އީރާނުގެ އެއްބަސްވުމާ މެދު އާންމުން ދެކޭ ގޮތް ބަދަލުކުރަން އިޒްރޭލުން އުޅޭ: ވެންސް

އީރާނާ އެކު ކުރަމުންދާ ހަނގުރާމަ ހުއްޓާލުމަށް އެމެރިކާގެ ތާއީދާ އެކު އެކުލަވާލާ ސުލްހައިގެ އެއްބަސްވުމަށް ހުރަސްއެޅުމަށްޓަކައި، އެމެރިކާގެ އާންމު ރައްޔިތުންގެ ވިސްނުން ބަދަލުކުރުމަށް އިޒްރޭލު ސަރުކާރުގެ ބައެއް މެންބަރުން މަސައްކަތްކުރަމުންދާ ކަމަށް އެމެރިކާގެ ނައިބު ރައީސް ޖޭޑީ ވެންސް ތުހުމަތުކުރައްވައިފި އެވެ.
ޕޮޑްކާސްޓް ހުށަހަޅާ ޖޯ ރޯގަންއަށް ދެއްވި އިންޓަވިއުއެއްގައި ވެންސް ވިދާޅުވީ، އިޒްރޭލު ސަރުކާރުގެ ބައެއް ބޭފުޅުން އެމެރިކާގެ ސަރުކާރު މި އެއްބަސްވުމާ ދުރުކުރުމަށް މަސައްކަތްކުރަމުންދާކަން "އެއްވެސް ޝައްކެއް ނެތް މިންވަރަށް" އެނގިވަޑައިގަންނަވާ ކަމަށެވެ. އެއީ އެ ބޭފުޅުން އަސްކަރީ ހަމަލާތައް ކުރިއަށްގެންދަން ބޭނުންވާތީ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ސުލްހައިގެ މަޝްވަރާތައް ހުއްޓުވުމަށްޓަކައި ވަރަށް ސިއްރުވެރި އަދި ވަރަށް ބޮޑަށް ހަރަދުކޮށްގެން ހިންގާ ކެމްޕޭނެއް ކުރިއަށްދާ ކަމަށް ވެންސް ތުހުމަތުކުރެއްވި އެވެ. އަދި އިޒްރޭލުގެ ބައެއް އިސް ފަރާތްތަކުން ގެންދަނީ ހަނގުރާމަ ވަކި މުއްދަތެއް ނެތް ގޮތަށް ކުރިއަށްގެންދިއުމަށްޓަކައި އެމެރިކާގެ އާންމުންގެ ވިސްނުން ބަދަލުކޮށް ނުފޫޒު ފޯރުވަން މަސައްކަތްކުރަމުން ކަމަށް އޭނާ ވިދާޅުވި އެވެ.
އެކުވެރި ގައުމުތަކުން އާންމުކޮށް ވެސް އެމެރިކާގެ ސިޔާސަތުތަކަށް ނުފޫޒު ފޯރުވަން މަސައްކަތްކުރާކަން ގަބޫލުކުރައްވަމުން ވެންސް ވިދާޅުވީ، އޭނާ ކަންބޮޑުވަނީ އެފަދަ ނުފޫޒު ފޯރުވުމުގެ ހަރަކާތްތަކުގެ ސަބަބުން އެމެރިކާގެ ސިޔާސީ ނިންމުންތަކަށް އަސަރުކުރަން ފެށުމުން ކަމަށެވެ.
އިޒްރޭލުގެ ކުރީގެ ޑިޕްލޮމޭޓެއް ކަމަށްވާ އަލޮން ޕިންކާސް މި ވާހަކަތައް ސިފަކުރެއްވީ މީގެ ކުރިން ދުވަހަކުވެސް ނުފެންނަ ފަދަ އަދި ވަރަށް ބޮޑު ސިހުމެއް ލިބުނު ވާހަކަތަކެއްގެ ގޮތުގައެވެ. އޭނާ ވިދާޅުވީ އެމެރިކާގެ ރަސްމީ މަގާމެއްގައި ހުންނެވި އެއްވެސް ނައިބު ރައީސަކު މީގެ ކުރިން އިޒްރޭލުން އެމެރިކާގެ ސިޔާސަތުތައް ހަލާކުކޮށްލަން ފާޅުގައި މަސައްކަތްކުރާ ކަމަށް ތުހުމަތުކުރައްވާފައި ނުވާ ކަމަށެވެ.
ވެންސްގެ މި ވާހަކަތަކާ ގުޅިގެން އިޒްރޭލު ސަރުކާރުން އަދި އެއްވެސް އެއްޗެއް ބުނެފައެއް ނުވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ