަނީ އެކަމަށް އިއުލާން ކުރުމުން ޕްރޮޕޯސަލް ހުށަހެޅި ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބުނު ފަސް ކުންފުންޏާކާކަމަށް އެ ވުޒާރާއިން ވިދާޚުވިއެވެ.
- އެސްޖޭ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް
- ޖޭވީ ޕާޓްނާޝިޕް – ވަން ރިއަލިޓީ ޕްރައިވެޓް ލިމިޓެޑް އަދި މެޑްޓެކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް
- އަމިން ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް
- ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް
- ޖޭވީ ޕާޓްނާޝިޕް - ފްލެކްސިންކް ޕްރައިވެޓް ލިމިޓެޑް، އޮކްސްރޯ ޕްރައިވެޓް ލިމިޓެޑް، ސޮލެކްސް ޕްރައިވެޓް ލިމިޓެޑް އަދި ބީވާ ބިލްޑާސް ޕްރައިވެޓް ލިމިޓެޑް
ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން ވިދާޅުވީ މި މަޝްރޫޢު ކުރިއަށްގެންދަން ނިންމާފައިވަނީ ހުޅުމާލެ 3 ވަނަ ފިޔަވަހީގައިކަމަށެވެ. މި ކުންފުނިތަކަށް މި މަޝްރޫޢު ހަވާލުކޮށްފައިވަނީ 2 އަހަރާއި ބައިގެ ތެރޭގައި ނިންމާ ގޮތަށެވެ. މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ " ބޯހިޔާވަހިކަން އެންމެނަށް" ސިޔާސަތުގެ ދަށުން މެދުފަންތީގެ އާމްދަނީ ލިބޭ އާޢިލތާކަށް އަތްފޯރާ ފަށުގައި ބޭންކް މޯގޭޖް ފައިނޭންސް މެދުވެރިކޮށް ގަނެވޭނެ ފުރުޞަތު ތަނަވަސްކޮށްދިނުމަށް ކުރާ މަސައްކަތުގެ ތެރެއިން ހިންގާ ފުރަތަމަ މަޝްރޫޢުއެވެ.
މި މަޝްރޫއުގެ ދަށުން އިމާރާތްކުރާ ފްލެޓްތައް ވިއްކަން ޖެހޭނީ ސަރުކާރުގެ ސިޔާސަތުގެ "އާއިލީ ބޯހިޔާވަހިކަން" ޕްރޮގްރާމަށް ފޯމު ހުށަހަޅައި ޝަރުތު ހަމަވާ ފަރާތްތަކަށެވެ. އެގޮތުން އިމާރާތް ކުރާ ދެ ކޮޓަރީ ފްލެޓްތައް ވިއްކޭނެ އެންމެ މަތީ އަގަކީ 1.8 މިލިއަން ރުފިޔާއެވެ. އަދި ތިން ކޮޓަރީގެ ފްލެޓްތައް ވިއްކޭނެ އެންމެ މަތީ އަގަކީ 2.3 މިލިއަން ރުފިޔާއެވެ.
މީގެ ކުރިން ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން ވިދާޅުވީ ކޮންމެ ކުންފުންޏަކުންވެސް ކުރާނީ 200 ހައުސިންގ ޔުނިޓުގެ މަސައްކަތް ކަމަށެވެ. މީގެތެރެއިން ކޮންމެ ކުންފުންޏަކާ ޙަވާލުކުރާ މަޝްރޫޢުގެ ތެރެއިން 60 ޔުނިޓަކީ 2 ކޮޓަރި ކަމަށާއި، 140 ޔުނިޓަކީ 3 ކޮޓަރީގެ އެޕާޓްމަންޓުތަކެއްކަމަށް އެ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ.
2 ކޮޓަރިތަކުގައި 700 ފޫޓު އަދި 3 ކޮޓަރީގެ އެޕާޓްމަންޓުތައް 950 އަކަފޫޓަށްވުރެ ބޮޑުވާނެއެވެ. މީގެއިތުރުން މިއިމާރާތްތަކުގެ ފިނިޝިންއާއި އިމާރާތުގެ ކުރިމަތީގައި އޮންނަ ޖާގަ ފަދަ ކަންކަން ކުރީގެ މަޝްރޫޢުތަކާއި ތަފާތުވާނެކަމަށް ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން ވިދާޅުވިއެވެ.
ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކުގެ ތެރެއިން މިހާރު އެކި މަރުހަލާގައި އެކި މަސައްކަތް މާލެ ސަރަޙައްދާއި އަތޮޅުތަކުގެ ރަށްރަށުގައިވެސް އަންނަނީ، ކުރަމުންނެވެ. މާލެ ސަރަޙައްދަށް ބަލާއިރު، ހުޅުމާލެ ފޭސް 1ގައި 3 ބިމެއް ދިވެހި ކުންފުނިތަކާއި މިހާރު ވަނީ ޙަވާލުކޮށްފައެވެ. ވިލިމާލޭގައިވެސް 1 ބިން ދިވެހި ކުންފުންޏަކާއި ވަނީ ޙަވާލުކޮށްފައެވެ. ހަމައެއާއެކު ޗައިނާގެ 2 ކުންފުންޏަކާއި ހުޅުމާލެ ފޭސް 2 ކުން ބިންވަނީ ޙަވާލުކޮށްފައެވެ. މިއީ ބީއެމްއެލް އެފޯޑަބަލް ހައުސިންގ މަޝްރޫޢުގައި އިމާރާތް ކުރާ ފްލެޓްތަކެކެވެ. ހުޅުމާލެއާއި ވިލިމާލެ ހިމެނޭހެން މި މަޝްރޫޢުގައި ޖުމުލަ 3260 ހައުސިންގ ޔުނިޓް ތަރައްޤީކުރާނެއެވެ. އަދި މި މަޝްރޫޢުގެ ދަށުން ތަރައްޤީކުރަނީ 3 ކޮޓަރީގެ، ކޮލިޓި ރަނގަޅު އެޕާރޓްމަންޓުތަކެކެވެ. މީގެ އިތުރުން ބީއެމްއެލްގެ އެފޯޑަބަލް ހައުސިން މަޝްރޫގެ ދަށުން އިތުރު 540 ހައުސިން ޔުނިޓް ގާއިމްކުރުމަށް ނިންމާފައިވެއެވެ.
ހުޅުމާލޭގައި 1000 ހައުސިންގ ޔުނިޓު ތަރައްޤީކުރަން ދިވެހި 5 ކުންފުންޏަކަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ