އެމެރިކާގެ ކުރިމަތީގައި ކުޑަކަކޫ ނުޖަހާނަން: ބްރެޒީލް

ބްރަޒީލިޔާ (12 ޖުލައި 2025): ބްރެޒީލްގެ އުފެއްދުންތަކާ ދެކޮޅަށް އެމެރިކާ އެޅި ޓެރިފްގެ ފިޔަވަޅުތަކަށް ދޫ ނުދެއްވާނެކަމަށް ވިދާޅުވެ ވިޔަފާރީގެ ގޮތުން އެމެރިކާ އާ ދުރަށްދާން ބްރެޒީލް މަސައްކަތް ކުރާކަމަށް އެގައުމުގެ ރައީސް ލުއިސް އިނާސިއޯ ލޫލާ ޑަ ސިލްވާ ވިދާޅުވެއްޖެއެވެ. އެމެރިކާއަށް އެތެރެކުރާ ބްރެޒީލްގެ މުދަލުން 50 އިންސައްތަ ޓެރިފް އެއް ނަގަން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ނިންމަވައި އެކަން ބްރެޒީލް އަށް ރަސްމީ ގޮތުން އެންގުމުން ރައީސް ލުއިސް އިނާސިއޯ ލޫލާ ޑަ ސިލްވާ ވިދާޅުވީ އެމެރިކާގެ ބޭނުމަކީ އެގައުމުގެ ކުރިމަތީގައި ބަރްޒީލް ކުޑަކަކޫ ޖައްސައިގެން ބްރެޒީލް އަށް އިހާނާތް ކުރުންކަމަށާ ނަމަވެސް އެފުރުސަތު އެމެރިކާއަށް ނުދެއްވާނެކަމުގައެވެ. މިހާރުގެ އެމެރިކާއަކީ އިގްތިސާދީ ގޮތުން ކުރީގެ އެމެރިކާ ނޫންކަމަށާ އިގްތިސާދީ ގޮތުން ކުރިޔަށް ދިޔުމުގެ ބަދަލުގައި މިހާރު އެމެރިކާއަކީ ދަރަނިވެރިވެ ދަރަނިން ސަލާމަތް ނުވެވިގެން އުޅޭ ގައުމަކަށް ޑަ ސިލްވާ ސިފަކުރެއްވިއެވެ. އަދި އެމެރިކާއަކީ މައިގަނޑު ގޮތެއްގައި ހަތިޔާރު އުފައްދާ ގައުމެއްކަމަށާ އެމެރިކާގެ ބޮޑާކަމުގެ ކުރިމަތީގައި ބްރެޒީލް ދޫނުދޭނެކަމަށް ޑަ ސިލްވާ ވިދާޅުވިއެވެ. އެމެރިކާއިން ބްރެޒީލް ގެ މުދަލާ ދެކޮޅަށް ޓެރިފްގެ ފިޔަވަޅުތައް އެޅި މިންވަރަށް އެމެރިކާގެ އުފެއްދުންތަކާ ދެކޮޅަށް ބްރެޒީލް އިންވެސް ޓެރިފްގެ ފިޔަވަޅުތައް އަޅާނެކަމަށް ބްރެޒީލްގެ ރައީސް ލޫލާ ޑަ ސިލްވާ ވިދާޅުވިއެވެ. އެމެރިކާއަކީ ދުނިޔޭގައިވާ އެންމެ ދަރަނި ބޮޑުގައުމެވެ. އެމެރިކާގެ ދަރަނީގެ މިންވަރު 37 ޓްރިލިޔަން ޑޮލަރަށް އަރާއިރު މިއީ އެމެރިކާގެ ގައުމީ އުފެއްދުންތެރިކަމަށްވުރެވެސް މަތީ މިންވަރެކެވެ. މިކަމުގެ ނޭދެވޭ އަސަރު އެމެރިކާގެ އިގްތިސާދަށް ކުރަމުންދާއިރު މިކަން ކުޑަކުރުމަށްޓަކައި އެމެރިކާއަށް ކުރެވޭ ކަމަކީ ގައުމުތަކުގެ އުފެއްދުންތަކުން ޓެރިފް ބޮޑުކޮށްގެން ލިބޭ ފައިސާއިން ދަރަނި ދެއްކުމެވެ. ނަމަވެސް އަސްކަރީ ޚަރަދުތައްް ކުޑަނުކޮށް އެމެރިކާގެ އިގްތިސާދު ދެން ސަލާމަތް ނުކުރެވޭނެކަމަށް ތަޖުރިބާކާރުން ދެކެވަޑައިގަންނަވައެވެ. އެމެރިކާގެ ދަރަނި 37 ޓްރިލިޔަން ޑޮލަރަށް އަރާއިރު އެމެރިކާގެ ގައުމީ އުފެއްދުންތެރިކަން ނުވަތަ ޖީޑީޕީ ގެ މިންވަރަކީ ގާތްގަނޑަކަށް 27 ޓްރިލިޔަން ޑޮލަރެވެ. ބްރެޒީލްގެ ރައީސް ވިދާޅުވިގޮތުގައި ބްރެޒީލް ގެންދަނީ އެމެރިކާގެ ބަދަލުގައި ވިޔަފާރީގެ އެހެން ބައިވެރިން ހޯދަން ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. ވިޔަފާރީގެ ބައިވެރިން ލިބޭ މިންވަރަކުން އެމެރިކާއަށް އެކްސްޕޯޓްކުރާ ބްރެޒީލްގެ މުދާ މަދުކުރާނެކަން އޭނާ ފާހަގަ ކުރެއްވިއެވެ. ދުނިޔޭގެ ގައުމުތަކާއި އެމެރިކާއާ ދެމެދު ހިނގާ ވިޔަފާރީގެ މުއާމަލާތްތަކަށްބަލާއިރު ޓްރޭޑް ބެލަންސް އޮންނަނީ އެމެރިކާ ކޮޅަށް ލުއިކޮށް އެހެން ގައުމުތަކަށް ބަރުވާގޮތަށެވެ. އެއީ އިންސާނުންގެ ދުވަހުން ދުވަހަށް ބޭނުންކުރާ ކޮންސިއުމާ ގުޑްސް އެމެރިކާގައި ކުޑަކަމުންނެވެ. އެމެރިކާގައި މައިގަނޑު ގޮތެއްގައި އުފައްދަނީ ހަތިޔާރާއި ހަނގުރާމައިގެ ސާމާނެވެ. ދެން ސޮފްޓް ވެއާ އާއި ޚިދުމަތްތަކެވެ. ދުނިޔޭގައި ހަނގުރާމަތައް އުފައްދަން އެމެރިކާ މަސައްކަތް ކުރަނީވެސް އެނޫން ގޮތަކަށް އެމެރިކާގެ އިގްތިސާދު ދެމެހެއްޓޭނެ ގޮތެެއް ނޯންނާނެތީ ކަމަށް ރިޕޯޓްތައް ބުނެއެވެ. މިއާޚިލާފަށް ޗައިނާއާއި ބްރެޒީލްފަދަ ބްރިކްސްގެ ގައުމުތަކަކީ ދިރިއުޅުމަށް ބޭނުންވާ މައިގަނޑު ތަކެތި އުފައްދާ ގައުމުތަކެވެ. ޗައިނާއާއި ބްރެޒީލް އިން އެމެރިކާއާއެކު ކުރާ ވިޔަފާރީގައިވެސް ޓްރޭޑް ބެލަންސް އޮންނަނީ އެމެރިކާ ކޮޅަށް ލުއިކޮށް އެދެގައުމު ކޮޅަށް ބަރުކޮށެވެ. މިކަން ހަޖަމުކުރަން އެމެރިކާއަށް ދަތިވާތީ މިކަން ފޫބެއްދުމަށް އެމެރިކާ ކުރާ ކަމަކީ ގައުމުތަކުން އެމެރިކާއަށް އެތެރެކުރާ ތަކެތި އަގުބޮޑުކުރުމަށްޓަކައި އެއިން ޓެރިފް ނަގާމިންވަރު އާދަޔާ ޚިލާފަށް ބޮޑުކޮށްގެން އިތުރު އާމްދަނީ ހޯދުމެވެ. ނަމަވެސް މިކަމުގެ ހަގީގީ ގެއްލުން ލިބެނީވެސް އެމެރިކާގެ އާންމުންނަށެވެ. އެއީ އެމެރިކާއަކީ އެގައުމުގެ ރައްޔިތުން ބޭނުންވާ މިންވަރަށް ކޮންސިއުމާ ގުޑްސް ނުއުފެއްދޭ ގައުމަކަށް ވާއިރު ޓެރިފްގެ ފިޔަވަޅުތަކުގެ ސަބަބުން އެހެން ގައުމުތަކުގެ މުދާ އެމެރިކާގެ ބާޒާރުތަކުގައި އަގުބޮޑުވުމެވެ. މިއީ އެމެރިކާގެ މުއްސަނދިންނަށް ބޮޑުކަމަކަށް ނުވިނަމަވެސް މިއީ އެމެރިކާގެ ބައިގިނަ މެދުފަންތީގެ ރައްޔިތުންނަށް ވަރަށް ވޭންހުރި ކަމެކެވެ. އެމެރިކާއަކީ މުއްސަނދިންނާއި ފަގީރުންގެ ތަފާތު ވަރަށް ބޮޑުގައުމެކެވެ. އެމެރިކާގެ މުއްސަނދިކަމުގެ ގަތްގަނޑަކަށް 33 އިންސައްތަ ލިބެނީ އެމެރިކާގެ އެންމެ 5 އިންސައްތަ މީހުންނަށެވެ. އެއީ މަހުޖަނުންނެވެ. ރިޕޯޓްތައް ބުނާގޮތުން ބްރެޒީލްއަކީ ދުނިޔޭގެ އެންމެ ބޮޑު އިގްތިސާދީ ޖަމާއަތްކަމަށްވާ ބްރިކްސް އަށް ނިސްބަތްވާ ގައުމަކަށްވާތީ އެމެރިކާ ނޫން ބާޒާރުތައް ހޯދުމަކީ ބްރެޒީލްއަށް ކުރެވިދާނެކަމެކެވެ. ނަމަވެސް އެއީ އެހާ ފަސޭހަ ކަމެއް ނޫނެވެ. ބްރެޒީލްއަކީ އެމެރިކާއާ ޖޯގްރަފިކަލް ގޮތުން ގާތުގައި އޮންނަ ގައުމަކަށްވާތީ އެމެރިކާއަށް މުދައު އެކްސްޕޯޓް ކުރުމަކީ ބްރެޒީލް އަށް ޓްރާންސްޕޯޓް ޚަރަދު ކުޑަވާކަމެކެވެ. އޭޝިއާ ނުވަތަ އެފްރިކާ ނޫނީ ޔޫރަޕްގެ ގައުމުތަކަށް ތަކެތި އެކްސްޕޯޓް ކުރުމަކީ ބްރެޒީލްއަށް ޓްރާންސްޕޯޓް ޚަރަދު ބޮޑުވާނެކަމެކެވެ. ނަމަވެސް އެމެރިކާ ކުރިމަތީގައި ނިކަމެތިވެ ކުޑަކަކޫ ޖެހުމަކީ ބްރެޒީލް ކުރާނެކަމެއް ނޫންކަމަށް ބްރެޒީލްގެ ރައީސް ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ