ހަވީރު މީޑިއާ ގްރޫޕްގެ ދަށަށް ހަވީރު އޮންލައިން ބަދަލުކުރީ ގާނޫނާ ޚިލާފަށް: ތިން ހިއްސާދާރުން

ހ. ނީލްވިލާ މުހައްމަދު ޒާހިރު ހުސައިންގެ ތިން ބޭފުޅެއްގެ ހިއްސާ އޮންނަ ހަވީރު މީޑިއާ ގްރޫޕްގެ ދަށަށް ހަވީރު އޮންލައިން ބަދަލުކުރީ ގާނޫނާ ޚިލާފަށް ކަމަށް ހަވީރުގެ ތިން ހިއްސާދާރެއް ކަމުގައިވާ ގ. ކޮއްގިރި އަބްދުﷲ ފާރޫގު ހަސަނާއި ހ. މީރުބަހުރުގެއާގޭ އިބްރާހީމް ރަޝީދު މޫސާ އަދި ހ. ޓައިމްލެސް މުހައްމަދު ނައީމް ވިދާޅުވެއްޖެ އެވެ. އެ ތިން ބޭފުޅުން ނެރުއްވި ބަޔާނެއްގައި ވަނީ ހަވީރު މީޑިއާ ގްރޫޕްގެ ދަށުން ހަވީރުގެ ބައެއް ވިޔަފާރިތައް ހިންގަން ނިންމައި ހަވީރު އޮންލައިން އެކުންފުނީގެ ދަށަށް ގެންދިޔައީ 2013 ވަނަ އަހަރުގެ މެއި މަހުގެ 14 ވަނަ ދުވަހު ކަމަށެވެ. އެކަން އެގޮތަށް ކޮށްފައި ވަނީ 1983 ވަނަ އަހަރުގެ މާޗް މަހުގެ 31 ވަނަ ދުވަހު ހަވީރު ނިއުސް އެޖެންސީ އުފެއްދުމަށް ފައުންޑަރުން އެއްބަސްވި އެއްބަސްވުމާއެއްގޮތަށް ހަވީރު ހިންގުމުގެ ކަންތައް ކުރިއަށް ގެންދިޔުމަށް އެދި 2013 ވަނަ އަހަރުގެ މާޗް މަހުގެ 14 ވަނަ ދުވަހު އިބްރާހީމް ރަޝީދު މޫސާ އާއި އަބްދުﷲ ފާރޫގު ހަސަން، ޒާހިރު ހުސައިނަށް ފޮނުވި ސިޓީއާ ގުޅިގެން އޭނާ އެޅުއްވި ފިޔަވަޅެއް ކަމަށް ޔަގީނާ ގާތަށް ބެލެވޭ ކަމަށް ވެސް އެ ބަޔާނުގައި ވެއެވެ. ޒާހިރު ހުސައިންގެ ތިން ބޭފުޅުން އުފައްދާފައިވާ ކުންފުންޏެއްގެ ދަށަށް ހަވީރު ބަދަލުކުރީ ގާނޫނާ ޚިލާފަށޭ ބުނަންޖެހެނީ ގާނޫނާއި ގަވާއިދުގެ ތެރެއިން ވެފައި އޮތް ހަވީރު ނިއުސް އެޖެންސީ އުފެއްދުމަށް ފައުންޑަރުން އެއްބަސްވި އެއްބަސްވުމާ ޚިލާފަށް ކުރި ކަމެއް ކަމުގައިވާތީ ކަމަށް އެ ބަޔާނުގައި ވެއެވެ. "މަތިވެރި އިސްލާމީ ޢާލިމެއް ކަމުގައި ވާ އިމާމް މާލިކު ބިން އަނަސް ވިދާޅުވެފައި ވަނީ 'އަލް އަޤުދު ޝަރީޢަތުލް މުތަޢާގިދައިނި" މިފަދައިންނެވެ. މާނައަކީ 'ވެވިފައި އޮންނަ އަޤުދަކީ، އެ އަޤުދު ވާ މީހުންނަށް އޮތް ޝަރީޢަތެކޭ، ނުވަތަ ޤާނޫނެކޭ' މިއެވެ. ވީމާ ހަވީރު ނިއުސް އެޖެންސީ އުފެއްދުމަށް ފައުންޑަރުން އެއްބަސްވި އެއްބަސްވުން މިއީ ހަވީރު ނިއުސް އެޖެންސީގެ ހަތަރު ފައުންޑަރުން ވެސް އެ މައްޗަށް އަމަލުކުރުން ލާޒިމް އެއްޗެކެވެ. ޢަޤުދާ ޚިލާފުވެގަތުމީ، ގާނޫނާ ޚިލާފުވެގަތުމެވެ. އެހެނީ، އަޤުދަށް ހުރުމަތްތެރިކޮށް ހިތުމުގެ ޤާއިދާ އަންނަނީ ޤާނޫނުންނެވެ،" އެ ބަޔާނުގައި ވެއެވެ. --------------------------------------- ހަވީރު ނޫހުގެ ތިން ހިއްސާދާރުން ކަމުގައިވާ އަބްދުﷲ ފާރޫގު ހަސަނާއި އިބްރާހީމް ރަޝީދު މޫސާ އަދި މުހައްމަދު ނައީމް ނެރެފައިވާ ނޫސް ބަޔާން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ