ސުލްހައިގެ އިނާމަށް ނަތަންޔާހޫ ހުށަހެޅީ ޓްރަމްޕްގެ ނަން
ނޮބެލް ސުލްހައިގެ އިނާމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ނަންފުޅު އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ހުށަހަޅުއްވައިފިއެވެ. ނަތަންޔާހޫ އެކަން އިއުލާނުކުރެއްވީ އެމެރިކާއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ޓްރަމްޕާ ބައްދަލުކުރައްވާފައެވެ. އެ ބައްދަލުކުރެއްވުމުގައި ނަތަންޔާހޫ ވަނީ ނޮބެލް އިނާމު ކޮމެޓީއަށް ފޮނުވި ސިޓީފުޅު ވެސް ޓްރަމްޕަށް އަރުވާފައެވެ. " ހަމައެކަނި އިސްރާއީލުގެ ރައްޔިތުންނެއް ނޫން، ޔަހޫދީ ރައްޔިތުންނާއި ދުނިޔޭގެ އެތައް އެތައް ބަޔަކު ތިޔަބޭފުޅުންގެ (ޓްރަމްޕްގެ) ލީޑަޝިޕަށް ތައުރީފުކުރޭ،" ބައްދަލުވުމުގައި ނަތަންޔާހޫ ވިދާޅުވިއެވެ. "މި ވާހަކަ ދައްކަމުން ދާއިރު ވެސް އޭނާ އެ ގެންދަވަނީ ފަހަރަކު ގައުމެއް، ފަހަރަކު ސަރަހައްދެއްގައި ސުލްހައިގެ މަސައްކަތް ކުރައްވަމުން،" މިދިޔަ މަހު އެމެރިކާގެ މަތިންދާބޯޓުތަކުން އީރާނުގެ ނިއުކްލިއާ މަރުކަޒުތަކަށް ހަމަލާ ދިނުމުގެ ހުއްދަ ދިނުމަކީ ޓްރަމްޕް އިންސާފުން ކުރެއްވި ކަމެއް ކަމަށާއި، އެ ނޫން އެހެން ގައުމުތަކުގައި ވެސް ޓްރަމްޕް ވަނީ ސުލްހައާއި ސަލާމަތަށް މަސައްކަތްކުރައްވާފައި ކަމަށް ނަތަންޔާހޫ ވިދާޅުވިއެވެ. މީގެ އިތުރުން މިސްރާއި އިތިއޮޕިއާގައި ސުލްހަ ގާއިމުކުރުމާއި، އިސްރާއީލާއި އަރަބި ގައުމުތަކުގެ ގުޅުން ގާއިމުކުރުމަށް އަބްރަހަމް އެކޯޑްސް ތަންފީޒުކުރުމަށް ޓްރަމްޕް ކުރެއްވި މަސައްކަތްތަކަކީ ކްރެޑިޓް ދޭންޖެހޭ ކަމެއް ކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށް ވެސް ނަތަންޔާހޫ ވިދާޅުވިއެވެ. އިސްރާއީލުގެ އިތުރުން ޖޫން މަހު ޕާކިސްތާނުން ވެސް ވަނީ ސްލަހައިގެ އިނާމަށް ޓްރަމްޕް ނޮމިނޭޓް ކުރާނެ ކަމަށް ބުނެފައެވެ. ޓްރަމްޕް ވަނީ އޭނާގެ ކުރިން އެމެރިކާގެ ވެރިކަން ކުރެއްވި ބަރަކް އޮބާމާއަށް 2009 ވަނަ އަހަރު ސުލްހައިގެ ނޮބެލް އިނާމު ލިބިވަޑައިގެންނެވުމުން އެކަމަށް ފާޑުވިދާޅުވެފައެވެ. ނަތަންޔާހޫ އެމެރިކާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅަކީ ޓްރަމްޕް ވެރިކަމާ ހަވާލުވެވަޑައިގެންނެވިފަހުން ކުރައްވާ ތިން ވަނަ ދަތުރުފުޅެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ