ވޯލްޑް ކަޕަށް ޔަމާލް ފިޓްކުރަން ހާއްސަ ޕްލޭނެއް: ފުރަތަމަ މެޗުގައި ކުޅޭނީ ކުޑަވަގުތުކޮޅަކަށް
ނިމިދިޔަ ސީޒަނުގެ ފަހުކޮޅު ލިބުނު އަނިޔާއިން ސަލާމަތްވަމުން އަންނަ ސްޕެއިންގެ ޒުވާން ތަރި ލަމީން ޔަމާލް، ފީފާ ވޯލްޑް ކަޕް 2026 ގެ ނޮކްއައުޓް ބުރަށް ފުރިހަމައަށް ފިޓްކުރުމަށްޓަކައި ކޯޗު ލުއިސް ޑެލަ ފުއެންޓޭ ހާއްސަ ޕްލޭނެއް އެކުލަވާލައިފިއެވެ. ސްޕޯޓް ނޫހުން ރިޕޯޓްކޮށްފައިވާ ގޮތުގައި، 18 އަހަރުގެ ވިންގަރުގެ ރިކަވަރީ ވަރަށް ކުރިއަށްގޮސްފައިވީ ނަމަވެސް، ކޯޗިން ސްޓާފުން ބޭނުންވަނީ އެއްވެސް ރިސްކެއް ނުނަގައި، މުބާރާތުގެ ގްރޫޕް ސްޓޭޖުގައި އޭނާ މަޑުމަޑުން ކުޅުމުގެ ތެރެއަށް ވައްދާށެވެ. އެގޮތުން، ސްޕެއިން ކުޅޭ ފުރަތަމަ މެޗުގައި ކޭޕް ވާޑްއާ ދެކޮޅަށް ޔަމާލަށް ދޭން ނިންމާފައިވަނީ 15 އާއި 20 މިނިޓާ ދެމެދުގެ ވަގުތުކޮޅެކެވެ. މީގެ ބޭނުމަކީ މެޗުގެ ފޯރިއާއި ކޯޗުގެ ޑިމާންޑްތަކަށް އޭނާގެ ހަށިގަނޑު ހޭނުވުމެވެ. ގްރޫޕް ސްޓޭޖުގެ ދެވަނަ މެޗުގައި ސައުދީ އަރަބިއްޔާއާ ދެކޮޅަށް ޔަމާލަށް މިއަށްވުރެ ބޮޑު ރޯލެއް ދޭން ރޭވިފައިވާއިރު، ތިންވަނަ މެޗުގައި އުރުގުއާއީއާ ދެކޮޅަށް އޭނާ ފުރަތަމަ އެގާރައިގައި ކުޅެން އެރުވުމުގެ ފުރުސަތު ބޮޑެވެ. ގްރޫޕްގެ އެއްވަނަ ކަށަވަރުކުރުމަށް އެންމެ މުހިންމުވާނެ މި މެޗުގައި ޔަމާލް ކުޅޭނެ ވަގުތެއް ނިންމާނީ އޭނާގެ ފިޒިކަލް ރިޕޯޓްތަކަށް ބެލުމަށްފަހުގައެވެ. ޔަމާލްގެ މި ރިކަވަރީ ޕްލޭން ކުރިއަށްދަނީ އޭނާގެ ކްލަބް، އެފްސީ ބާސެލޯނާއާ ވެސް ދާއިމީކޮށް މުއާމަލާތްކުރެވި، ދެފަރާތުގެ އެއްބަސްވުމާ އެކުގައެވެ. ބާސެލޯނާއިން ވެސް ގަބޫލުކުރަނީ މި އަނިޔާ މެނޭޖްކުރަމުންދަނީ ވަރަށް ޒިންމާދާރުކަމާއެކު ކަމަށެވެ. ޑެލަ ފުއެންޓޭގެ ސިސްޓަމްގައި ޔަމާލަކީ ހަމައެކަނި ތަފާސްހިސާބަށްވުރެ މާ މުހިންމު ކުޅުންތެރިއެކެވެ. އޭނާގެ ސަބަބުން އިދިކޮޅު ޑިފެންޑަރުންނަށް ބާރުބޮޑުވެ، ޕެޑްރީ އަދި ޑެނީ އޮލްމޯ ފަދަ ކުޅުންތެރިންނަށް ދަނޑުމަތީގައި ޖާގަ ލިބެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ