ލިޔުންތެރިންނަށް ނަސޭހަތެއް
ކިޔުންތެރިންގެ މަޢުލޫމާތު މުއްސަނދިކުރާ ބަޔަކީ ލިޔުންތެރިންނެވެ. އިންސާނުންގެ ސިކުނޑިއަށް ބޭނުންވާ މަޢުރިފާތު ގެނެސްދޭ އެއްޗަކީ މަޢުލޫމާތެވެ. އެހެންކަމުން ޝައްކާއި ވަހުމާއި ދޮގުން ޠާހިރުކުރެވިފައި ހުރި ރަނގަޅު މަޢުލޫމާތު ކިޔުންތެރިންނާ ހަމައަށް ގެނެސްދިނުމަކީ ކޮންމެ ލިޔުންތެރިއެއްގެ ފަރުދީ ޒިންމާއެކެވެ. އޭނާގެ ޤައުމަށް ކޮށްދެވޭ ފަންނީ ޚިދުމަތެކެވެ. އަދި އޭގެ މައްޗަށް އޭނާގެ ބޮލުގައި އެޅިފައި އޮތް ދީނީ ވާޖިބެއް ވެސް މެއެވެ. މަޢުލޫމާތަކީ ކޮން އެއްޗެއްތޯއެވެ؟ އެއީ ކުރިން އެނގިފައި ނެތް އެއްޗެއް ބަޔާންކޮށްދޭ ޢިލްމެވެ. ނުވަތަ ކުރިން އެނގޭ އެއްޗެއް އިތުރަށް ތަފުޞީލުކޮށްދޭ ޢިލްމެވެ. އަދި ހަމަ އެހެންމެ މަޢުލޫމާތުގެ ތެރޭގައި ދޮގު ޚަބަރު ނަފީ ކުރުވާ ޢިލްމު ވެސް ހިމެނެއެވެ. މަޢުލޫމާތު މިހާ ފުޅާ ޒަމާނެއްގައި ވެސް ތަންދޮރު ނުދަންނަ ޖާހިލުން ގިނަވަނީ ކީއްވެބާއެވެ؟ އޭގެ ސަބަބުތައް ބައިވަރެވެ. އޭގެތެރެއިން އެއް ސަބަބަކީ ލިޔުންތެރިކަން މިންގަނޑެއްގައި ހިފެހެއްޓިފައި ނެތުން ކަމުގައި ވެސް ބުނެވިދާނެއެވެ. އިސްލާމީ މުޖުތަމަޢެއްގައި ލިޔުންތެރިކަން ކޮންމެހެން ވެސް ދާއިރާކުރެވި ހުދޫދެއްގެ ތެރޭ ހިފެހެއްޓިފައި އޮތުން ވަރަށް މުހިންމެވެ. ކޮންމެ ޤަލަމެއްގެ ވެރިޔަކީ އޭނާގެ ލިޔުންތަކާމެދު ސުވާލުވެވޭނޭ މީހެކެވެ. ނަބިއްޔާ صَلَّىٰ اللهُ عَلَيْهِ وَسَلَّمَ، ބުނެދެއްވި އިރުޝާދުފުޅުގައި ވާ ފަދައިންނެވެ. ކޮންމެ މީހެއްގެ ބަލެހެއްޓުމުގެ ދަށުގައި ހުރި ކަންތައްތަކާ މެދު އޭނާއާ ސުވާލުވެވޭނެއެވެ. އެ ސުވާލު ތިބާއާ ކުރެވޭނެކަން ބަލައިގެން، ޖަވާބުދެވޭނޭ މިންވަރަށް ނޫނީ އެއްވެސް ލިޔުންތެރިއެއް މަޢުލޫމާތު އާންމުކޮށްގެން ނުވާނެއެވެ. ލިޔުންތެރިންގެ ލިޔުންތައް ޖަވާބުދާރީވެވޭނެ މިންގަޑުގައި ހިފެހެއްޓުމަށް ސުވާލު ކުރައްވާފަރާތުން ބާވައިލެއްވި ދުސްތޫރަށް ޠާޢަތާ ކިޔަމަންވާން ވާނެއެވެ. ސުވާލުކުރައްވާ ފަރާތަކީ ﷲ سبحانه وتعالىއެވެ. އެއިލާހު ބާވައިލެއްވި ދުސްތޫރަކީ ކީރިތި ޤުރުއާނެވެ. އެ ޤުރުއާނުގައި އޮތް ޙުކުމްތަކުގެ ތެރެއިން ނޫސްވެރިކަމާއި ލިޔުންތެރިކަމުގައި ބަލަންވީ މިންގަޑުތައް ދެނެ ދަސްކުރުމަކީ ކޮންމެ ލިޔުންތެރިއެއްގެ ކޮނޑުގައި އެޅިފައި އޮތް ދީނީ ވާޖިބެކެވެ. މަޢުލޫމާތު ބަދަލުކުރުމާ ބެހޭ ގޮތުން ކީރިތި ޤުރުއާނުގައި ހުރި އާޔަތްތަކަށް ބަލައިލުމުގެ ގޮތުން، އިސްރާ ސޫރަތުގެ 36ވަނަ އާޔަތް އެންމެ ފުރަތަމަ ޒިކުރުކޮށްލާނަމެވެ. ﴿وَلَا تَقْفُ مَا لَيْسَ لَكَ بِهِ عِلْمٌ إِنَّ السَّمْعَ وَالْبَصَرَ وَالْفُؤَادَ كُلُّ أُولَـٰئِكَ كَانَ عَنْهُ مَسْئُولًا﴾ (الإسراء: ٣٦) މާނައީ: "އަދި ތިބާޔަށް އެކަމަކާމެދު އެނގުމެއް ނުވާ ކަމަކަށް، ތިބާ ތަބާނުވާށެވެ! ހަމަކަށަވަރުން، އިވުމާއި، ފެނުމާއި، ހިތާއި، މިއިން ކޮންމެ ކަމަކީ، އެއާމެދު ސުވާލުކުރައްވާނެ ކަމެއް ކަމުގައި ވިއެވެ." އެހެންކަމުން ލިބޭ ކޮންމެ މަޢުލޫމާތެއް ވެސް ޝާއިޢު ކުރަންވާނީ ތިބާގެ ޢަމަލަށް ޖަވާބުދާރީ ވެވޭނެ މިންވަރަށެވެ. ކޮންމެ ދިމާލަކުން ޚަބަރެއް ލިބުނަސް އެ ޚަބަރެއްގެ ޞައްޙަނުޞައްޙަ ބެލުމަކީ ތިމާގެ ލިޔުންތެރިކަން ހަރުދަނާކުރެވޭނޭ ގޮތެކެވެ. ވަކިން ޚާއްޞަކޮށް ތެދުވެރިކަން މަދު މި ޒަމާނުގައި ޚަބަރުދަބަރުގެ ތެދުދޮގު ބެލުމަކީ ކީރިތި ޤުރުއާނުގެ ނައްސުން މުސްލިމުންނަށް މަތިކޮށްފައި އޮތް ވާޖިބެކެވެ. މާތް ﷲ ވަޙީކުރެއްވިއެވެ. ﴿يَا أَيُّهَا الَّذِينَ آمَنُوا إِن جَاءَكُمْ فَاسِقٌ بِنَبَإٍ فَتَبَيَّنُوا أَن تُصِيبُوا قَوْمًا بِجَهَالَةٍ فَتُصْبِحُوا عَلَىٰ مَا فَعَلْتُمْ نَادِمِينَ﴾ (الحجرات: ٦) މާނައީ: "އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ ގާތަށް ފާސިޤަކު ޚަބަރަކާއިގެން އަތުވެއްޖެއްޔާ އޭގެ ދޮގުތެދުބަލައި، ޙަޤީޤަތް ހޯދާށެވެ! (އެއީ) ނޭނގިތިބެ، ތިޔަބައިމީހުންނަށް ބަޔަކަށް ގެއްލުންދެވިދާނެތީއެވެ. ފަހެ، އެހެންވެއްޖެ ނަމަ، ތިޔަބައިމީހުން ކުރިކަންތަކުގެ މައްޗަށް ހިތާމަކުރާ ބަޔަކުކަމުގައި ތިޔަބައިމީހުން ވެދާނެތެވެ." އެހެން މީހެއްގެ ވާހަކަ ލިޔެ އާންމުކުރާއިރު އެއީ ތެދު ނޫން ޚަބަރަކަށް ވެއްޖެއްޔާ، ދެން އުޅެންޖެހޭނީ އެ ކުރެވުނު ކަންތަކަށް ހިތާމަކުރުމުގައެވެ. އެހެނަސް ފާއިތުވި ވަގުތެއް އަނބުރާ ގެނެވޭނީ ކިހިނަކުންހެއްޔެވެ؟ ވީ ކަމެއް ނުވާ ކަމަކަށް ހެދޭނެބާއެވެ؟ ލޮބުވެތި ލިޔުންތެރިންނޭވެ! ތިޔަބައި މީހުންގެ ޤަލަމަކީ އޭގައި ވަރަށް ބޮޑެތި ބާރުތަކެއް ﷲ ލައްވައިފައިވާ އެއްޗެކެވެ. އެ ޤަލަމުން ލިޔެ ޢިލްމު ފެތުރުމަކީ އޭގެ ސަވާބު ލިބޭނޭ ކަމެކެވެ. ހެޔޮ ވާހަކަ ފަތުރައިގެން ތިޔަ ބޭކަލުންނާއި ބޭކަނބަލުންނަށް ސުވަރުގެއަށް ދާނޭ މަގެއް ކޮށިދާނެއެވެ. ހެޔޮ ކަމަކަށް މީހަކަށް މަގުދައްކައިފި މީހާއަށް އެ ހެޔޮ ކަންތައް ކުރާ އެހެން އެންމެންގެ ސަވާބު ލިބެމުން ދާނެތެވެ. ނަބިއްޔާ صَلَّىٰ اللهُ عَلَيْهِ وَسَلَّمَ، ޙަދީޘްކުރައްވައިފައި ވެއެވެ. «مَن دَلَّ علَى خَيْرٍ فَلَهُ مِثْلُ أَجْرِ فَاعِلِهِ.» (مسلم: 1893) މާނައީ: "ހެޔޮ ކަމަކަށް މަގުދައްކައިފި މީހާއަށް، އޭނާގެ ފަރާތުން އެ ކަމެއް ދަސްކޮށްގެން އެ ގޮތުގައި ޢަމަލު ކުޅަ ކޮންމެ މީހެއްގެ ސަވާބު މަގުދެއްކި މީހާއަށް ލިބިލިބި ހުންނަހުއްޓެވެ." އެހެންކަމުން އަޅުގަނޑުމެން ކޮންމެ ލިޔުންތެރިއެއް ވެސް މަސައްކަތް ކުރަންވާނީ ޤިޔާމަތްދުވަހުން ޖަވާބުދާރި ވެވޭނެ މިންވަރަށް ލިޔުން ޝާއިޢުކުރާށެވެ. އަދި ހަމަ އެހެންމެ ހެޔޮ ކަމުގެ ތިލަފަތް ބަރު ކުރެވޭނޭ ގޮތަށް މީސްތަކުންގެ މެދުގައި ހެޔޮ ކަންކަން ފަތުރާށެވެ. މި ދެންނެވި ގޮތްތަކަށް ވިސްނާއި ބިރުވެތިވުމަށް އަޅުގަނޑުގެ އަމިއްލަ ނަފުސަށް ނަސޭހަތްތެރި ވުމަށްފަހު ހުރިހާ ލިޔުންތެރެންނަށް ވެސް މި ނަސޭހަތް ފޮނުވަމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ