އަބްދުﷲ މަރުވުމަކީ ހިތާމައެއް: ސީޕީ

މަސްތުވާތަކެތީގެ މައްސަލައެއްގެ ތުހުމަތުގައި ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ ގދ. ހޯޑެއްދޫ، ސްވެން، އަބްދުﷲ ރަޝީދު މަރުވުމަކީ ވަރަށް ހިތާމަވެރި ކަމެއް ކަމަށް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެ އެވެ.
ސީޕީ މިހެން ވިދާޅުވެފައި މިވަނީ ފުލުހުންގެ ބެލުމުގެ ދަށުގައި އަބްދުﷲ ހުއްޓާ ކުއްލިއަކަށް މަރުވި މައްސަލައިގައި ފުލުލުހުންގެ އިހްމާލު އޮތް ކަމަށް ބުނެ އަބްދުﷲގެ އާއިލާއާއި ބައެއް އާންމުންވެސް ފުލުހުންނަށް ބޮޑެތި ތުހުމަތުތަކެއް ކުރަމުން ދަނިކޮށެވެ.
އަބްދުﷲ ހައްޔަރުކުރީ މަސްތުވާތަކެތީގެ މައްސަލައެއްގައި ކަމަށް ފުލުހުން ކުރިން ބުނި ނަމަވެސް އޭނާއަށް ކުރަނީ އެކަމުގައި ކޮން ކަހަލަ ތުހުމަތެއް ކަމެއް މީގެކުރިން ފުލުހުން ހާމަކޮށްފައެއް ނުވެ އެވެ.
ނަމަވެސް ސީޕީ ހަމީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އަބްދުﷲ ހައްޔަރުކުރީ މަސްތުވާތަކެތި ރާއްޖެއަށް އެތެރެކުރިކަމުގެ ތުހުމަތުގައި ކަމަށެވެ.
ސީޕީ ވިދާޅުވީ އަބްދުﷲ ރަޝީދު ފުލުހުންގެ ބަންދަށް ގެނެވިފައި ހުއްޓާ މަރުވުމަކީ ވަރަށް ހިތާމަވެރިކަމެއް ކަމަށެވެ. އަދި ފުލުހުންގެ އިހުމާލެއް އޮތްތޯ ބެލުމަށް ހިންގާ ތަހުގީގަށް ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމުގައިވެސް ވިދާޅުވި އެވެ.
ފުލުހުން ހޯޑެއްދޫގައި މިދިޔަ އަންގާރަ ދުވަހު ފެށި އޮޕަރޭޝަންގައި އަބްދުﷲއާއި އެކު އިތުރު ދެ މީހަކު ވެސް ހައްޔަރުކުރި އެވެ. އޮޕަރޭޝަންގެ ތެރެއިން ހޯޑެއްދޫ ވަލު ތެރެ ބަލައި ފާސްކުރަނިކޮށް ފޮރުވާފައި ހުރި ގިނަ އަދަދެއްގެ މަސްތުވާތަކެތި ފުލުހުން ވަނީ ހޯދާފަ އެވެ.
ސީޕީ ވިދާޅުވީ ފޮރުވާފައި ހުރި މަސްތުވާތަކެއްޗަކީ މައްސަލައިގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ މީހަކު ފޮރުވާފަފައިވާ ތަކެތި ކަމަށެވެ.
"ގދ. ހޯޑެއްދޫގެ އެހެނިހެން ތަންތަން ކުރިއަށް އޮތް ވަގުތުތަކުގައި ފުލުހުން ބަލައި ފާސްކުރާނެ." ސީޕީ ވިދާޅުވެފައިވެ އެވެ.
އަބްދުﷲގެ ހަށިގަނޑުގެ އޮޓޮޕްސީ ހަދަން ފުލުހުން ތައްޔާރުވަމުންދާތީ އާއިލާގެ ނުރުހުމުގައި އެކަން ކޮށްފިނަމަ އަބްދުﷲގެ ހަށިގަނޑާ ހަވާލު ނުވާނެ ކަމަށް އާއިލާ އިން ވަނީ ބުނެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ