އެއާ އިންޑިއާގެ ބޯޓު ވެއްޓުން: އިންޖީނު ސްވިޗެއް ނުވި، ވީ ގޮތެއް ޕައިލެޓުންނަށް ނޭނގުނު
އިންޑިއާގެ އަހުމަދުއާބާދުން އިނގިރޭސިވިލާތުގެ ލަންޑަނަށް މިދިޔަ މަހުގެ 12ގައި ނައްޓާލިތާ މާގިނައިރެއް ނުވެ ވެއްޓުނު އެއާ އިންޑިއާގެ ބޯޓުގެ ދެ އިންޖީނަށް ވެސް ތެޔޮ ފޮނުވާ ސުވިޗު، ބޯޓު ވެއްޓުމުގެ ކުރިން ނިއްވާލައިފައި ހުރި ކަމަށް ތަހުގީގުން ހާމަވެއްޖެއެވެ. އެއާ އިންޑިއާ ބޯޓު ވެއްޓުނު ހާދިސާގައި، ބޯޓުން ދަތުރުކުރި ފަސިންޖަރުންނާއި ކުރޫގެ އަދަދު 242އަށް އަރާއިރު، އޭގެ ތެރެއިން ސަލާމަތްވީ 40 އަހަރުގެ ވިޝްވާޝް ރަމޭޝް ކިޔާ މީހަކު އެކަންޏެވެ. އިންޑިއާގެ އެއާކްރާފްޓް އެކްސިޑެންޓް އިންވެސްޓިގޭޝަން ބިއުރޯ (އޭއޭއައިބީ)އިން އެ މައްސަލަ ތަހުގީގުކޮށްފައިވާއިރު، ޕްރިލިމިނަރީ ރިޕޯޓުގައި ވާ ގޮތުން ބޯޓު ނައްޓާލިތާ މާ ގިނައިރުތަކެއް ނުވަނީސް ފިއުލް ސްވިޗް "ރަން" އިން "ކަޓްއޯފް" ޕޮޒިޝަނަށް ބަދަލުކޮށްފައިވެއެވެ. ނަމަވެސް އެއީ ބޯޓު ވެއްޓެން މެދުވެރިވި ސަބަބެއް ކަމަށް ރިޕޯޓުގައި ބުނެފައެއްނުވެއެވެ. ސްވިޗްތައް ފްލިޕް ވުމުން ބޮއިންގް 787 ޑްރީމްލައިނާ ވަގުތުން ތިރިއަށް ދާން ފެށި ކަމަށް ރިޕޯޓުގައިވެއެވެ. ކޮކްޕިޓްގެ ވޮއިސް ރެކޯޑަރުން ހާމަވާ ގޮތުގައި، ސްވިޗް ބަދަލުވުމުން، އެއް ޕައިލެޓު އަނެއް ޕައިލެޓު ކައިރީގައި، ތެޔޮ ކަނޑާލީ ކީއްވެތޯ އަހައެވެ. ނަމަވެސް އަނެއް ޕައިލެޓް އެކަން އެގޮތަށް ނުކުރާ ކަމަށް ޖަވާބު ދީފައިވާ ކަމަށް އެ ރިޕޯޓުގައިވެއެވެ. ރިޕޯޓްގައިވަނީ އޭގެ ފަހުން ބޯޓު ތިރިވާން ފެށި ކަމަށާއި އެއާއެކު ފިއުލް ސްވިޗް އަނެއްކާވެސް "ރަން" އަށް ބަދަލުވި ކަމަށާއި ދެން ބޯޓުގެ ސްޕީޑް މަތިވާން ފެށި ނަމަވެސް އެއް ޕައިލެޓަކު ނުރައްކާގެ ސިގްނަލް، "މޭޑޭ މޭޑޭ މޭޑޭ" ގޮވައި، ކަމެއް ގޯސްވެގެން އުޅޭކަން އެއާޓް ރެފިކް ކޮންޓްރޯލަށް އެންގި ކަމަށެވެ. އެއާ ޓްރެފިކް ކޮންޓްރޯލުން ވަނީ ވީ ކިހިނެއްތޯ އަހާފައި ކަމަށާއި ނަމަވެސް ހަމަ އެ ވަގުތު ބޯޓު ވެއްޓުނީ ކަމަށް ރިޕޯޓްގައިވެއެވެ. ނަމަވެސް ފްލައިޓްގެ ކެޕްޓަން ދެއްކީ ކޮން ވާހަކަތަކެއް ކަމެއް އަދި ފަސްޓް އޮފިސަރު ދެއްކީ ކޮން ވާހަކަތަކެއް ކަމެއް އަދި ބޯޓު ވެއްޓުމުގެ ކުރިން "މޭޑޭ، މޭޑޭ، މޭޑޭ" ޓްރާންސްމިޓް ކުރި ޕައިލެޓެއް ވެސް ރިޕޯޓުގައި ފާހަގަކޮށްފައެއް ނުވެއެވެ. އެއާ އިންޑިއާގެ ބޯޓު ވެއްޓިފައި: މިދިޔަ މަހު ވެއްޓުނު އެ ބޯޓުގައި ތިބި 241 މީހުން ވަނީ މަރުވެފައި -- ފޮޓޯ/އީޕީއޭ އަދި އިންޖީނުގެ ސްވިޗް ކަޓްއޯފް ޕޮޒިޝަނަށް ބަދަލު ވެދާނެ ގޮތެއް ވެސް ޕްރިލިމިނަރީ ރިޕޯޓުގައި ބުނެފައެއް ނުވެއެވެ. އެމެރިކާގެ އޭވިއޭޝަން ސޭފްޓީ މާހިރު ޖޯން ކޮކްސް ވިދާޅުވި ގޮތުގައި އިންޖީނުތަކަށް ތެޔޮ ފޮނުވާ ސްވިޗްތައް ޕައިލެޓަކަށް ނޭނގި ބަދަލުކުރުމަކީ ކުރެވޭނެ ކަމެއް ނޫނެވެ. އިންޖީނަށް ތެޔޮ ފޮނުވާ ސްވިޗް ކަޓްއޯފްއަށް ބަދަލުވެއްޖެނަމަ، އިންޖީނުތައް ވަގުތުން ނިވެއެވެ. އެގޮތަށް އެންމެ ގިނައިން ނިއްވާލަނީ ބޯޓުގައި އަލިފާން ރޯވުން ކަހަލަ ކުއްލި ހާލަތެއް މެދުވެރިވެއްޖެނަމައެވެ. ނަމަވެސް އިންޖީނު ނިއްވާލަންޖެހޭފަދަ ކުއްލި ހާލަތެއް މެދުވެރިވި ކަމަކަށް ރިޕޯޓުގައި ފާހަގަކޮށްފައެއްނުވެއެވެ. މި ހަފުތާގެ ކުރީކޮޅު، ސްޕެޝަލިސްޓް ވެބްސައިޓް ދަ އެއާ ކަރަންޓުން، ތަހުގީގަށް އަހުލުވެރި އެތައް މަސްދަރުތަކަކާ ހަވާލާދީ، ރިޕޯޓްކޮށްފައިވާ ގޮތުގައި، އޭއޭއައިބީގެ ތަހުގީގުގައި ބޮޑަށް ފޯކަސްކޮށްފައި ވަނީ އިންޖީނަށް ތެޔޮ ފޮނުވާދޭ ސްވިޗްތަކުގެ ހަރަކާތްތަކަށެވެ. އަދި އެ ހާދިސާގެ ފުރިހަމަ ތަހުގީގަކަށް މަސްތަކެއް ނަގާނެ ކަމަށް ވެސް ފާހަގަކޮށްފައިވެއެވެ. އެ ރިޕޯޓުގައި ބުނެފައިވާ ގޮތުގައި އެމެރިކާގެ ފެޑެރަލް އޭވިއޭޝަން އެޑްމިނިސްޓްރޭޝަނުން 2018 ވަނަ އަހަރުވެސް އެ ބޯޓުގެ "ފިއުލް ކޮންޓްރޯލް ސްވިޗް ލޮކިން ފީޗާ" ބައެއް ފަހަރު ލޮކް ނުވެ ޑިސްއެންގޭޖްވާ މައްސަލައަކާ ގުޅޭ ގޮތުން އިންފޮމޭޝަން ބުލެޓިންއެއް ނެރެފައިވެއެވެ. އެއީ ނުރައްކާތެރި ކަމެއްގެ ގޮތުގައި ފާހަގަކުރުމުގެ ބަދަލުގައި އޭރު ބުނެފައި އޮތީ އެ މައްސަލަ ބެލުން "މަޖުބޫރު ނޫން ނަމަވެސް އެެއީ އެދެވިގެންވާ" ކަމެއް ކަމަށެވެ. އެހެންވެ އެކަމާ ގުޅޭ އިންސްޕެކްޝަނެއް ނުކުރާ ކަމަށް އެއާ އިންޑިއާއިން ވަނީ ތަހުގީގަށް މައުލޫމާތު ދީފައެވެ. އެއާ އިންޑިއާއިން އެއާވޯތިނެސްއާ ގުޅޭ ހުރިހާ ކަމެއް، ވެއްޓުނު ބޯޓުގައި ފުރިހަމަކޮށްފައިވާކަންވެސް ރިޕޯޓްގައި ވަނީ ފާހަގަކޮށްފައެވެ. ތަހުގީގީ އިދާރާއިން އެ ބޯޓު އުފެއްދި ކުންފުނި ބޮއިންގްގެ މައްޗަށް ތުހުމަތު ނުކުރި ނަމަވެސް އަދިވެސް އަންނަނީ ކަމާ ގުޅުން ހުރި ފަރާތްތައް މެދުވެރިވެގެން ތަހުގީގަށް އިތުރު ހެކި ހޯދަމުން ކަމަށް އެ އިދާރާއިން ބުނެއެވެ. "ތަހުގީގުގެ މި މަރުހަލާގައި ބޮއިންގް 787-8 އަދި/ނުވަތަ ޖީއީ ޖީއެންއެކްސް-1ބީ އިންޖީނު އޮޕަރޭޓަރުންނާއި އުފައްދާ ފަރާތްތަކަށް ދީފަ އޮތް ލަފައެއް ނެތް،" އެ ރިޕޯޓުގައިވާ ކަމަށް އިންޑިއާއާއި އިނގިރޭސިވިލާތުގެ ނޫސްތަކުގައިވެެއެވެ. ހާދިސާ ހިނގިތާ މަހެއް ވާން އުޅެނިކޮށް ނިންމި އެ ރިޕޯޓާ ގުޅިގެން ބޮއިންގުން މިހާތަނަށް އެއްޗެއް ބުނެފައެއްނުވެއެވެ. ބޯޓުގައި ތިބި މީހުންގެ ތެރޭގައި އިނގިރޭސިވިލާތުގެ 52 މީހަކު ހިމެނެއެވެ. އެ ބޯޓު ވެއްޓުނީ މީހުން ދިރިއުޅޭ މެގަނީ ނަގަރު ނަމަކަށް ކިޔާ ސަރަހައްދަކަށެވެ. އެ ހާދިސާގައި އެ ސަރަހައްދުގައި ދިރިއުޅެމުންދިޔަ 19 މީހަކު ވެސް މަރުވެފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ