މާފަރު އެއާޕޯޓަށް ކޯޑް އީ މަތިންދާބޯޓު ޖެއްސޭ ރަންވޭ ތަރައްގީކޮށް ނިމުން ފާހަގަކޮށްފި
މާފަރު އިންޓަނޭޝަނަލް އެއާޕޯޓުގެ އޮޕަރޭޝަންތައް ޑިސެމްބަރު 2019ގައި ފެށި ފަހުުން މިދިޔަ ޖޫން މަހުގެ ނިޔަލަށް 3،000އަށް ވުރެ ގިނަ އިންޓަނޭޝަނަލް ފްލައިޓު އެ އެއާޕޯޓަށް އޮޕަރޭޓުކޮށްފައިވާ ކަމަށް އެ އެއާޕޯޓު ހިންގާ އައިލެންޑް އޭވިއޭޝަނުން މިއަދު ބުނެފި އެވެ.އަބޫދާބީ ފަންޑް ފޯ ޑިވެލޮޕްމަންޓު (އޭޑީއެފްޑީ)ގެ އެހީގައި މި އެއާޕޯޓު ތަރައްގީކުރީ ދެ ފިޔަވައްސަށް ބަހައިލައިގެންނެވެ. ދެެވަނަ ފިޔަވަހީގެ ނިމުން ފާހަގަކުރުމަށް މިއަދު އެ އެއާޕޯޓުގައި ވަނީ ރަސްމިއްޔާތެއް ބާއްވައިފައެވެ. މި ފިޔަވަހީގައި ކުރީގެ ރަންވޭއަށް 650 މީޓަރު އިތުރުކޮށް ކޯޑް-އީ މަތިންދާ ބޯޓުތައްކަމަށްވާ ބޮއިން 787، 777 އަދި އޭ330 މަރުކާގެ ބޯޓު ޖެއްސޭ ފެންވަރަށް ވަނީ ތަރައްގީކޮށްފައެވެ.މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވަނީ ޔޫއޭއީއާއި ރާއްޖެއާ ދެމެދު އޮތް ބަދަހި ގުޅުން ރަމްޒުކޮށްދޭ އެއް ކަމަކީ މާފަރު އެއާޕޯޓުގެ ތަރައްގީ ކަމަށެވެ."މި ފުރުސަތުގައި މާފަރު އިންޓަނޭޝަނަލް އެއާޕޯޓު އެޅުަމަށް ފަންޑުކޮށްދެއްވައި، މާފަރަކީ މި ސަރަހައްދުގެ ތަރައްގީގެ ނާރެހަށް ހެއްދެއްވެމުގައި ވެދެއްވި އެހީތެރިކަމަށް ޔުނައިޓެޑް އަރަބް އެމިރޭޓްސްގެ ރައީސް އަދި އަބޫދާބީގެ ރޫލާ ޝެއިޚް މުޙައްމަދު ބިން ޒައިދު އަލް ނަހްޔާނަށާއި، ޔޫއޭއީގެ ސަރުކާރަށާއި، ޔޫއޭއީގެ ރައްޔިތުންނަށް ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި ވަރަށް އިޚްލާސްތެރިކަމާއެކު ޝުކުރު ދަންނަވަން،" މުއްތަލިބު ވިދާޅުވިއެވެ.މާފަރު އެއާޕޯޓްގެ އަމަލީ މަސައްކަތް ފެށީ ޖެނުއަރީ 23، 2018ގަ އެވެ. ފުރަތަމަ ފިޔަވަހީގެ މަސައްކަތް ނިންމައި ކޮމާޝަލް ދަތުރުތައް ފެށީ ޑިސެމްބަރު 1، 2019 ގަ އެވެ.މަޝްރޫއުގެ ދެވަނަ ފިޔަވަހީގެ ދަށުން ރަންވޭ އަށް 650 މީޓަރު އިތުރުކޮށް ފުޅާކޮށް، ބޮއިންގ 777-އީއާރް300 ފްލައިޓް ޖެއްސޭ ގޮތަށް ތަރައްޤީކޮށްފައިވެ އެވެ. އަދި ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަސައްކަތާއި ރަންވޭގެ އެއާފީލްޑް ލައިޓް އަޕްގްރޭޑްކުރުމުގެ މަސައްކަތް ވެސް ކޮށްފައިވެ އެވެ.ދެވަނަ ފިޔަވަހި ހިމެނޭ ހުރިހާ މަސައްކަތްތައް ނިންމީ މިދިޔަ އަހަރުގެ ޑިސެމްބަރުގަ އެވެ.މި މަޝްރޫޢުގެ ދެ ފިޔަވާހިގެ މަސައްކަތަށް އަބޫދާބީ ފަންޑުން 76 މިލިއަން ޑޮލަރަށް ވުރެ ގިނަ ފައިސާގެ އެހީ ދީފައިވެ އެވެ.މާފަރު އިންޓަނޭޝަނަލް އެއަޕޯޓް ހިންގަނީ މޯލްޑިވިއަން އޮޕަރޭޓްކުރާ އައިލެންޑް އޭވިއޭޝަން ސާވިސެސް (އައިއޭއެސް) އިންނެވެ. އެއާޕޯޓުން ދޭ ހިދުމަތްތައް އިތުރަށް ހަރުދަނާކޮށް ތަރައްގީ ކުރުމަށް ފަސިންޖާ ޓާމިނަލް އިތުރަށް ބޮޑުކޮށް ލައުންޖުތަކާޢެކު ބައިނަލްއަގުވަމީ ފެންވަރުގެ ހިދުމަތްތައް ލިބޭ އެއާޕޯޓަކަށް މާފަރު އެއާޕޯޓު ހެދުމަށް މަޝްރޫއެއް ކުރިއަށް ގެންދަން އައިލެންޑު އޭވިއޭޝަނުން ވަނީ ނިންމައިފަ އެވެ.އައިލެންޑު އޭވިއޭޝަނުން ބުނީ ނ. އަތޮޅާއި މުޅި އެ ސަރަހައްދުގެ ތަރައްގީގައި ވެސް މުހިއްމު ދައުރެއް އަދާކުރާނެ މާފަރު އެއާޕޯޓަށް ބޭރުގެ އެއާލައިންތަކުގެ ދަތުރުތައް ފެށުމަށް އެއާލައިންތަކާ އެކު މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ