ދުވާލަކު 200 ގައިދީން ޑޮކްޓަރުންނަށް ދައްކާ، އޭގެ ތެރޭ ސްޕެޝަލިސްޓުން ހިމެނޭ
އާންމު ބަލިތަކަށް ބޭސްކުރާ ޑޮކްޓަރުން ދުވާލެއްގެ މައްޗަށް ގާތްގަނޑަކަށް 200 އެއްހާ ގައިދީންނަށާއި ބަންދުގައި ތިބި މީހުންނަށް ޚިދުމަތްދެމުން ދާ ކަމަށާއި ގާތްގަނޑަކަށް 30 ގައިދީއަކަށް ސައިކިއޭޓްރިސްޓެއްގެ ފަރުވާ ވެސް ދެމުން އަންނަ ކަމަށް ކަރެކްޝަންސްއިން މިއަދު ބުނެފިއެވެ. ގައިދީންގެ ހައްގުތަކަށް މަސައްކަތްކުރާ މޯލްޑިވްސް ހިއުމަން ރައިޓްސް އެންޑް ޑިޓެއިނީ ވޮޗް އިން ކަރެކްޝަންސް އާ ހަވާލާދީ އާންމުކުރި މައުލޫމާތުގައިވާ ގޮތުން، މިދިޔަ މޭ މަހުގެ 29 ވަނަ ދުވަހުގެ ނިޔަލަށް 580 ގައިދީއަކު ސްޕެޝަލިސްޓް ޑޮކްޓަރަކަށް ދައްކަން މަޑުކޮށްގެން ތިބިއިރު، އޭގެ ތެރެއިން 352 މީހުން ސްޕެޝަލިސްޓުންނަށް ދައްކަން ފަސް މަސް ވަންދެން ކިޔޫގައި އެބަ ތިއްބެވެ. އޭގެ ތެރެއިން ވެސް ލޭގައި ސަރުބީ ގިނަވުމުން ދިމާވާ ޑިސްލިޕީޑީމިއާ ހުންނަ މީހުން ގިނަ ކަމަށާއި، އެ ބަލީގައި 100 އެއްހާ ގައިދީން ތިބި ކަމަށް ޑިޓެއިނީ ވޮޗުން 'އެކްސް'ގައި އާންމުކުރި ތަފާސްހިސާބުތަކުގައި ވެއެވެ. މީގެ އިތުރުން ހިތުގެ ބަލިތައް ޖެހިފައިވާ 40 އަށް ވުރެ ގިނަ ގައިދީން އެބަތިބި ކަމަށާއި، ހަކުރުބަލި ޖެހިފައިވާ 30 އަށް ވުރެ ގިނަ ގައިދީން ތިބި ކަމަށް ވެސް، ޑިޓެއިނީ ވޮޗް އިން އާންމުކުރި ތަފާސްހިސާބުތަކުން ދައްކައެވެ. މިކަމާ ގުޅިގެން "ސަން"އިން ސުވާލުކުރުމުން ކަރެކްޝަންސްއިން މިއަދު ބުނީ، މާފުށީ ޖަލުގެ މެޑިކަލް ސެންޓަރުތަކުގައި ސައިކިއޭޓްރިސްޓަކު ހިމެނޭހެން ފަސް ޑޮކްޓަރުން މި ވަގުތު ވެސް މަސައްކަތްކުރަމުންދާ ކަމަށެވެ. އެގޮތުން، އާންމު ބަލިތަކަށް ބޭސްކުރާ ޑޮކްޓަރުން ދުވާލެއްގެ މައްޗަށް ގާތްގަނޑަކަށް 200 ގައިދީންނަށް ފަރުވާ ދޭ އިރު ސައިކިއޭޓްރިސްޓް މެދުވެރިކޮށް ދުވާލަކު 30 ގައިދީންނަށް ޚިދުމަތްދެމުން ދާ ކަމަށް އެ އިދާރާއިން ބުންޏެވެ. ކަރެކްޝަންސްއިން ބުނީ މި ވަގުތު ގައިދީއަކު ޖަލުން ޑޮކްޓަރަށް ދައްކަން ކިޔޫގައި ނެތް ކަމަށާއި، މި ވަގުތު ހުރީ އަލަށް އަންނަ ކޭސްތައް ކަމަށެވެ. އަދި އައިޖީއެމްއެޗާއި ހުޅުމާލެ ހޮސްޕިޓަލާއި އޭޑީކޭ ހޮސްޕިޓަލުގެ ސްޕެޝަލިސްޓް ޑޮކްޓަރުންނަށް އެޕޮއިންޓްމެންޓް ހަމަޖެހެމުންދާ މިންވަރަކުން ގައިދީން ޑޮކްޓަރުންނަށް ދެއްކުމުގެ މަސައްކަތްތައް ކުރަމުން އަންނަ ކަމަށް ވެސް ކަރެކްޝަންސްއިން ބުންޏެވެ. ސްޕެޝަލިސްޓުން ބަލާ ބަލިތަކަކީ ގިނަ ފަހަރަށް އެންމެ އެޕޮއިންޓްމެންޓަކުން ނިމޭ މައްސަލަތަކެއް ނޫން ކަމަށާއި، މިހާރު ވެސް ބައެއް ގައިދީން އެފަދަ ޑޮކްޓަރުންނަށް ދައްކަން ރިފެރަލް ދީފައިވާނެ ކަމަށް އެ ޚިދުމަތުން ބުންޏެވެ. ނަމަވެސް، ސްޕެޝަލިސްޓުންނަށް ދައްކަން ކިޔޫގައި ތިބި ގައިދީންގެ އަދަދު ކަރެކްޝަންސްއިން ހާމަނުކުރިއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި 1،500 އެއްހާ ގައިދީން މިވަގުތު ތިބިއިރު، ގައިދީންނަށް ފަރުވާދިނުމަށްޓަކައި ޖަލުތަކުގައި ތިބީ ބޭރު ގައުމުތަކުގެ ޑޮކްޓަރުންނެވެ. ފާހަގަކުރެވޭ ގޮތުގައި މާލެ ސަރަހައްދުގެ ހޮސްޕިޓަލްތަކުގައި ސްޕެޝަލިސްޓުންނަށް ދައްކަން މިވަގުތު ވެސް އާންމުންގެ ތެރެއިން ގިނަ މީހުން ކިޔޫގައި އެބަ ތިއްބެވެ. އޭގެ ތެރެއިން ބައެއް މީހުން ޑޮކްޓަރަށް ދައްކަން އެތައް މަހެއްވާއިރު، އެ މައްސަލަ ހައްލުނުވުމަކީ ގިނަ ބަޔެއްގެ ޝަކުވާއެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ