އެމްއާރްއެމް އުވާލުން މަޑުޖައްސާލަން އަމުރު ކޮށްފި

އެމްއާރްއެމްގައި، ސިޔާސީ ޕާޓީއެއް ވުޖޫގައި އޮތުމަށް ގާނޫނު ލާޒިމު ކުރާ 3،000 މެންބަރުން ނެތް ކަމަށް ކަނޑައަޅާ އެ ޕާޓީ އުވާލަން އިލެކްޝަންސް ކޮމިޝަނުން ނިންމީ މިދިޔަަ ބުދަ ދުވަހު އެވެ.
މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް) އުވާލަން އިލެކްޝަންސް ކޮމިޝަނުން ނިންމި ނިންމުމަށް އަމަލު ކުރުން މަޑުޖައްސާލަން ސިވިލް ކޯޓުން އަމުރެއް ނެރެފި އެވެ.
އެމްއާރްއެމްގައި، ސިޔާސީ ޕާޓީއެއް ވުޖޫގައި އޮތުމަށް ގާނޫނު ލާޒިމު ކުރާ 3،000 މެންބަރުން ނެތް ކަމަށް ކަނޑައަޅާ އެ ޕާޓީ އުވާލަން އިލެކްޝަންސް ކޮމިޝަނުން ނިންމީ މިދިޔަަ ބުދަ ދުވަހު އެވެ. އެ ނިންމުމާއެކު ހަމަ އެ ދުވަހު ހަވީރު، އެ ޕާޓީ އުވާލުމުގެ މަރުހަލާތައް ވަނީ ފަށާފައެވެ. އެގޮތުން އެކަން ގެޒެޓްގައި އިއުލާނުކޮށް ޕާޓީގެ އެއްވެސް ދަރަންޏެއް އޮތް ނަމަ އަންގަން ވަނީ އެދިފައެވެ. އަދި އެމްއާރްއެމްގެ ނަމުގައި އެއްވެސް ހަރަކާތެއް ނުހިންގަން ވަނީ އަންގާފައެވެ.އެ ޕާޓީން ބުނާ ގޮތުން އިލެކްޝަންސް ކޮމިޝަންގެ ނިންމުން ގާނޫނާއި ހިލާފެވެ. އެހެން ކަމުން އެ މައްސަލަ މުރާޖައާ ކޮށްދޭން އެދުނެވެ. ނަމަވެސް ކޮމިޝަނުން ވަނީ ނިންމުމާމެދު ހިތްހަމަނުޖެހޭ ނަމަ ޝަރުއީ މަރުހަލާ އަށް ދިއުމަށް އެދިފައެވެ.އެހެން ކަމުން އެމްއާރްއެމް އިން ވަނީ އެ ޕާޓީ އުވާލުމަށް ކުރަމުންދާ މަސައްކަތް ހުއްޓާލުމަށް އަންގާ ވަގުތީ އަމުރެއް ނެރެ ދިނުމަށް އެދިފައެވެ. ސިވިލް ކޯޓުން މިހާރު ވަނީ އެ އަމުރު ނެރެދީފައެވެ.އެމްއާރްއެމުން އެދުނީ އެ ޕާޓީ އުވާލުމަށް ކޮމިޝަނުން ނިންމި ނިންމުމަށް އަމަލު ކުރުން ފަސް ކުރުމަށް އަމުރުކޮށް އެމްއާރްއެމް އުވާލުމުގެ އެއްވެސް މަސައްކަތެއް ނުވަތަ ކަމެއް ނުކުރުމަށާއި ޝަރީއަތުން ފައިސަލާ ކުރަނިވި ހުކުމެއް ކުރުމުގެ ކުރީން އެ ޕާޓީ އުވާލުމާއި ގުޅޭގޮތުން ނުވަތަ ކޮމިޝަންގެ ނިންމުން ތަންފީޒު ކުރުމުގެ ގޮތުން އެއްވެސް ފިޔަވަޅެއް ނޭޅުމަށް އަމުރުކޮށް ދިނުމަށެވެ.ގާޒީ ފަރުހާދު ރަޝީދު ސޮއި ކުރައްވާ ނެެރުއްވި އަމުރުގައި ވިދާޅުވެފައިވަނީ ޝަރީއަތުން ވަކި ގޮތެއް އަންގަންދެން އިލެކްޝަންސް ކޮމިޝަނުން އެމްއާރްއެމް އުވާލުމަށް ނިންމާފައިވާ ނިންމުމަށް އަމަލު ކުރުން ފަސް ކުރުމަށާއި އެމްއާރްއެމް އުވާލުމާއި ގުޅޭގޮތުން ނުވަތަ ކޮމިޝަންގެ ނިންމުން ތަންފިޒު ކުރުމުގެ ގޮތުން އެއްވެސް ފިޔަވަޅެއް ނޭޅުމަށް އަމުރުކުރާ ކަމަށެވެ.އަދި މި އަމުރަކީ ވަގުތީ އަމުރަކަށް އެދުނު ފަރާތުން އިލެކްޝަންސް ކޮމިޝަންގެ މައްޗަށް ކޯޓަށް ހުށައަޅަން ގަސްތުކުރާ ދައުވާއާ ގުޅިގެން ނެރުނު ވަގުތީ އަމުރަކަށް ވާތީ އަމުރު ނެރޭ ތާރީހުން ފެށިގެން 30 ދުވަހުގެ ތެރޭގައި ދައުވާ ހުށައެޅުމަށެވެ. މި މުއްދަތުގައި ދައުވާ ހުށަނާޅައިފިނަމަ މި އަމުރު ބާތިލުވާނެ ކަމަށްވެސް އަންގާފައިވެއެވެ. ސިވިލްކޯޓްގެ އަމުރުގައިވާ ގޮތުން މި މައްސަލާގައި ގޮތް ނިންމާފައިވަނީ އިލެކްޝަންސް ކޮމިޝަންގެ ޣައިރު ހާޒިރުގައެވެ.
އެމްއާރްއެމް އުވާލަން ކޮމިޝަނުން ނިންމި ނިންމުމަކީ ނުފޫޒެއް އޮވެގެން ނިންމި ނިންމުމެއް ކަަމަށް އެމްއާރްއެމުން ދެކެ އެވެ. އެ ޕާޓީގެ ނަޒަރުގައި އެއީ ސިޔާސީ ނިންމުމެކެވެ. އެހެން ބުނާ ވަރަށް ގިނަ ސަބަބުތައް އެ ޕާޓީން ދައްކައެވެ.
އެމްއާރްއެމްގެ ތުހުމަތުތަކާއި ގުޅިގެން ކޮމިޝަނުން ވަކި އެއްޗެއް ނުބުނެ އެވެ. އެ ކޮމިޝަނުން ވަނީ ޒާތީ ނިންމުމެއް އެއް ޕާޓީއަކާމެދު ނުނިންމާނެ ކަމަށް ބުނެފައެވެ. 
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ