ވަޓްސްއެޕް އިން އައިފޯނު ކޯލުތަކަށް މައިކް މޯޑް ކޮންޓްރޯލްތައް ތަޢާރަފްކުރަނީ

ވަޓްސްއެޕް މެދުވެރިކޮށް އައިފޯނުން ގުޅާ ފަރާތްތަކަށް، އެޕަލްގެ މައިކްރޯފޯން ޕްރޮސެސިން މޯޑުތައް ފަސޭހަކަމާއެކު ބަދަލުކުރެވޭނެ އައު ޝޯޓްކަޓެއް ވަޓްސްއެޕް އިން ތަޢާރަފްކުރަމުންދާކަމަށް ރިޕޯޓުތައް ބުނެފިއެވެ. މިއީ ވަޓްސްއެޕްގެ އަމިއްލަ އޯޑިއޯ ޕްރޮސެސިން ޓެކްނޮލޮޖީއެއްގެ ބަދަލުގައި، އެޕަލްގެ ސިސްޓަމްގެ ބޭނުން ހިފައިގެން ގެނެސްދޭ ފީޗާއެކެވެ. ޑަބްލިއުއޭބީޓާއިންފޯގެ ރިޕޯޓެއްގައިވާ ގޮތުން، މި ފީޗާ އިތުރުކުރަމުންދަނީ އެޕްލިކޭޝަނުގެ ކޯލް އިންޓަފޭސް އަށެވެ. މީގެ ސަބަބުން އައިފޯނުގެ ކޮންޓްރޯލް ސެންޓަރަށް ނުގޮސް، ސީދާ ވަޓްސްއެޕް ކޯލްގެ ތެރެއިން މައިކްރޯފޯންގެ ސެޓިންސްތަކަށް ވަދެވޭނެއެވެ. https://sun.mv/224575 މިކަން ފާހަގަކުރެވިފައިވަނީ އައިއޯއެސްއަށް ނެރުނު ވަޓްސްއެޕްގެ 26.27.74 ވަނަ ބީޓާ ވާޝަނުންނެވެ. އަދި ކުރިއަށް އޮތް ހަފްތާތަކުގެ ތެރޭގައި ގިނަ ބަޔަކަށް މި ފީޗާ ލިބިގެންދާނެކަމަށް ބެލެވެއެވެ. މި އައު ޝޯޓްކަޓް މެދުވެރިކޮށް އެޕަލްގެ އަމިއްލަ މައިކްރޯފޯން މެނޫ ހުޅުވިގެންދާނެއެވެ. އޭގެ ތެރޭގައި ސްޓޭންޑާޑް، ވޮއިސް އައިސޮލޭޝަން، ވައިޑް ސްޕެކްޓްރަމް އަދި އޮޓޮމެޓިކް މޯޑުތައް ހިމެނެއެވެ. ކޯލެއްގައި ހުންނަ ވަގުތު މި މޯޑުތަކަށް ގެންނަ ބަދަލުތައް، ކޯލް މެދުކެނޑުމަކާ ނުލައި ވަގުތުން ފެނިގެންދާނެއެވެ. ވޮއިސް އައިސޮލޭޝަން އިން ވަށައިގެންވާ އަޑުތައް މަޑުކޮށްދީ ވާހަކަދައްކާ މީހާގެ އަޑު ސާފުކޮށްދޭއިރު، ވައިޑް ސްޕެކްޓްރަމް އިން ވަށައިގެންވާ މާހައުލުގެ އަޑުތައް ރަނގަޅަށް އިއްވައިދޭނެއެވެ. މި ރިޕޯޓުގައި އިތުރަށް ބުނެފައިވާ ގޮތުން، ބޭނުންކުރާ ފަރާތުން ވަކި މައިކްރޯފޯން މޯޑެއް ޚިޔާރުކުރުމުން، ދެން ކުރާ ވަޓްސްއެޕް ކޯލުތަކުގައިވެސް އެ ބަދަލެއް އައިއޯއެސް އިން ހަނދާން ބަހައްޓާނެއެވެ. އެންޑްރޮއިޑް ފޯނުތަކުގައި ވަޓްސްއެޕްގެ އަމިއްލަ ނޮއިސް ކެންސަލޭޝަން ފީޗާއެއް ދާދިފަހުން ތަޢާރަފްކުރި ނަމަވެސް، އައިއޯއެސްގައި ވަޓްސްއެޕް އިން ބަރޯސާވަނީ އެޕަލް އިން ފޯނުގައި ކުރިންވެސް ގާއިމުކޮށްފައިވާ އޯޑިއޯ ޕްރޮސެސިންގ ނިޒާމަށެވެ. އެޕަލް އިން އެންމެ ފުރަތަމަ މި މައިކްރޯފޯން މޯޑުތައް (ވޮއިސް އައިސޮލޭޝަން އަދި ވައިޑް ސްޕެކްޓްރަމް) ތަޢާރަފްކުރީ އައިއޯއެސް 15 ގައި ފޭސްޓައިމް އަދި އެހެނިހެން އެޕްލިކޭޝަންތަކަށް ޚާއްސަކޮށެވެ. އޭގެ ފަހުން އައިއޯއެސް 16.4 ގައި އާދައިގެ ފޯނު ކޯލުތަކަށްވެސް މި ފީޗާ ވަނީ ލިބޭގޮތް ހަދާފައެވެ. އަދި ދާދިފަހުން އައިއޯއެސް 18 ގައި "އޮޓޮމެޓިކް މޯޑު" ވެސް ވަނީ އިތުރުކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ