ލޯކަލް މާރުކޭޓު ހުރި ބިމުގައި މަސްމާރުކޭޓެއް ހަދަން މާލޭ ސިޓީ ކައުންސިލުން އަމިއްލަ ކުންފުންޏަކާއެކު ވެފައިވާ އެއްބަސްވުން ބާތިލްކޮށްދޭން އެ ކުންފުނިން އެ އިދާރާގައި އަމިއްލައަށް އެދިފައިވާއިރު ވެސް އެކަން ނުކޮށް އޮތް ކަމަށް ކޮންސްޓްރަކްޝަން މިނިސްޓްރީން ބުނެފިއެވެ.
ކޮންސްޓްރަކްޝަން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މި ސަރުކާރުން ލޯކަލް މާރުކޭޓު ހުރި ބިމުގައި ހިންގަން އުޅޭ ”ވެޓް މާކެޓް“ މަޝްރޫއުއަށް އެ ބިން ހަވާލުކޮށްދޭން ސިޓީ ކައުންސިލުގައި ތަކުރާރުކޮށް އެދުނު ނަމަވެސް އެ ބިން ހަވާލުކުރެވެން ނެތް ކަމަށް ބަޔާންކޮށް އެ އިދާރާ އިން މިދިޔަ މަހުގެ 20 ގައި ސިޓީއެއް ފޮނުވާފައިވާ ކަމަށެވެ.
އެ ބަޔާނުގައި ވަނީ އެއްވެސް ބަދަލަކާ ނުލައި އެއްބަސްވުން ބާތިލުކުރުމަށް ހައިރު އިންޖިނިއަރިން ކުންފުނީގެ ފަރާތުން ކައުންސިލަށް ވަނީ ސިޓީ ފޮނުވައިފައެވެ. އެހެންނަމަވެސް މިއަދާ ހަމައަށް ވެސް އެ އެއްބަސްވުން އުވާލުމުގެ މަސައްކަތް ކައުންސިލުން ކޮށްފައިނުވާ ކަމަށް ވަނީ ބުނެފައެވެ.
މިނިސްޓްރީން ބުނީ ވެޓް މާކެޓް ކޮމްޕްލެކްސްގެ މަޝްރޫއު ސަރުކާރުން ކުރިއަށް ގެންދަނީ މާލޭ ސިޓީ ކައުންސިލުން ޕްލޭންކޮށް، ޑިޒައިން ކޮށްފައިވާ ގޮތަށް ކަމަށެވެ. އެ ކައުންސިލުން މަޝްރޫއު ކުރިއަށް ގެންދިއުމުގެ ގޮތުން އެއްވެސް ކަމެއް ނުކޮށް އޮތުމުން އާންމުންނަށް ދިމާވާ ދަތިތަކަށް ހައްލެއް ހޯދައިދިނުމަކީ ސަރުކާރުން ކޮށްދޭން ޖެހޭ ކަމެއް ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.
މާލޭ ސިޓީ ކައުންސިލުން އެ މަޝްރޫއު ހަވާލުކޮށްފައިވާ ކުންފުނިން ވަގުތީ ގޮޅިތައް ހެދުން ފިޔަވައި އަމަލީ އެއްވެސް މަސައްކަތެއް ކޮށްފައި ނުވާތީ، އެ މަޝްރޫއުގެ އެއްބަސްވުން ބާތިލްކުރުމަކީ އެކަމުގައި އެއްވެސް ހުރަހެއް އޮތްކަމެއް ކަމުގައި ނުދެކޭ ކަމަށް މިނިސްޓްރީން ބުންޏެވެ. އަދި އެ އެއްބަސްވުން ބާތިލްނުކުރި ނަމަވެސް އެ ބިން ސަރުކާރާއި ހަވާލުކުރުމަށް ހުރަހެއް އޮތް ކަމަށް ނުދެކޭ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.
މިނިސްޓްރީން ބުނީ މި މަޝްރޫއުގެ އިދާރީ ކަންކަމާއި ފައިނޭންސް ހަމަޖެހި، ކޮންޓްރެކްޓަރު ވެސް އަމަލީ މަސައްކަތް ފެށުމަށް ފުރިހަމައަށް ތައްޔާރުވެފައިވީ ނަމަވެސް، މި މަސައްކަތް ނުފެށި ލަސްވާ ހަމައެކަނި ސަބަބަކީ މަޝްރޫއު ހިންގުމަށް ކަނޑައަޅާފައިވާ ބިން ހުސްކޮށް މިނިސްޓްރީއާ ހަވާލުކޮށްފައިނުވުން ކަމަށެވެ.
މަސް މާރުކޭޓުގެ އެއްބަސްވުން ބާތިލުކޮށްދޭން ކުންފުނިން އެދުމުން ވެސް ކައުންސިލުން އެކަން ނުކުރޭ: މިނިސްޓްރީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ