ރައީސުލްޖުމްހޫރިއްޔާއަށް ރައްޔިތުންގެ ރުހުން އޮތްތޯ ބަލަން ރިޔާސީ ދައުރުގެ މެދު ތެރެއިން ވޯޓެއް ނަގަން ހުށަހަޅައިފި ރައީސުލްޖުމްހޫރިއްޔާއަށް ރައްޔިތުންގެ ރުހުން އޮތްތޯ ބަލަން ރިޔާސީ ދައުރުގެ މެދު ތެރެއިން ވޯޓެއް ނަގަން ހުށަހަޅައިފި

ރިޔާސީ ދައުރެއްގެ މެދުން ރައީސުލްޖުމްހޫރިއްޔާއަކާ މެދު ފެންނަ ނުފެންނަ ވޯޓެއް ނަގައި، އެ ވޯޓު ރައީސަކަށް ކާމިޔާބުނުވެއްޖެ ހާލަތެއްގައި ރިޔާސީ އިންތިހާބެއް ބޭއްވުމަށް އިދިކޮޅު މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އަށް ނިސްބަތްވާ ކަނޑިތީމު ދާއިރާގެ މެންބަރު އަމީން ފައިސަލް ހުށަހަޅުއްވައިފި އެވެ.
ދައުރުގެ މެދު ތެރެއިން ވޯޓަކަށް ދާން އަމީން ހުށަހެޅުއްވީ، ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގޭނެ ހާލަތްތަކާއި، އެފަދަ ވޯޓެއް ނެގުމުގެ އެންމެހާ ހަމަތައް ބަޔާންކޮށް މަޖިލީހަށް ސަރުކާރުގެ ފަރާތުން ހުށަހެޅި ބިލަށް މިއަދު ބޭއްވި ޖަލްސާގައި ބަހުސް ކުރަމުންނެވެ.
"ހިމަނަންވީ ދައުރުގެ މެދުން، މި އަންނަ ދައުރުން ފެށިގެން ދައުރުގެ މެދުން ރައްޔިތުން ކިހިނެއްތޯ ދެކެނީ ވެރިކަން ކުރާ ބޭފުޅާއާ ދެމެދު. ރަނގަޅަށްތޯ ކުރަނީ، ރައްޔިތުންގެ އިހުސާސް ދެނެގެންތޯ ކުރަނީ، ވައުދު ފުއްދާތޯ. ނުފުއްދާ ކަމަށްވާނަމަ ދައުރު މެދުން، ރައްޔިތުން ނުރުހޭ ކަމަށްވާނަމަ ދައުރު މެދުން ވިޔަސް އިންތިހާބެއް ބޭއްވޭނެ ގޮތަށް ބިލުގައި ހިމަނަންވީ ރައްޔިތުންނަށް ބާރު ދޭން،" އަމީން ވިދާޅުވި އެވެ.
އެ ބަހުސްގައި އަމީންގެ އެންމެ ބޮޑު ކަންބޮޑުވުމަކަށްވީ ރައްޔިތުންގެ ފަރާތުން ކިތަންމެ ގިނަ އަދަދެއްގެ ރައްޔިތުން ކަމަކަށް ބޭނުންވި ނަމަވެސް އެ ކަމެއްގައި ރައްޔިތުން ދެކޭ ގޮތް ބެލޭނެ ގޮތެއް ބިލުގައި ނެތުމުންނެވެ.
"ރައްޔިތުން ބޭނުންވެގެން އެ ގައުމުތަކުގައި ޕެޓިޝަނެއް ލައިގެން ވޯޓު ނަގާފައި އެބަހުރި. އެހެން ނަމަވެސް މި ބިލަކު ނެތް އެކަހަލަ އެއްވެސް ކަމެއް ހިމަނާފައެއް. ރައްޔިތުންނަށް ބާރު ދޭ ކަމަށް ވަންޏާ އެންމެ ފުރަތަމަ ހިމަނަންވީ ރައްޔިތުން ބޭނުންވެއްޖިއްޔާ، ބޭނުންވާ ކަމަކަށް ހިޔާލު ހޯދުމުގެ ވޯޓެއް ނެގޭނެ ގޮތެއް، ނިޒާމެއް،" އަމީން ވިދާޅުވި އެވެ.
މިފަދަ ބިލެއް މަޖިލީހަށް ހުށަހަޅާފައިވާއިރު ގާނޫނުއަސާސީއަށް ބޮޑެތި ބަދަލުތަކެއް ހުށަހެޅުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ނިންމަވައިފަ އެވެ. އޭގެ ތެރެއިން އެއް ބަދަލަކީ ވެރިކަމުގެ ހުވާ ކުރާ ދުވަސް ޖުމްހޫރީ ދުވަހަށް ބަދަލުކުރުމެވެ. އެއީ ކޮންމެ އަހަރެއްގެ ވެސް ނޮވެމްބަރު 11 ވަނަ ދުވަހެވެ.
"އަޅުގަނޑަކަށް ނުފެނޭ 50 މިލިއަން، 30 މިލިއަން، 80 މިލިއަން ދުއްވާލައިގެންނެއް ދެން އިތުރަށް އެކަން ކުރަން އުޅުމުގެ ބޭނުމެއް އަޅުގަނޑަށް ނުފެނޭ މި ބިލުގައި ހިމަނައިގެން. އަދި ރައްޔިތުންގެ އާންމު ވޯޓެއް ލައިގެންވެސް. 11 ނޮވެމްބަރުގައި ހުވާކޮށްގެން، އަދި 17 ނޮވެމްބަރުގައި ހުވާ ކޮށްގެން ވެސް އަޅުގަނޑުމެން ރައްޔިތަކަށް އުނިވާނެ އެއްވެސް އެއްޗެއް ނެތް،" އަމީން ވިދާޅުވި އެވެ.
މި ދައުރުގެ ތެރޭގައި ނަގާ ވޯޓަކުން މި ދައުރުގެ މުއްދަތަށް އަސަރުކޮށްގެން ނުވާނެ ކަމަށާއި ގެންނަ ބަދަލުތައް ފެށެން ޖެހޭނީ ދެން އަންނަ ދައުރަކުން ކަމަށް އަމީން ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ