ޝިލްޕާ ދޮގު ތުހުމަތުތަކެއް ކުރިކަމަށް އެއްބަސްވުމާ ގުޅިގެން ހީނާގެ ނުރުހުމާއި ފާޑުކިޔުން ބަތަލާއަށް

އިންޑިއާގެ ޓެލެވިޒަން ބަތަލާ ޝިލްޕާ ޝިންޑޭ ޖިންސީ ގޯނާގެ ދޮގު ތުހުމަތުތަކެއް ކުރިކަމަށް އެއްބަސްވުމާ ގުޅިގެން ބަތަލާ ހީނާ ޚާން ޝިލްޕާއަށް ވަރަށް ބޮޑަށް ފާޑުކިޔައިފިއެވެ. ކޮމީޑީއަނުން ކަމަށްވާ ބާރްތީ ސިންގް އާއި ހާރްޝް ލިމްބާޗިޔާގެ ޕޮޑްކާސްޓްގައި ވާހަކަ ދައްކަމުން ޝިލްޕާ ބުނީ، މީގެ 10 އަހަރު ކުރިން "ބާބީޖީ ގަރް ޕަރް ހޭން"ގެ ޕްރޮޑިއުސަރު ސަންޖޭ ކޯލީގެ މައްޗަށް ކުރީ ޖިންސީ ގޯނާގެ ދޮގު ތުހުމަތުތަކެއް ކަމަށެވެ. ޝިލްޕާ ބުނި ގޮތުގައި އޭނާ އޭރު އެކަން ކުރީ ލިބެންޖެހޭ ފައިސާ ހޯދުމުގެ އެންމެ ފަހު ފުރުސަތެއްގެ ގޮތުގައެވެ. ޝޯއިން ވަކިވުމަށްފަހު ފައިސާ ނުލިބި ވަރަށް ބޮޑަށް މަގުމަތިވި ކަމަށާއި، އެ ތުހުމަތުތަކަކީ ފައިސާ ހޯދުމަށް ކުރި ކަމެއް ކަމަށް ބަތަލާ ވަނީ އެއްބަސްވެފައެވެ. އަދި ފަހުން އެ މައްސަލަ ހައްލުވެ، ފައިސާ ލިބުނު ކަމަށްވެސް ޝިލްޕާ ވަނީ ބުނެފައެވެ. ޝިލްޕާ މިކަން ހާމަކޮށްފައި ވަނީ މިދިޔަ އަހަރު އަލުން އެ ޝޯއާ ގުޅުނުތާ މަސްތަކެއް ފަހުންނެވެ. ޝިލްޕާ ބުނި ގޮތުގައި މިހާރު ޕްރޮޑިއުސަރުންނާއި ޝޯގެ ޓީމާ ދެމެދު އޮތީ ވަރަށް ގާތް ގުޅުމެކެވެ. ބާރްތީގެ ޕޮޑްކާސްޓްގައި ޝިލްޕާ ދެއްކި ވާހަކަތަކާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުމާއި ނުރުހުމުގެ ބަސްތައް ބަތަލާއަށް އަމާޒުވެފައިވާއިރު، މަޝްހޫރު ފިލްމީ ތަރި ހީނާ ޚާން އިންސްޓަގްރާމް މެދުވެރިކޮށް ބުނެފައި ވަނީ، މިފަދަ އަންހެނުންނަކީ ގާނޫނާއި ނިޒާމަށް މަލާމާތްކުރާ ބައެއް ކަމަށެވެ. ޝިލްޕާ ޝިންޑޭ "ބާބީޖީ ގަރް ޕަރް ހޭން"ގެ މަންޒަރެއްގައި--ފޮޓޯ/އެންޑީޓީވީ "އަންހެނަކު މިފަދަ ދަށު ދަރަޖައިގެ އަމަލަކަށް އެއްބަސްވުމުން، އެކަމަށް އެހެން އަންހެނުން ސަޕޯޓު ކުރަނީ ކީއްވެ؟ މިއީ ކުށެއް. އެ ދޮގު ތުހުމަތުގެ ސަބަބުން އެ މީހާ ލަދުން އަމިއްލައަށް މަރުވި ނަމަ ނުވަތަ އޭނާގެ ކައިވެނި ރޫޅުނު ނަމަ ވާނީ ކިހިނެއް؟ ތި މީހުންގެ ބުއްދި ސަލާމަތުން އެބަހުރިތަ؟" ހީނާ އޭނާގެ އިންސްޓަގްރާމް ސްޓޯރީގައި ލިޔެފައިވެއެވެ. "ޝިލްޕާގެ މި އަމަލުގެ ސަބަބުން 'މީ ޓޫ' ފަދަ މުހިންމު ހަރަކާތްތަކުގެ އަގު ވެއްޓި، އޭގެ ސީރިއަސްކަން ގެއްލިގެންދޭ. އޭނާ މިއަދު އެއްވެސް ދެރަވުމެއް ނެތި އެކަމަށް އިއުތިރާފުވުމުން މީހުންނަށް ހީވާނީ މިއީ ހަމަ އާދައިގެ ކަމެއް ކަމަށް" ހީނާ އިތުރަށް ލިޔެފައިވެއެވެ. ހީނާގެ ފާޑުކިޔުންތަކަށް ރައްދު ދެމުން ޝިލްޕާ އިންސްޓަގްރާމްގައި ހިއްސާކުރި ވީޑިއޯގައި ބުނެފައި ވަނީ، އޭނާގެ ނަން ބޭނުންކޮށްގެން މަޝްހޫރުކަން ހޯދުން ހުއްޓާލަން ވެއްޖެކަމަށެވެ. ހީނާގެ ނަން ބޭނުންނުކޮށް ޝިލްޕާ ބުނެފައި ވަނީ، މަޝްހޫރުކަން ބޭނުންވަނީ ނަމަ، އެމީހަކު ތަހައްމަލުކުރަމުންދާ ބައްޔާއި އާއިލާގައި ހުރި ހިތާމަވެރި ކަންކަމާ ގުޅޭގޮތުން ވާހަކަ ދެއްކުން މާ ރަނގަޅުވާނެ ކަމަށެވެ. ހީނާ އިތުރަށް ބުނެފައި ވަނީ، އޭނާގެ މި ފާޑުކިޔުމާ، ބިގް ބޮސް ސީޒަން 11ގައި ޝިލްޕާއާ މެދުގައި އޮތް ވާދަވެރިކަމާ ގުޅުމެއް ނެތް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ