ފުލުހުންގެ ތަހުގީގުތަކަކަށް ހަތަރު ބިދޭސީން ހޯދަނީ، ދެ މީހަކަށް މަކަރާއި ހީލަތްހެދުމުގެ ތުހުމަތު

މަކަރާއި ހީލަތްހެދުން ހިމެނޭހެން ފުލުހުން ބަލަމުންދާ މައްސަލަތަކަކާ ގުޅިގެން ބިދޭސީންތަކެއް ފުލުހުންގެ އިދާރާއަށް ހާޒިރުވުމަށް އަންގައިފިއެވެ. ފުލުހުން ބުނީ ފްރޯޑް އެންޑް ފައިނޭންޝަލް އިންވެސްޓިގޭޝަނުން ތަހުގީގު ކުރަމުންދާ މައްސަލައެއްގެ ތަހުގީގަށް ހާޒިރުކުރަން ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާތީ، ދެ ބިދޭސީއަކު ތަހުގީގަށް ހާޒިރުވުމަށް އަންގައި އިއުލާނުކުރާ ކަމަށެވެ. އެއީ ބަންގްލަދޭޝަށް ނިސްބަތްވާ އުމުރުން 31 އަހަރުގެ މުޙައްމަދު ތޮޔޮބުރު އާއި ބަންގްލަދޭޝަށް ނިސްބަތްވާ އުމުރުން 20 އަހަރުގެ މުހައްމަދު އަސަދެވެ. އަންނަ އަންގާރަ ދުވަހުގެ 11:00އަށް ސާޖަންޓް އާދަމް ޙަލީމް ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިންއަށް އެ މީހުން ހާޒިރުވުމަށް ވަނީ އަންގައިފައެވެ. ފުލުހުން ބުނީ އެ މީހުން ހާޒިރުކުރަނީ މައްސަލައިގެ ތުހުމަތުގައި ސުވާލު ކުރުމަށް ކަމަށެވެ. މީގެ އިތުރުން ވެސް، މާފަންނު ޕޮލިސް އިންވެސްޓިގޭޝަނުން ތަހުގީގު ކުރަމުންދާ މައްސަލައެއްގެ ތަހުގީގަށް ވެސް، ބަންގްލަދޭޝްގެ އިތުރު ދެ ބިދޭސީއަކު ހާޒިރުވުމަށް ފުލުހުން ވަނީ އަންގައިފައެވެ. މި މީހުން ފުލުހުންގެ އިދާރާއަށް ހާޒިރުވާން އަންގައި އިއުލާނު ކުރީ، އުޅޭ ވަކިތަނެއް ނޭންގޭތީ ޗިޓު ރައްދުކުރެވިފައި ނުވުމުންނެވެ. އެއީ ބަންގްލަދޭޝަށް ނިސްބަތްވާ އުމުރުން 21 އަހަރުގެ އެމްޑީ މިރު ރަހްމާނާއި، އުމުރުން 38 އަހަރުގެ އެމްޑީ މިންތު މިއާއެވެ. މި ދެ މީހުން ހާޒިރުވާން އަންގާފައިވަނީ އަންނަ އަންގާރަ ދުވަހުގެ 11:00އަށް މާފަންނު ޕޮލިސް ސްޓޭޝަނަށެވެ. އެއީ ވެސް މައްސަލައިގެ ތަހުގީގަށް ތުހުމަތުގައި ސުވާލުކުރުމަށެވެ. އެހެން ނަމަވެސް އެ ދެ މީހުންގެ މައްޗަށް ތުހުމަތުވާ މައްސަލައެއް ފުލުހުން ހާމައެއް ނުކުރެއެވެ. ރާއްޖޭގައި ގަވައިދާ ޚިލާފަށް އުޅޭ ބިދޭސީން ހޯދުމަށް އެކި ސަރަހައްދުތަކުގައި އަންނަނީ ހަރަކާތްތައް ވެސް ހިންގަމުންނެވެ. އެ ހަރަކާތްތަކުގައި ގަވައިދާ ޚިލާފަށް އުޅޭ ކަމަށް ފާހަގަވާ މީހުން ހިފަހައްޓައި، މާލޭގައި ހުންނަ ޑިޓެންޝަން ސެންޓަރުގައި ބައިތިއްބައެވެ. އެ މީހުންނަށް ގަވައިދާ އެއްގޮތަށް އުޅުމުގެ ފުރުސަތު ނުވަތަ އެނބުރި ގައުމަށް ދިޔުން އިޚުތިޔާރު ކުރުމުގެ ފުރުސަތު ދޭ ކަމަށް ސަރުކާރުން މީގެ ކުރިން ވަނީ ބުނެފައެވެ. ރާއްޖޭގައި ގަވައިދާ ޚިލާފަށް މަސައްކަތްކޮށް، ފުޅާ ދާއިރާއެއްގައި ވިޔަފާރި ކުރާކަން ފާހަގަވެފައިވާ ބައެއް މީހުން ޑީޕޯޓްކޮށް އެކަން މީގެ ކުރިން އިއުލާން ވެސް ކޮށްފައިވެއެވެ. ރާއްޖޭގެ އާބާދީގެ 25 ޕަސަންޓް ހިއްސާ ކުރަނީ ބިދޭސީން ކަމަށްވާއިރު، މި ސަރުކާރުގެ އަމާޒަކީ ގަވައިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ދައުރުގެ ފުރަތަމަ ތިން އަހަރު ތެރޭ އެއްކޮށް ހައްލު ކުރުމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ