ލ. ފޮނަދޫގައި ބަނދަރަކާއި ބަންކަރިންގެ ހިދުމަތް ދިނުމަށް ޝައުގުވެރިކަން ހުރި ފަރާތްތަކުން ޝައުގުވެރިކަން ފާޅުކުރުމުގެ ފުރުސަތު މިއަދު ހުޅުވާލައިފި އެވެ.
ވީ ކިހިނެއް؟ - އިކޮނޮމިކް މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ އެ މަޝްރޫއު ކުރިއަށް ގެންދިޔުމުގެ ގާބިލުކަން ހުރި އަދި ޝައުގުވެރިވާ ކުންފުނިތަކާ އެކު މަޝްވަރާތައް ކުރިއަށް ގެންދާނެ ކަމަށެވެ.
ތަފްސީލް - އިންޑިއާ ކަނޑުގެ މުހިއްމު ސަރަހައްދެއްގައި އޮންނަ 'ވަން އެންޑް އަ ހާފް ޑިގްރީ ޗެނަލް' ކައިރިން ފޮނަދޫގައި ބަންކަރިންގެ ހިދުމަތާ އެކު ބަނދަރުގެ ހިދުމަތް ލިބޭ ގޮތަށް ތަރައްގީ ކުރަނީ އެ ސަރަހައްދުން ދަތުރުކުރާ އުޅަނދުފަހަރުގެ ބޭނުން ހިފުމަށް ކުރިއަށް ގެންދާ މަޝްރޫއެއް ގޮތަށް ކަމަށް މިނިސްޓްރީން ބުންޏެވެ.
މަޝްރޫއަށް ޝައުގުވެރިކަން ފާޅުކުރުމުގެ ފުރުސަތު ހުޅުވާލީ އިކޮނޮމިކް މިނިސްޓްރީން ބުނި ގޮތުގައި:
މި މަޝްރޫއަށް އަމިއްލަ އިންވެސްޓަރުންގެ ޝައުގު ހުރި މިންވަރު ބެލުމަށް
ވިޔަފާރީގެ ގޮތުން ދެކޮޅު ޖެހޭ މިންވަރާއި އެ ތަނުން މާލީ ފައިދާ ލިބޭނެ ގޮތްތައް ދެނެގަތުމަށް
އެ ތަން ހިންގާނެ ވިޔަފާރި މޮޑެލްތަކަށް ހިޔާލު ހޯދުމަށް
މި މަޝްރޫއުގެ ދަށުން ފުރަތަމަ ބުރުގައި ކުރިއަށް ގެންދަން ނިންމާފައިވަނީ ކާގޯ، ޓޭންކަރު އަދި ސާވިސް އުޅަނދުފަހަރަށް ހިދުމަތް ދޭނެ 'ޑީޕް ވޯޓާ ޕޯޓެއް' ތަރައްގީކުރުމުގެ މަސައްކަތުގެ އިތުރުން:
ޓްރާންސިޓް އުޅަނދުތަކަށް ބަންކަރިން އަދި ތެޔޮ ފޯރުކޮށްދިނުމުގެ ހިދުމަތް
ތެޔޮ ރައްކާކުރެވޭނެ ގޮތްތައް ތަރައްގީކުރުން (ފްލޯޓިން ޓޭންކު އަދި އޮންޝޯ އިންފްރާސްޓްރަކްޗާ ހިމެނޭހެން)
މެރިން ސަޕޯޓް އިންފްރާސްޓްރަކްޗާ
ހުރިހާ މޫސުމެއްގައި ވެސް ބަނދަރުން ފަސޭހަކަމާ އެކު ހިދުމަތް ދެވޭނެހެން ސާވިސް ކުއޭ އަދި ބްރޭކް ވޯޓާ
ލޮޖިސްޓިކްސް އަދި ޔުޓިލިޓީ ހިދުމަތްތަކަށް ބިން ހިއްކުން
އިކޮނޮމިކް މިނިސްޓްރީން ވަނީ މި މަޝްރޫއަށް ޝައުގުވެރިކަން ފާޅުކުރާ ފަރާތްތަކާ އެކު މަޝްވަރާ ބައްދަލުވުންތަކެއް ކުރިއަށް ގެންދަން ނިންމައިފަ އެވެ. އަދި އެ ފަރާތްތަކުން ހުށަހަޅާ ކަންތަކުގެ މައްޗަށް ބިނާކޮށް އެސެންމެންޓެއް ހަދައި އެންމެ ފައިދާހުރި ގޮތެއްގައި އެ މަޝްރޫއު ކުރިއަށް ގެންދާނެ ގޮތްތައް ދެނެގަނެ ރަސްމީކޮށް މަޝްރޫއު އިއުލާނު ކުރާނެ އެވެ.
ފާހަގަ ކުރެވޭ - ފޮނަދޫގައި ބަނދަރަކާ އެކު ބަންކަރިންގެ ހިދުމަތް ފެށުމުގެ ފުރަތަމަ މަރުހަލާގެ މަސައްކަތް ފެށިއިރު ލ. ގާދޫގައި ޓްރާންސްޝިޕްމަންޓް ބަނދަރެއް ހިމެނޭ ގޮތަށް މެރިޓަމް ހަބެއް ގާއިމް ކުރުމަށް ޗައިނާގެ ސީއޭއެމްސީއީ އިންޖިނިއަރިންއާ އެކު މިދިޔަ އަހަރުގެ އޭޕްރީލް މަހު އެމްޕީއެލް އިން ވަނީ އެމްއޯޔޫއެއްގައި ސޮއިކޮށްފަ އެވެ.
ފޮނަދޫގައި ބަންކަރިން ފަށަން ޝައުގުވެރިކަން ފާޅުކުރަން ހުޅުވާލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ